ބަންޑުން ޖަހާލި ލޯންޗުގެ ދަތުރާ މެދު ޝައްކުތައް އެބަހުރި: ފުލުހުން
ބަންޑުން ޖަހާލި ލޯންޗުގެ ދަތުރާ މެދު ޝައްކުތައް އެބަހުރި: ފުލުހުން

އއ. މާޅޮހުގެ ދެކުނުން ބަންޑުން ޖަހާލާފައި އޮއްވައި ފެނުނު ލޯންޗުން ދަތުރުކުރަމުންދިޔަ މަގްސަދާ މެދު ޝައްކުތަކެއް އެބަ ހުރި ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ބަންޑުން ޖަހާލި ލޯންޗުގެ ދަތުރާ މެދު ޝައްކުތައް އެބަހުރި: ފުލުހުން
ބަންޑުން ޖަހާލި ލޯންޗުގެ ދަތުރާ މެދު ޝައްކުތައް އެބަހުރި: ފުލުހުން

މިމަހުގެ 7 ވަނަ ދުވަހު ލޯންޗު ބަންޑުން ޖަހާލިއިރު އެ ލޯންޗުގައި ދަތުރުކުރަމުންދިޔައީ ސ. ހިތަދޫ، މުހައްމަދު މިންހާޖު، 28 އާއި ޅ. ހިންނަވަރު، އަލީ އަހުމަދު އެވެ. އެ ހާދިސާގައި މިންހާޖް ވަނީ ގެއްލިފަ އެވެ.

އެ މައްސަލައާ ގުޅިގެން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ހެޑް، ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ވިދާޅުވީ މިމަހުގެ ފަސް ވަނަ ދުވަހު މިންހާޖަށް ވީނުވީއެއް ނޭނގިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށާއި އެ މައްސަލައާ ގުޅިގެން ރައްޓެހިންނާއި އާއިލާގެ މީހުންގެ ބަޔާން ނަގައި ފުލުހުން ދިޔައީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.

ބަޝީރު ވިދާޅުވީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް މިމަހުގެ ހަތް ވަނަ ދުވަހު އއ. ހިމަންދޫ ބޭރުން ލޯންޗެއް ބަންޑުން ޖަހާލާފައި އޮތްކަމުގެ މައުލޫމާތު ލިބުނު ކަމަށާއި އަދި އއ. ފެރިދޫއަށް ކަނޑު މަތީގައި ހާލުގައި ޖެހިފައިވާ މީހަކު އަރާފައިވާ ކަމުގެ މައުލޫމާތެއް ވެސް ލިބުނު ކަމަށެވެ.

ލޯންޗު ބަންޑުން ޖަހާލުމުން އެ ރަށަށް ފަތާފައި ގޮސް އަރާފައި ވަނީ އަހުމަދު އަލީ އެވެ.

"އޭނާގެ [އަހުމަދު އަލީ] ފަރާތުން ސާފުކުރަން ޖެހޭ މަސައްކަތްތައް ފުލުހުން އެތަނުން ފަށައިގެން ކުރިއަށް ގެންދިޔަ. އެ ފަރާތުން ލިބުނު މައުލޫމާތުގެ އަލީގައި މެރިން ޕޮލިސް އާއި އއ. ޕޮލިސް މި ލޯންޗު ބަންޑުން ޖަހާލާފައި އޮތް ސަރަހައްދުގައި ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތަކެއް ފެށި،" އޭނާ ވިދާޅުވި އެވެ.

ބަޝީރު ވިދާޅުވި ގޮތުގައި ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ކުރަމުންދިޔައިރު ވަނީ ފުލުހުންގެ ހާއްސަ ޓީމެއް އެކުލަވާލެވި، އެ ޓީމުގައި ސީރިއަސް އެންޑް ކްރައިމް ޑިޕާޓްމަންޓާއި ސެންޓްރަލް ޕޮލިސިން ކޮމާންޑްގެ މާފަންނު ޕޮލިސްގެ އިންވެސްޓިގޭޝަން އޮފިސަރުން ހިމަނައި އއ. އަތޮޅަށް ފޮނުވައިފަ އެވެ.

އެ ޓީމުގެ ތަހުގީގުގެ ތެރެއިން ލޯންޗު ބަންޑުން ޖަހާލި ހާދިސާ އިން ސަލާމަތްވި މީހާގެ ފަރާތުން ސާފުކުރަންޖެހޭ ކަންކަން ވެސް ސާފުކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި 78 ގަޑިއިރުގެ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނަށް ފަހު، މިންހާޖު ހޯދުމުގެ މަސައްކަތް މިވަގުތަށް ހުއްޓާލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މެރިން ޕޮލިހާއި އއ. ޕޮލިހުން ހިންގި ސާޗް އެންޑް ރެސްކިއު ހަރަކާތް 78 ގަޑިއިރަށް ފަހު ހުއްޓާލާފައިވާ މިވަގުތު ވަނީ. އެހެންނަމަވެސް ތަހުގީގުގައި އިތުރަށް ބަލަންޖެހޭ ކަންކަން ބަލައި ސާފުކުރުމުގެ މަސައްކަތް މިދަނީ ކުރަމުން،" ބަޝީރު ވިދާޅުވި އެވެ.

މިހާތަނަށް އެ މައްސަލައިގެ ތަހުގީގު ގޮސްފައިވާ ހިސާބު ކިޔައިދެއްވަމުން ބަޝީރު ވިދާޅުވީ އަހުމަދުގެ ފަރާތުން ލިބިފައިވާ މައުލޫމާތުން އެނގޭ ގޮތުގައި އެމީހުންގެ ދަތުރާ ގުޅިގެން ލިބިފައި ވަނީ "މުޅިން ސައްހަ މައުލޫމާތުކަމަށް ނުބެލެވޭ" ކަމަށެވެ.

"އަލީ އަހުމަދާއި އަދި ފުލުހުންނަށް އެކި ގޮތްގޮތަށް ލިބިފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި އެމީހުންގެ އެ ދަތުރާ ގުޅިގެން އަލީ އަހުމަދުގެ ފަރާތުން ލިބެމުންދަނީ މުޅިން ސައްހަ މައުލޫމާތު ކަމަށް އަޅުގަނޑުމެންނަށް ގަބޫލެއް ނުކުރެވޭ. އެހެންނަމަވެސް އަޅުގަނޑުމެން މިދަނީ އެކަމުގެ ހަގީގަތް ހޯދުމުގެ މަސައްކަތް ކުރަމުން،" އޭނާ ވިދާޅުވި އެވެ.

ބަޝީރު ވިދާޅުވި ގޮތުގައި އަލީ އަހުމަދު ބުނެފައި ވަނީ އެމީހުންގެ ލޯންޗު ބަންޑުން ޖަހާލީ މަހަށް ނިކުމެ އުޅެނިކޮށެވެ. އެކަމަކު ލޯންޗު ބަންޑުން ޖަހާލި ހިސާބާއި އޭގައި ވަރަށް ގިނަ އަދަދަކަށް ތެޔޮ ހުރުން ފަދަ ކަންކަމާ ހުރެ އެ ދަތުރާ ގުޅިގެން ޝައްކުތަކެއް އުޅޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަލީ އަހުމަދު ބުނެފައި ވަނީ މަހަށް ނިކުމެ އުޅެނިކޮށް ލޯންޗުގެ އިންޖީނު ހުއްޓުނީ ކަމަށް އަދި ކަނޑުގަދަވެގެން ލޯންޗު ބަންޑުން ޖަހާލީ ކަމަށް. އަދި އޭނާއާ އެކު އުޅުނު މީހާ ވެސް ކަނޑުގައި ރޭގަނޑު އުޅުނު ކަމަށް، އެކަމަކު ހެނދުނުވިއިރު ކައިރީގައި ފެންނަން ނެތް ކަމަށް،"

މިންހާޖު ހޯދުމަށް އެމްއެންޑީއެފްގެ ޑޯނިއާ މަތިންދާބޯޓުގައާއި ކޯސްޓްގާޑްގެ ލޯންޗުން ވެސް ބޮޑު ސަރަހައްދެއް ބަލާފައިވެ އެވެ.