14 އޮކްޓޯބަރ 2022 - 11:03

ހީނާމާގެ ޕާކިން ޒޯން ކައިރީގައި އޮތް ކާނުގަނޑަކަށް ވެއްޓި ކުޑަކުއްޖަކަށް ބޮޑެތި އަނިޔާތަކެއް ރޭ ލިބިއްޖެ އެވެ.
އެ އަނިޔާ ލިބުނު ހަތަރު އަހަރުގެ ފިރިހެން ކުއްޖާގެ މަންމަ "މިހާރު" އަށް މިއަދު ބުނީ އާއިލާ މީހެއްގެ ގޭަގައި ތިބުމަށް ފަހު ގެއަށް ދާން ބޭރަށް ނުކުމެ ހިނގައިގަތް ތަނާ ކަހަލަ ގޮތަކަށް އެ ކުއްޖާ ވެއްޓުނީ ޕާކިން ޒޯނުން މިސްކިތާ ދިމާލުުން ހަލާކުވެފައި އިން ކާނުގަނޑަކަށް ކަމަށެވެ.
އޭނާ ބުނި ގޮތުގައި އެ ކުއްޖާގެ ވާތު ފައިގެ ފަލަމަސްގަނޑާ ހަމައަށް އޮތީ ކާނުގަނޑު ތެރެއަށް ވަދެފަ އެވެ. އެ ތަނަށް ވެއްޓުނުއިރު، ކާނުގަނޑުގެ ދެ ފަރާތުގައި އިން ދެ ދަގަނޑު ކޮޅުގައި ހެރި ވާތު ފައަށް ބޮޑެތި ޒަހަމްތަކެއް ވަނީ ލިބިފަ އެވެ.
އެ ތަނުން ނަގައިގެން ވަގުތުން އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔައިރު ވާތު ފައިގެ ކަށިމަތީގެ މަސްގަނޑު އޮތީ ފެންނަން ކަމަށް ކުއްޖާގެ މަންމަ ބުންޏެވެ.
ކާނުގަނޑު ތެރެއަށް ވެއްޓި މަސްގަނޑު ބޭރަށް ނުކުތުމުން ފައިގެ ތެރެއަށް ވަނީ ދިޔާ އެއްޗެހިތަކެއް އެޅިފަ އެވެ. އެ އެއްޗެހި ބޭރުކުރުމަށާ އެކު އޭޑީކޭގައި ރޭ ދެގަޑިއިރުގެ އޮޕަރޭޝަނެއް ކުރުމަށްފަހު މިހާރު އަންނަނީ ވޯޑުގައި ފަރުވާ ދެމުންނެވެ.
ޑޮކްޓަރުންނާ ހަވާލާދީ ކުއްޖާގެ މަންމަ ބުނީ ފައިގެ ކަށިގަނޑު ބިންދައިގެން ދިޔަނަމަ ސީރިއަސް ޒަހަމްތަކެއް ލިބުނީހެވެ.
އެ ހާދިސާއާ ގުޅިގެން ރޭ މީހަކު ކުރި ޓްވީޓަށް ރައްދު ދެއްވަމުން މޭޔަރު ޑރ. މުހިއްމު މުއިއްޒު ވިދާޅުވީ ހާދިސާގެ މައުލޫމާތު އެނގުނުތާ ގަޑިއިރެއްގެ ތެރޭގައި ކާނު ބަދަލުކޮށްފައިވާ ކަމަށެވެ.
ކާނުތަކަށް ވެއްޓި މީގެ ކުރިން ވެސް މި ފަދަ ހާދިސާތައް ހިނގާފައިވެ އެވެ.