16 އޮކްޓޯބަރ 2022 - 06:24

ބުދަ ދުވަހާ ގުޅޭ
މުޖުތަބާ އެހެން ބުނި އިރު ނަޒްދާގެ ފޯނު ނަގައިފިއެވެ. ނަޒްދާ ވަގުތުން އެ ފޯނު ޖަހައިގަތެވެ.
"މުޖޫ ކީއްކުރަން ތި ކަމާ އުޅެނީ؟" ނަޒްދާ ބުންޏެވެ. "ސްކޫލުން އުޅޭނެއްނު! ގުޅަންޏާ މުޖޫގެ ފޯނުން ގުޅާ. އަހަރެން ބޭނުމެއް ނޫން ފާޑުފާޑުގެ މީހުންނަށް އަހަރެންގެ ނަންބަރު އެނގޭކަށް."
ވާހަކަދައްކަމުން ނަޒްދާ ސިއްރުން ފޯނަށް ބަލައިލިއެވެ. ނަސީބަކުން ފޯނު އޮތީ އެއްވެސް މީހަކާ ގުޅިފައެއް ނޫނެވެ.
"ނިމޭ އިރު ތި ވެސް ވާނީ އެ ނީޒާގެ ކަމަކަށް،" ނުކުންނަން ހިނގައިގަންނަމުން ނަޒްދާ ބުންޏެވެ. "ފައްކާ ޑްރާމާ ކްއީނެއް. އާދޭ ކާން. އަލި މަޑުކޮށްލާފަ ނުކުންނާތި!"
މުޖުތަބާއަށް ވެސް ހީވަނީ އެއީ ނީޒާ ކުރުވިކަމެއްހެންނެވެ. ނީޒާ އުޅޭނީ އަޒާން ދެކެ މާ ގަދަ ލޯތްބެއްވެގެންނެވެ. ބުނަން ވެސް ބުނެއެވެ. ވަރިނުކުރި ނަމަ އެއީ ނީޒާއާއި މުޖުތަބާގެ ދަރިއަކަށްވީހެވެ.
ރޭގަނޑު ކާންތިއްބައި ނަޒްދާއަށް ފޯނެއްއައެވެ. އަރާފައި އޮތީ ނުދަންނަ ނަންބަރެކެވެ. ފޯނު ބޭއްވިފައި އޮތީ މޭޒުމަތީގައިކަމުން މުޖުތަބާއަށް ވެސް ފޯނު ފެނުނެވެ. އަރާފައިވާ ނަންބަރު ވެސް ފެނުނެވެ. ގުޅާނީ ކާކުކަން ނަޒްދާއަށް އެނގެއެވެ. އެ ކަހަލަ ކަމެއް ވެދާނެތީ، މުޖުތަބާ ގޭގައި އުޅޭ އިރު ފޯނު ރަނގަބީލުނުވާ ގޮތް ހެދުމާއި، މުޖުތަބާއަށް ނުފެންނަ ހިސާބެއްގައި ފޯނު ބާއްވަން ނަޒްދާ ވަރަށް ހަނދާންބަހައްޓައެވެ. އެ ފަހަރު އެހެން ނުވީއެވެ.
"ނަގާބަލަ!" ނަޒްދާއަށް ބަލައިލަމުން މުޖުތަބާ އެދުނެވެ.
"ކީއްކުރަން؟" ޗޮކެއްކަނޑައިލާފައި ނަޒްދާ ބުންޏެވެ. "އަހަރެން ދަންނަ މީހެއް ވިއްޔާ ނަންބަރު އަރާނެ. ދެން ފޯނުނަގާ އިރަށް ބުނާނެ ގުރުއަތުން ފްލެއްޓެއް ދިމާވެއްޖޭ އޭއްޗެކޭ މީއްޗެކޭ."
މުޖުތަބާ ވިސްނަން އިނދެފައި ކުއްލިއަކަށް ފޯނު ނެގިއެވެ. ނަޒްދާ ދިޔައީ ސިއްސައިގެންނެވެ. ގުޅި މީހަކު މުޖުތަބާއަކާ ވާހަކައެއް ނުދައްކާނެއެވެ. އެ ހިސާބުން ކަންތަކާޖެހުނީއެވެ. އޮޅުވައިލަން ދައްކާނެ ބަހަނާއެއް ވެސް ނަޒްދާއަކަށް ނުވިސްނެއެވެ. މުޖުތަބާ ފޯނު ނެގި ގޮތަށް ވާހަކަދައްކަން ފެށިއެވެ. ނަޒްދާ ބަލަހައްޓައިގެން އިނެވެ.
"ފޯނު ޗާޖަށްޖަހާފަ ރޫމްގަ އޮންނާނީ،" މުޖުތަބާ ހީނގެންފައި ބުންޏެވެ. "ނަސީބެއްނު ތި ނަންބަރު ހަނދާންހުރިކަން. ވިއްސަކަަށް މިނެޓު ފަހުން އާދޭ."
ނަޒްދާއަށް ފޯނު ދިއްކޮށްލާފައި، ނިކަން އަވަސްއަވަށް މުޖުތަބާ ކާން ފެށިއެވެ.
"ރިއްޕެ! ކޮފީއަކަށް ދާންވެގެން،" މުޖުތަބާ ބުންޏެވެ. "ނަސީބެއް ނަޒްދާގެ ނަންބަރު ދެވިފަ އޮތްކަން. އޭނަ އުޅެނީ ބިޓާ މައްސަލަޖެހިގެން. މައްސަލަ ހައްލުކުރަން މި ޖެހެނީ އަހަންނާ."
އިރުކޮޅަކުން މުޖުތަބާ ކައި ނިންމައިގެން ދިޔައެވެ. ނަޒްދާ އެ ނަންބަރު ބަލައިލިއެވެ. އެެއީ ނަޒްދާއަށް ގުޅާ ނަންބަރެއް ނޫނެވެ. ނަޒްދާ އަނެއްކާ ވެސް ކުރިން ގުޅި ނަންބަރަށް ގުޅައިލިއެވެ. އެއް ފަހަރު ރަނގަބީލުވާ އިރަށް ފޯނު ނެގިއެވެ.
"ހާދަ އިރެއްވެއްޖޭ އިންތިޒާރުކުރާތާ!" ހިތްގައިމު އަޑަކުން އެ މީހަކު ބުންޏެވެ. "ލަންޗްބޮކްސް ދީގެން މައްސަލަ ހައްތަހާ ގޯސް ދޯ ވީ؟ މާފަށްއެދެން. އަހަރެން ބޭނުމެއް ނޫން ނަޒްދާ ޓެންޝަނަށް ދާކަށް."
ވާހަކަދައްކާކަށް ނަޒްދާ ބޭނުމެއް ނޫނެވެ. ހިތަށްއެރިއެވެ. ކުރާނީ ކީއްހެއްޔެވެ؟ ހިތަށް ހަމަޖެހުމެއް ހޯދުމަށް ޓަކައި ހިތްހަމަނުޖެހޭ ކަންތައް ވެސް ކުރަންޖެހޭނެއެވެ. އެކަމަކު ކޯލު ރިކޯޑުކޮށްފާނެއެވެ. ފަހުން ނަޒްދާޔާ ދެކޮޅަށް ބޭނުންކޮށްފާނެއެވެ.
"ވާހަކަދައްކާ!" އޯގާތެރިކަމާ އެކުގައި އެ މީހަކު ބުންޏެވެ. "ތި އަޑުއަހާލާ ހިތުން ހުންނަތާ ހާދަހާ އިރެއް ވެއްޖޭ! އަހަންނަށް އެނގޭ މުޖޫ އުޅެނިކޮށް ނުގުޅާނެކަން. އެހެންވެ އޭނަ ބޭރަށް މި ފޮނުވާލީ. ރިއްޕެއަކީ އަހަރެންގެ ވެސް ފްރެންޑެކޭ. ތެދެއް. އޭނަ އުޅެނީ ބޯސަކަރާތްވެގެން. އަހަރެން ވެސް ވަރަށް ނަސޭހަތްދީފިން. ފްރެންޑުން ހާލުގަޖެހުނީމަ ޖެހޭނެ ދޯ އެހީ.."
"އަހަރެން ބޭނުމެއް ނޫން ތި ވާހަކަ އަޑުއަހާކަށް،" ނަޒްދާ ނުރުހިފައި ބުންޏެވެ. "ތިހާ ނައިސް މީހެއް ވިއްޔާ އަހަންނަށް ވެސް އެހީއެއްވާންވީނު؟"
"ބުނޭ! ބޭނުންކަމެއް ބުނޭ!" އޭނަ ވަގުތުން އެދުނެވެ.
"އަހަންނަށް ނުގުޅަބަލަ! ފާޑުފާޑުގެ އެއްޗެހި ނުފޮނުވަބަލަ!" މޫމިނާ ބުނިހާ އޯގާތެރިކޮށެއް ނަޒްދާއަކަށް ވާހަކައެއް ނުދެއްކުނެވެ. "އަހަރެން އުޅެނީ މީހަކާއިނދެގެން. ކުއްޖަކު ވެސް އެބަ ހުރި. ހެޔޮނުވާނެ! އަހަރެންގެ ދަރިފުޅަށް ދެން އެއްޗެހި ނުފޮނުވާތި! އަހަންނަށް ކަމެއްކޮށްދެންޏާ، މި ގެއަށް ވަންނަން ކީއްކުރަން، ގެ ހުރި ހިސާބަށް ނައިއްޔާ ރަނގަޅީ."
"އަހަރެ.." އޭނައަށް ބުނެވުނީ އެ ހިސާބަށެވެ.
ނަޒްދާ ފޯނުކަނޑައިލިއެވެ. ހިތަށްއެރިއެވެ. މި ކުރެވުނީ ވެސް ރަނގަޅުކަމެއް ނޫނެވެ. އޭނަ ގާތަށް ރުޅިއަތުވެއްޖެއްޔާ، ކުރިޔަށް ވުރެ ބިރުވެރިކަމެއް ވެސް ކޮށްފާނެއެވެ.
އަސުރުން ފައިބައިގެން މުޖުތަބާ ފިހާރަ ހުޅުވަނީ ހަތަރެއްޖެހީމައެވެ. ބަންގިގޮވަނީ ތިންގަޑި ނުވައެއްގައެވެ. އެހެންކަމުން މިސްކިތުން ފައިބައިގެން ވިއްސަކަށް މިނެޓު ހުސްކޮށް ލިބެއެވެ. މުޖުތަބާ ކެފޭއަށް ވަން އިރު އިންތިޒާރުގައި ނީޒާ އިނެވެ. ނީޒާ ފެނުމުން މުޖުތަބާގެ ރުޅިގަނޑު އަނދައިގަތެވެ. ނީޒާއަކަށް އެ ކަމެއް ނޭނގެއެވެ. ނީޒާ އިނީ ވަރަށް އުފާވެފައެވެ.
"މުޖޫ ގުޅީމަ ވަރަށް އުފާވި،" މުޖުތަބާ އިށީން އިރު ނީޒާ ބުނެއެވެ. "ކީއްކުރަން މި ތަނަށް އަންނާށޭ ބުނީ؟ އަހަރެންގެ ގެއަށް އައި ނަމަ. ހުންނާނެ އެއްކަލަ ކޮފީ ވެސް."
"ބުނަން ނީޒާ ވާހަކައެއް؟" މުޖުތަބާގެ އަޑު މަޑު ނަމަވެސް، ރާގު ހަރުކަށްޓެވެ. "ދަރީގެ ބޮލަށް ޗިޕުނުޖަހާތި! އެއަށް ވުރެ އަހަރެން ރުޅިއަންނަކަމެއް ނޯންނާނެ."
ނީޒާ ކުއްލިއަކަށް ހުއްޓުންއެރިއެވެ. މޫނުމަތިން ފެނުނު ހިނިތުންވުން ފޭދިގެން ގޮސް ގެއްލުނެވެ. މުޖުތަބާ އެ ދައްކަނީ ކޮން ވާހަކައެއްކަމެއް ނީޒާއަކަށް ނޭނގެއެވެ.
"ކީކޭ ތި ކިޔަނީ؟" ނީޒާ ސުވާލުކުރިއެވެ.
ކަންކަން ކޮށްފައި ނޭނގޭކަމަށް ހެދުމާއި، ކަންދެއްކުމަކީ ނީޒާ އަލަށް ކުރާކަމެއް ނޫނެވެ. އެ ކަހަލަ އެތައް ތަމުސީލެއް މުޖުތަބާ ބަލައިފިއެވެ. ދެ މީހުންގެ ކައިވެންޏަށް ވީ ހަފުތާއެކެވެ. އެކަމަކު ނީޒާ މާބަނޑުވިކަމަށް ހެދުނެވެ. ބަނޑަކުން ނޭނގެއެވެ. ދެން ބުނީ ބައިގެންދިޔައީކަމަށެވެ. ކައިވެނީގެ ދެވަނަ ރޭ ތަންކޮޅެއް ލަހުން މުޖުތަބާއަށް ގެއަށް އާދެވުމުން، ހޭނެތިފައިކަމަށް ހެދިގެން އެތައް އިރަކު ނީޒާ އޮތެވެ. ރައްޓެހިވި އިރު ނީޒާ އުޅުނީ މުށިކުލައެއްގެ ލެންސެން ލޮލަށް ލައްވައިގެންނެވެ. އެ ކަން ވެސް ފަޅާއެރީ ފަހުންނެވެ. ފަޅާއެރުމުން ވެސް، ކުރިން ލެންސެއް ލެއްވިކަމަކަށް އެއްބަހެއް ނުވިއެވެ. ފޮޓޯ ދެއްކުމުން ވެސް ވީ، އަލިއެޅިފައި ހުރި ގޮތަކުން ވީ ކަމަކަށެވެ.
"އަޑުއަހާ!" މުޖުތަބާ އެދުނެވެ. "ކުރި ކަންތަކަށް މާފުކޮށްފިން. ދެން އެ ކަހަލަ ކަމެއް ނުކުރާތި!"
ނީޒާ ދިފާއުގައި ވާހަކަދައްކަން އުޅުނެވެ. މުޖުތަބާ އެ ފުރުސަތެއް ނުދިނެވެ.
"އެއްވެސް ވާހަކައެއް އަޑުއަހާކަށް ބޭނުމެއް ނޫން،" މުޖުތަބާ ބުންޏެވެ. "މި ބުނަނީ ދެން އެ ކަހަލަ ކަމެއް ނުކުރައްޗޭ! އާނއެކޭ ނޫން އެއްވެސް އެއްޗެއް މި ވަގުތަކު އަޑެއްނާހާނަން."
"އޯކޭ!" ނީޒާ ބުނީ މުޖުތަބާ އަހަން ބޭނުންވި އެއްޗެވެ. "ނިމުނީނު! ދެން ތި ރުޅިމަޑުކުރޭ! އަސްލު އަހަރެން ވަރަށް ސީރިޔަސްކޮށް މި ބުނަނީ. އަހަރެން އަޒާންގެ ބޮލަކަށް އެއްވެސް ޗިޕެއް ނުޖަހަން. ހަތިމުގަ އަތްލާފަ ހުވާ ވެސް ކޮށްފާނަން. އަހަންނަކަށް ނޭނގޭ މުޖޫ ތި ކިޔަނީ ކީކޭކަމެއް. އެކަމަކު މުޖޫ ބުނީމަ މި އެއްބަސްވީ. އަސްލު ކިހިނެއްތަ ވީ؟"
މުޖުތަބާ ފާޑަކަށް ބަލަހައްޓައިގެން އިނީއެވެ. ނީޒާ ދައްކާ ވާހަކައެއް މުޖުތަބާއަކަށް ގަބޫލެއް ނުކުރެވެއެވެ.
މެންދުރުފަހު އަޒާން ޓިއުޝަނަށް ލައިފައި ނަޒްދާ ފޮތްފިހާރައަށް ދިޔައެވެ. މެންދުރުފަހު ފިހާރަ ހުޅުވީ ނަޒްދާއެވެ. ފިހާރައިގެ ބަންދުބޯޑު އަނބުރާލައިފައި ނަޒްދާ ގޮސް ގޮނޑީގައި އިށީނެވެ. އާންމު ގޮތެއްގައި ތަން ހުޅުވަން ނަޒްދާ އަންނަ އިރު ބަޝީރު ދޮރުމަތީގައި ހުރެއެވެ. ބަޝީރަކީ އެ ތަނުގައި މަސައްކަތްކުރާ ބިދޭސީމީހެކެވެ. އޭނަ ހުރީ މީހަކާ ވާހަކަދައްކާށެވެ. ނަޒްދާއަށް އެ ތަން ނުފެނުނީއެވެ.
"ތިރީސް މިނެޓު ފަހުން ފިހާރައަށް އަންނަނީ. މިހާރު އިހަށް ދަނީ،" އެ މީހާ ބުންޏެވެ. "ތިރީސް އެނގޭ ދޯ؟"
"އާނ ތިރީސް އެނގެނީ. އެކަމަކު ލަހުން ދިޔައިމަ ބޮސް ލާރި ކަނޑަނީމާ އަހަރެން..." ބަޝީރަށް ބުނެވުނީ އެ ހިސާބަށެވެ.
ބަޝީރާ ވާހަކަދައްކަން ހުރި މީހާ ސަތޭކަ ރުފިޔާ ދިއްކޮށްލިއެވެ. ނިސްބަތުން އެއީ ބޮޑު އެއްޗެކެވެ. ބަޝީރު ނާންނާތީ ނަޒްދާ ފޯނުން ބަޝީރަށް ގުޅިއެވެ. ބަޝީރު ބުނި ގޮތުގައި، ފިހާރައަށް އަންނަނިކޮށް ފާހާނައަކަށް ދާންޖެހުނީއެވެ. ދެއްކި ބަހަނާއަކީ އެއީއެވެ. އެ ވަގުތު ފިހާރަ ތެރެއިން މީހަކު ގޮވައިލި އަޑުއިވުނެވެ.
"އެކްސްގިއުޒް!" އޭނަ ބުންޏެވެ.
ފިހާރަޔަށް މީހަކު ވަންކަމެއް ނަޒްދާ ނުވެސް ދެނަހުއްޓެވެ. ނަޒްދާ ހިތަށްއެރިއެވެ. ފޯނަށް ސަމާލުކަންދީގެން އިނުމުން އެ މީހަކު ވަން އަޑު ނީވުނީބާއެވެ؟ ނަޒްދާ ދިޔައެވެ. އެ މީހާ ހުރީ ކުޑަކޮށް ފުރަގަސްދީގެންނެވެ.
"ވަރަށް ރީތި ލަވްސްޓޯރީއެއް މި ހޯދަނީ!" ފޮތްތައް ނަގައި ބަހައްޓަމުން އޭނަ ބުންޏެވެ. "ނަމެއް ހަނދާނެއް ނެތް. ކޮބާ އެންމެ ރީތި ލަވްސްޓޯރީތަކަކީ؟"
ނަޒްދާ ކޮންމެވެސް ވަރަކަށް ވާހަކަކިޔައެވެ. އެހެންކަމުން، ދެތިން ފޮތަކަށް އިޝާރާތްކޮށްލިއެވެ.
"އެއީ ވަރަށް ސިންޕަލް އެކަމަކު ޔުނީކް ސްޓޯރީއެއް." އޭނަ ބުންޏެވެ.
"ސްޓޯރީގަ ވާ ގޮތް އެނގިއްޖެއްޔާ، ހޯދާލަން ތަންކޮޅެއް ފަސޭހަވާނެ،" ވިޔަފާރިކުރަން އަންނަ މީހާއަށް ހަދިޔާކުރާ ކަހަލަ ހިނިތުންވުމަކާ އެކު ނަޒްދާ ބުންޏެވެ. "ނޫނީ އޯތަރގެ ނަން އެނގުނަސް އޯކޭ."
"އޯތަރ ވެސް ހަނދާނެއް ނެތޭ! ވަރަށް ރީތި އަންހެންކުއްޖެއް އުޅޭނީ. ވާހަަކަ ފެށޭ އިރު ވެސް އޭނަ އުޅޭނީ މީހަކާ އިނދެގެން. ކިޑެއް ވެސް ހުންނާނެ. ބޯއީއެއް،" އޭނަ ތަފުސީލުކޮށްދިނެވެ. "އެކަމަކު އޭނަގެ ހަސްބަންޑް އޭނައަކަށް ކެއާއެއް ނުކުރާނެ. ހަސްބަންޑްގެ ހުންނާނެ އެކްސްއެއް ވެސް. އެ ދެ މީހުންގެ ގުޅުން އޭރު ވެސް ކިހާ ބޮޑުކަމެއް ވައިފްއަކަށް ނޭނގޭނެ."
ވެގެންއުޅޭ ގޮތް ނަޒްދާއަށް ވިސްނެން ފެށީ އެ ހިސާބުންނެވެ. ފޮތްތަކަށް ދިން ސަމާލުކަން ދޫކޮށްލާފައި ދެން ނަޒްދާ އެނބުރުނީ މީހާޔާ ދިމާއަށެވެ.
"އެއްދުވަހަކު އަންހެންކުއްޖާ ކެފޭއެއްގަ އިންދާ އަންނާނީ ސްޓްރޭންޖަރއެއްގެ މެސެޖެއް. އޭގަ އޮންނާނީ އިނގެރޭސި ދެ އަކުރު،" ނަޒްދާޔާ ހަތަރުކަޅި ހަމަކޮށްލަމުން އޭނަ ބުންޏެވެ. "ހައި!"
ނުނިމޭ