15 އޮކްޓޯބަރ 2022 - 16:06

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި އެކި ދާއިރާތަކުން އެންމެ ރަނގަޅަށް މަސައްކަތް ކުރި މުވައްޒަފުންގެ އަގުވަޒަންކޮށް އެވޯޑު ދީފި އެވެ.

އެ އެވޯޑުތައް ދީފައި ވަނީ ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ބީއެމްއެލް އަހަރީ އެވޯޑު ދިނުމުގެ ހަފްލާގަ އެވެ.

ރޭގެ ހަފްލާގެ އެންމެ ޝަރަފްވެރި "އެމްޕްލޯއީ އޮފް ދަ އިޔާ" އެވޯޑު ދެ މުވައްޒަފަކަށް ވަނީ ލިބިފަ އެވެ. އެއީ ބީއެމްއެލްގެ ނޯތު ކްލަސްޓަ މެނޭޖަރު ހަސަން އަގްލީމް އާއި ހެޑް އޮފް ޕީޕަލް ޑިވެލޮޕްމެންޓް މުހައްމަދު އަޝްރަފަށެވެ.

ހެޑް އޮފް ކާޑްސް އެންޑް ޕޭމަންޓް ގަވަނެންސް ފާތިމަތު ފާރިހަތު ވަހީދު އާއި ސީނިއާ މެނޭޖަރު، ޕްރިމިއަމް ބޭންކިން އަބްދުﷲ ސޮބާހު އަދި ބީއެމްއެލް މޯބައިލް އެޕް ޓީމުން ވަނީ އެންމެ ފާހަގަކޮށްލެވޭ ކާމިޔާބީ ހޯދި މުވައްޒަފުންނަށް ސީއީއޯ ދެއްވާ އެވޯޑު، "ސީއީއޯ އެވޯޑް ފޯ އައުޓްސްޓޭންޑިން އެޗީވްމެންޓް" ހާސިލްކޮށްފަ އެވެ.

އެންމެ ރަނގަޅު ލީޑަރަށް ދޭ އެވޯޑު ޕަބްލިކް ރިލޭޝަން މެނޭޖަރު މުހައްމަދު ސައީދު ހޯދާފައިވާއިރު، އެންމެ ރަނގަޅު މެނޭޖަރުގެ އެވޯޑު ހާސިލްކޮށްފައި ވަނީ ބީއެމްއެލްގެ ކޮމްޕްލައެންސް މެނޭޖަރު ޒައިދު މުހައްމަދެވެ.
ބީއެމްއެލްގައި ފާހަގަކޮށްލެވޭ ހިދުމަތް ކޮށްފައިވާ މުވައްޒަފުންނާއި ޓީމުތަކުގެ އަގުވަޒަންކުރުމަށް އެވޯޑު ދިން ދާއިރާތަކުގެ ތެރޭގައި އަތޮޅުތެރެއިން އެންމެ ރަނގަޅު ބްރާންޗް، އެންމެ ރަނގަޅު ޓީމް، އަތޮޅުތެރެއިން އެންމެ ރަނގަޅު މުވައްޒަފު، ކަސްޓަމަރ ސާވިސް ސްޓާ އަދި އެވޯޑް ފޯ އިނޮވޭޝަން އެވޯޑް ހިމެނެ އެވެ.
ރޭގެ ހަފްލާގައި މުވައްޒަފުންނަށް އެވޯޑު ހަވާލުކޮށްދެއްވާފައިވަނީ ބީއެމްއެލްގެ ވަގުތީ މެނޭޖިން ޑިރެކްޓަރު އައިޝަތު ނޫރައްދީނާއި ބޭންކުގެ ބޯޑު ޑިރެކްޓަރުންނާއި އެގްޒެކެޓިވް ކޮމިޓީގެ މެންބަރުންނެވެ.
"އަޅުގަނޑުމެންގެ 40 ވަނަ އަހަރީ ދުވަސް މިއަންނަ މަހު ފާހަގަކުރަން ތައްޔާރުވަމުންދާއިރު ފާއިތުވި އަހަރުތަކުގައި ބޭންކުގެ ކާމިޔާބީ އާއި ކުރިއެރުމުގެ ހަގީގީ ބާނީންނަކީ މުވައްޒަފުން،" ރޭގެ ހަފްލާގައި ވާހަކަ ދައްކަވަމުން އައިޝަތު ނޫރައްދީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މުވައްޒަފުންގެ އަގުވަޒަންކުރުމަށް މެދުނުކެންޑި އަހަރީ އެވޯޑު ހަފްލާ ބޭއްވުމަކީ ލިބޭ އުފަލެއް ކަމަށެވެ.
ބީއެމްއެލުން ބުނިގޮތުގައި ސްޓާފް އެވޯޑަކީ ބޭންކުގެ ހިއުމަން ރިސޯސަސް ސްޓްރެޓަޖީގެ މުހިންމު ބަޔެއް ކަމަށެވެ.
އެ ބޭންކުގެ ސިޔާސަތުތަކާއި، ވަޒީފާ ދިނުމާއި، މުވައްޒަފުން ތަމްރީނުކުރުމާ އަދި ހުނަރުވެރި މުވައްޒަފުން ވަޒީފާގައި ދެމެހެއްޓުމަށް ކުރާ މަސައްކަތުގެ ސަބަބުން އެޗްއާރުޑީ ކޮންގްރެސް އާއި އެމްޕްލޯޔާ ބްރޭންޑިން އިންސްޓިޓިއުޓުން ދޭ ޝަރަފްވެރި އެވޯޑު "އޭޝިއާސް ބެސްޓް އެމްޕްލޯޔާ ބްރޭންޑް އެވޯޑު" ވިދިވިދިގެން ހަތަރު ފަހަރަށް ބީއެމްއެލްއަށް ލިބިފައިވެ އެވެ.