08 ޖޫން 2016 - 11:24

ވެނިސް، އިޓަލީ (ޖޫން 8) - އޭސީ މިލާނުގެ ކުރީގެ ކޯޗު ފިލިއްޕޯ އިންޒާގީ އިޓަލީގެ ތިން ވަނަ ޑިވިޝަނުގެ ވެނެޒިއާގެ ކޯޗުކަމާ ހަވާލުވެއްޖެ އެވެ.
ފުޓްބޯޅަ ކުޅުން ހުއްޓާލުމަށް ފަހު އިންޒާގީ ކޯޗިން ކެރިއަރު ފެށީ މިލާނުގެ ޔޫތު ޓީމުންނެވެ. އޭގެ ފަހުން ސީނިއާ ޓީމާ ހަވާލުވި ނަމަވެސް އެކަށީގެންވާ ނަތީޖާއެއް ހޯދައިނުދެވުމުން އެންމެ ސީޒަނަކަށް ފަހު އޭނާ ވަނީ މަގާމުން ވަކިކޮށްފަ އެވެ.
އޭނާ ކޯޗިންގެ ތެރެއަށް އެނބުރި މި އައީ އެއް އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ.
އިޓަލީގައި އުފެދުނު އެންމެ މޮޅު އެއް ފޯވާޑް ވަނީ މިލާނާ އެކު ޗެމްޕިއަންސް ލީގު ދެ ފަހަރު ކާމިޔާބުކޮށްފަ އެވެ. އަދި އިޓަލީން 2006 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި އިރު އޭނާ ޓީމުގައި ހިމެނުނެވެ.