ސަރުކާރާ މަޝްވަރާ ކުރަން ނިންމައި، އިހުތިޖާޖުގެ ބައިވެރިން ހުޅިދޫ އިން ފައިބައިފި
ސަރުކާރާ މަޝްވަރާ ކުރަން ނިންމައި، އިހުތިޖާޖުގެ ބައިވެރިން ހުޅިދޫ އިން ފައިބައިފި

ވ. އަތޮޅުން ދަނޑުވެރިކަމަށް ދޫކޮށްފައި އޮތް ހުޅިދޫގެ އެއްބަސްވުން އުވާލައި އަތޮޅު ކައުންސިލާ ރަށް ހަވާލު ކުރަން ގޮވާލައި އެ ރަށުގައި ކުރަމުން އައި އިހުތިޖާޖު މަޑުޖައްސާލައި، ސަރުކާރާ މަޝްވަރާ ކުރަން ނިންމައިފި އެވެ.

ހުޅިދޫ ހަވާލުނުކުރަނީސް އެ ރަށުން ނުފައިބާނެ ކަމަށް ބުނެ އިއްޔެ ހެނދުނުން ފެށިގެން އެ ރަށުގައި އަންނަނީ އަޑުއުފުލަމުންނެވެ. ބައެއް މީހުން ރޭ ނިދީ ވެސް އެ ރަށުގަ އެވެ. މަސް ދުވަސް ވިޔަސް ނުފައިބާނެ ކަމަށް ބުނެ އެ އަތޮޅު ކައުންސިލް ރައީސް ޝުޖާއު އަލީ ވެސް އެ އިހުތިޖާޖުގައި ބައިވެރިވި އެވެ.

އެ މައްސަލަ ހޫނުވުމާ ގުޅިގެން މިރޭ 9:30 ގައި ފުލުހުން ފޮނުވައިގެން އިހުތިޖާޖު ހުއްޓުވައި އެ މީހުން ރަށުން ބާލުވަން އޮތީ ނިންމައިފަ އެވެ.

އެކަމާ ގުޅޭ ގޮތުން "މިހާރު" އާ ވާހަކަ ދައްކަވަމުން ޝުޖާއު ވިދާޅުވީ އެ ރަށުގައި 34 މީހުން އިހުތިޖާޖު ކުރަން ތިބި ކަމަށެވެ. ނަމަވެސް ފެލިދޫ ސްޓޭޝަންގެ ބައެއް ފުލުހުންނާއި މާލެއިން ފުރައިގެން އައި އެސްއޯ ފުލުހުންގެ ޓީމެއް އެ ރަށަށް އެރި ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ބޭފުޅުން [ފުލުހުން] ވިދާޅުވި މަތިން ކޮމާންޑު ދީގެނޭ މިއައީ ރަށުގައި މި ހިނގާ ކަންކަން މިހެން ނުހިންގޭނެ ކަމަށް އެގްރީމަންޓުވެފައި އޮތް ފަރާތުން އެދިގެން،" ޝުޖާއު ވިދާޅުވި އެވެ.

ފުލުހުން އައުމުން ވެސް އިހުތިޖާޖުގެ ބައިވެރިން ތިބީ ރަށުން ފައިބާ ގޮތަކަށް ނޫން ކަމަށާއި ހައްޔަރު ކޮށްގެން ގެންދިޔުމަށް ފުލުހުން ކައިރީ ދެންނެވިން ކަމަށް ޝުޖާއު ވިދާޅުވި އެވެ.

ނަމަވެސް ރައީސް އޮފީހުގެ ޕޮލިސީގެ ބައެއް ބޭފުޅުންނާއި ހުޅުމާލެ ދާއިރާގެ މެމްބަރު އަދި ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު އަލީ ނިޔާޒާއި ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ސީއީއޯ އަފްޝަން ގުޅުއްވައި މަޝްވަރާ ކޮށްގެން ހައްލު ކުރަން އެދިވަޑައިގަތް ކަމަށް ޝުޖާއު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް އެއްބަސްވެވުނީ މި މަހު 20 ވަނަ ދުވަހުގެ ކުރިން އަތޮޅު ކައުންސިލްގެ ފަރާތުން ހައްލެއް ހޯދަ ދޭން ކައުންސިލާއި މިހާރު ކުއްޔަށް ދޫކޮށްފައި ވެފައި އޮތް ފަރާތާއި ފިޝަރީޒް މިނިސްޓްރީ އާއި އެންވާރަމަންޓް މިނިސްޓްރީ ރައީސް އޮފީސް އިސްވެ ބައްދަލުވުމެއް ބާއްވަން،" އޭނާ ވިދާޅުވި އެވެ.

ސަރުކާރުން ޑިމާންޑު ކޮށްފައި ވަނީ އެ ރަށުގައި ގާނޫނާ ހިލާފަށް ކޮށްފައި ހުރި ކަންކަން ބަލުމަށާއި އީއައިއޭ އާ ހިލާފަށް ކޮށްފައި ހުރި ކަންކަން ބަލައި ފިޔަވަޅު އެޅުމަށް ކަމަށެވެ. އޭގެ އިތުރުން އެ ރަށް ދިނުމަށް ހަދާފައިވާ އެއްބަސްވުން ބާތިލް ކުރެވޭ ހުރިހާ ހާލަތެއް މިހާރު ފުރިހަމަ ވެފައިވާ ކަމަށާއި އެ އެއްބަސްވުން ބާތިލްކޮށް ޕިކްނިކް ރަށެއްގެ ގޮތުގައި ސަރުކާރުން ވައުދުވެފައިވާ ގޮތަށް އެ މަސައްކަތް ކުރިޔަށް ގެންދިޔުމަށް އެދިފައިވާ ކަމަށް ޝުޖާއު ވިދާޅުވި އެވެ.

"މިތަނުގައި ހަމައެކަނި ޕްރައިވެޓް އިންވެސްޓަރުގެ ހައްގު އޮވެގެން ނުވާނެ. ރައީސްގެ ބޮޑު ބޭބޭފުޅެއްގެ އިންޓަރެސްޓް އަންނަ ހިސާބުން މިކަން ހުއްޓެނީ. ރައްޔިތުންގެ އަދި ދައުލަތުގެ ހައްގެއް އޮތް ކަމަކަށް ގަބޫލެއް ނުކުރެވޭ މިހާރު،" އޭނާ ވިދާޅުވި އެވެ.

އެގްރިކަލްޗާ މިނިސްޓްރީން މި ރަށް ދޫކޮށްފައި އޮތީ "އާރަށް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް" އަށެވެ.