16 އޮކްޓޯބަރ 2022 - 11:29

ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑެތި އަދި މުހިންމު މަޝްރޫއުތަކުގައި އެންމެ ގާތުގައި އޮތް އެއް ގައުމަކީ ޗައިނާ އެވެ. ސިނަމާލެ ބްރިޖާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭ އަދި ސީޕްލޭން ޓާމިނަލް އެޅުމާއި ކޮވިޑުގެ އެންމެ ދަތި ދުވަސްތަކުން އަރައިގަތުމުގެ ފަރުވާގެ ގޮތުގައި އުފެއްދި ވެކްސިން، ޗައިނާއިން އެންމެ ފުރަތަމަ ހަދިޔާކުރި ގައުމުތަކުގެ ތެރޭގައި ވެސް ހިމެނެނީ ރާއްޖެ އެވެ.

ޒަމާންވީ މި މުހިއްމު ގުޅުމަށް 50 އަހަރު ފުރުނީ އެވެ.

ރާއްޖެ-ޗައިނާގެ ގުޅުމަށް ބައި ގަރުނު ފުރުން ފާހަގަކުރަން ޗައިނާ އެމްބަސީން ނެރުނު ސަޕްލިމެންޓެއްގައި އެ ގައުމުގެ ރައީސް ޝީ ޖިންޕިން ވިދާޅުވީ 50 އަހަރުވީ މި ގުޅުމުގައި އެއް އަނެއް ގައުމަށް އިހުތިރާމްކޮށް، އެއްބާރުލުން ދީފައިވާ އެވެ.

މިއީ އަބަދު ވެސް އެއް ގައުމު އަނެއް ގައުމަށް އިހުތިރާމްކޮށް، އެއްބާރުލުންދޭ ދެ ގައުމު ކަމަށާއި ތަފާތު ބޮޑު ދެ ގައުމަށް ވިޔަސް ހަމަހަމަކޮށް މުއާމަލާތުކޮށް، ފައިދާހުރި ކަންކަމުގައި އެއްބާރުލައިގެން ވަރަށް ރަނގަޅު ނަމޫނާއެއް ދައްކާފައިވާ ކަމަށް ޗައިނާގެ ރައީސް ވިދާޅުވި އެވެ.
ޗައިނާގެ ރައީސް ވިދާޅުވި ގޮތުގައި ފާއިތުވެދިޔަ އަހަރުތަކުގައި ރާއްޖެ އާއި ޗައިނާއިން ވަނީ ކުރިމަތިވި ދަތިތަކުން އަރައިގަނެ، އެއް ގައުމުން އަނެއް ގައުމަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ. މިދިޔަ ގަރުނެއްހާ ދުވަހުގެ ތެރޭގައި ވެސް ނުފެންނަ ފަދަ ބަލިމަޑުކަމެއްގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ގުޅިގެން މަސައްކަތްކޮށްފައިވާއިރު، ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްގެ ދަށުން އެއްބާރުލުން އިތުރުކޮށް، ހަގީގީ މަލްޓިލޭޓަރަލިޒަމް ޕްރޮމޯޓްކޮށް، ޗައިނާ-ރާއްޖެ ގުޅުމަށް އާ ދިރުމެއް ލިިބިފައިވާ ކަމަށް ޝީ ވިދާޅުވި އެވެ.
"ޗައިނާ-ރާއްޖެ ގުޅުން ކުރިއެރުވުމަށް އަޅުގަނޑު ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެން. ރާއްޖެ އާއި ޗައިނާއާ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ރަޙްމަތްތެރި ގުޅުން އިތުރަށް ބަދަހިކޮށް، ދެ ގައުމުގެ ރައްޔިތުންނަށް އިތުރު ފައިދާތައް ހޯދައިދިނުމުގެ މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް މި ތިބީ ތައްޔާރަށް،" ޗައިނާގެ ރައީސް ވިދާޅުވި އެވެ.
ޗައިނާގެ ސްޓޭޓް ކައުންސިލާ އަދި ފޮރިން މިނިސްޓަރު ވޭންގް ޔީ ވިދާޅުވީ ޗައިނާ-ރާއްޖެ ގުޅުމުގެ ސަބަބުން ދުޅަހެޔޮ އަދި ހަމަޖެހޭ ތަރައްގީއެއް ގެނެސްފައިވާ ކަމަށެވެ. ދެ ގައުމުދެ މެދުގައި އޮންނަ ސިޔާސީ ގުޅުމަށް އިތުބާރު ބޮޑުވެ، ތަފާތު އެކި ދާއިރާތަކުން ދޭ އެހީތެރިކަން ވަރުގަދަ ވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ބައިނަލްއަގުވާމީ އަދި ސަރަހައްދީ ކަންކަމުގައި ދެ ފަރާތުން ވެސް ވަނީ އެއް ގައުމުން އަނެއް ގައުމަށް ވަރަށް ބޮޑަށް އެއްބާރުލުން ދީފައި. ރާއްޖެ އާއި ޗައިނާއާ ދެމެދުގައި އޮތް ގާތް ރަހުމަތްތެރި ގުޅުން އިތުރަށް ބަދަހިކުރުމަށް ދެ ގައުމުގެ އިސްވެރިން އެއްބަސްވެވަޑައިގެންފައިވާ މުހިންމު ކަންތައްތައް ތަންފީޒުކުރުމަށް މި ހުރީ ތައްޔާރަށް" ވޭންގް ޔީ ވިދާޅުވި އެވެ.
ޗައިނާއިން ރާއްޖެ ކަނޑައަޅާފައިވާ ސަފީރު ވޭންގު ލިޝިން ވިދާޅުވީ ފާއިތުވެދިޔަ ބައި ގަރުނުގެ ތެރޭގައި ޗައިނާ-ރާއްޖޭގެ ގުޅުން ވަނީ ބައިނަލްއަގުވާމީ ފެންވަރުގައި ދިމާވި ކަންކަމުގެ ތެރެއިން އިތުރަށް ބަދަހިވެފައި ކަމަށެވެ.
"ވަން-ޗައިނާ އާ މެދު ދިވެހި ސަރުކާރުން ޒަމާނުއްސުރެ ގެންގުޅުއްވާ އަހައްމިއްޔަތު އުސޫލު، ރާއްޖޭގެ ސިޔާދަތާއި މިނިވަންކަމާއި ގައުމީ ކަރާމާތް ރައްކާތެރިކުރުމުގައި ޗައިނާއިން ރާއްޖެއަށް ފުރިހަމަ އަށް އެއްބާރުލުން ދީ، އިޖުތިމާއީ އަދި އިގްތިސާދީ ތަރައްގީގައި ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭ. ޗައިނާ-ރާއްޖޭގެ ގުޅުން ބައިނަލްއަގުވާމީ މައިދާނުގައި ތަފާތު ނިޒާމުތަކާއި ސަގާފަތްތައް ހިމެނޭ ގައުމުތަކުގެ މެދުގައި ރަހުމަތްތެރިކަމުގެ ގުޅުން ބަދަހިކުރުމާއި ދެ ގައުމަށް ފައިދާ އާއި މަންފާ ކުރަނިވި އެއްބާރުލުން ދިނުމުގެ ނަމޫނާއަކަށް ޗައިނާ-ދިވެހިރާއްޖޭގެ ގުޅުން ވެގެން ހިނގައްޖެ،" އޭނާ ވިދާޅުވި އެވެ.
ދެ ގައުމުގެ މުހިއްމު ގުޅުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ސަފީރު ވިދާޅުވީ ޗައިނާއަކީ ރާއްޖެއަށް އަބަދުވެސް އެއްބާރުލުންދޭ، އެކުވެރި އަދި އެކުވެރި ބައިވެރިއެއްގެ ހައިސިއްޔަތުން، އިގުތިސާދީ އަދި އިޖުތިމާއީ ތަރައްގީ ހަލުވިކޮށް، އަމިއްލަ ފުދުންތެރިކަން އިތުރުކުރުމަށް އެހީތެރިވެދޭ ގައުމެއް ކަމަށެވެ.
ޗައިނާއާއި ރާއްޖެ ގުޅިގެން "ބެލްޓް އެންޑް ރޯޑް" ބިނާކުރުމުގެ ކާމިޔާބު ނަތީޖާތަކެއް ފާއިތުވި އަހަރުތަކުގައި ވަނީ ފެނިފަ އެވެ. ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖަކީ ރާއްޖެއަށް ބޮޑެތި ބަދަލުތަކެއް ގެނެސްދީފައިވާ "ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް"ގެ ފާހަގަކޮށްލެވޭ މަޝްރޫއެއްކަން ސަފީރު ފާހަގަކުރެއްވި އެވެ.
އޭނާ ވަނީ ސިޔާސީ ގުޅުން ކުރިއަށް ގެންދިއުމަށް މުސްތަގުބަލުގައި މުޅިން އާ ސަފުހާއެއް ލިޔެވި، ހުރިހާ ގޮތަކުން ވެސް އެހީތެރިވެދޭ ގައުމުގެ ގޮތުގައި ދެމިތިބޭނެ ކަމަށެވެ.
1972: ސިޔާސީ ގުޅުން ގާއިމްކުރި
1984: ރަސްމީ ދަތުރުފުޅެއްގައި ރާއްޖޭގެ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ޗައިނާއަށް ވަޑައިގެންނެވި. މިއީ، ސިޔާސީ ގުޅުން ގާއިމްކުރި ފަހުން ރާއްޖޭގެ ވެރިއަކު އެ ގައުމަށް ވަޑައިގެންނެވި ފުރަތަމަ ފަހަރު.
1990: ސިނަމާލެ 1 އަދި ސިނަމާލެ 2 އިމާރާތްކުރަން ފެށުން
2005: ސުނާމީގައި ރާއްޖެއަށް ލިބުނު ގެއްލުންތަކާ ހެދި އިމަޖެންސީ ރިލީފް އެހީގެ ގޮތުގައި 500،000 ޑޮލަރުގެ ތަކެތި ހަދިޔާކުރި
2007: ޗައިނާގެ 58 މިލިއަން ޔުއާން (80،621 ޑޮލަރު) ގެ އެހީގައި ގައުމީ ދާރުލްއާސާރާ އަލުން ޑިޒައިންކޮށް އިމާރާތްކުރި
2008: ޗައިނާގައި ރާއްޖޭގެ އެމްބަސީއެއް ހުޅުވި
2011: ރާއްޖޭގައި ޗައިނާގެ އެމްބަސީ ހުޅުވި
2012: ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ޗައިނީސް އެއިޑްގެ ދަށުން 1،000 ހައުސިން ޔުނިޓް އިމާރާތްކުރި
2014: ޗައިނާގެ ރައީސް ޝީ ޖިންޕިން ރާއްޖެ ވަޑައިގެން
2014: ރާއްޖޭގެ ފަސް އަތޮޅެއްގެ ނުވަ ރަށެއްގައި 1،500 ހައުސިން ޔުނިޓް އިމާރާތްކުރި
2018: ސިނަމާލެ ބްރިޖް މަޝްރޫއު ނިންމި
2018: ހުޅުމާލޭގައި 1،344 ހައުސިން ޔުނިޓާއި ޕާކިން ފެސިލިޓީސް ނިންމި
2020: ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 7،000 ހައުސިން ޔުނިޓު އެޅުމުގެ މަޝްރޫއު ނިންމި
2021: ކޮވިޑުން ރައްކާތެރިވުމަށް ސިނޮފާމްގެ 200،000 ޑޯޒް ހަދިޔާކުރި
2022: ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭ އާއި ސީޕްލޭން ޓާމިލް ހުޅުވި.
2022: ތޭރަ ރަށެއްގައި ހައިބްރިޑް ޕަވަ ޕްލާންޓް ބަހައްޓަން ފެށި
2022: ފޮރިން މިނިސްޓްރީ މަރާމާތުކޮށް ނިމުން
ރާއްޖެ-ޗައިނާ ގުޅުމާ ބެހޭ ހާއްސަ ސަޕްލިމެންޓަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ ރާއްޖެ އާއި ޗައިނާއާ ދެމެދު އަބަދުވެސް އޮތީ ވަރަށް ޒަމާންވީ އެކުވެރި ގުޅުމެއްކަމަށެވެ.
ހާއްސަކޮށް އިޖްތިމާއީ، ސަގާފީ އަދި ރާއްޖޭގެ އިގުތިސާދީ ތަރައްގީ އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.
ރާއްޖެ އާއި ޗައިނާގެ ގުޅުމަށް 50 އަހަރު ފުރުމުގެ އިހްތިފާލްތައް މި އަހަރުގެ ކުރީކޮޅު ފެށިއިރު، ދެ ގައުމުން ވަނީ ގުޅުން ބަދަހިކުރުމާބެހޭ ފަސް އެއްބަސްވުމެއްގައި ވެސް ސޮއިކޮށްފަ އެވެ.
"މި އެއްބަސްވުންތަކުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އިތުރަށް ބަދަހިވާނެކަން ޔަގީންކުރަން،" ރައީސް ވިދާޅުވި އެވެ.
ރާއްޖެ އާއި ޗައިނާއާ ދެމެދު އޮތީ ވަރުގަދަ ބިންގަލެއްގެ މަތީގައި ބިނާވެފައިވާ ގުޅުމެއް ކަމަށާއި "ވަން ޗައިނާ ޕްރިންސިޕަލް" އަށް ރާއްޖެއިން އިސްކަންދޭ ކަމަށް ވެސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި 50 އަހަރުވީ މި ގުޅުން ދާނީ އިތުރަށް ފުންވެ، ފުޅާވަމުންނެވެ.
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ ވޭތުވެދިޔަ ފަންސާހަކަށް އަހަރުގެ ތެރޭގައި، ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮތް ރަހުމަތްތެރިކަން ގާތް ގުޅުމަކަށް ބަދަލުވެފައިވާ ކަމަށެވެ. ރާއްޖޭގެ އިޖުތިމާއީ އަދި އިގުތިސާދީ ތަރައްގީއަށް ޗައިނާއިން ދީފައިވާ އެހީތަކަކީ، ޝާހިދު ވިދާޅުވި ގޮތުގައި، ރާއްޖޭގެ އިގުތިސާދީ ކުރިއެރުމަށް ވަރަށް މުހިންމު އެހީތަކެކެވެ.
"ރާއްޖެއާއި ޗައިނާއާ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން،" ޝާހިދު ވިދާޅުވި އެވެ.