14 އޮކްޓޯބަރ 2022 - 10:26

ބިގް ބޮސްގެ 16 ވަނަ ސީޒަން ފަށައިގެން ކުރިއަށްދާއިރު މިހަފްތާގައި އެންމެ ބޮޑަށް ދެކެވުނީ ޝާލިން ބަނޮޠަށް ޓީނާ ދައްތާ ވަރަށް ކަމުދާތީ، އޭނާގެ ސަމާލުކަން ހޯދަން އުޅޭ ގޮތުގެ ވާހަކަ އެވެ.

މި ހަފްތާގައި ދެއްކި އެޕިސޯޑެއްގައި ޝާލިން ވަނީ އޭނާގެ ކުރީގެ އަނބިމީހާ އަދި މަޝްހޫރު އެކްޓްރެސް ދަލްޖިތު ކޯރާ އެކު އޭނާގެ ގުޅުމަކީ "ބެސްޓް ފްރެންޑް" ކަމަށް ބުނެ ޓީނާ ގާތު ވާހަކަ ދައްކައިފަ އެވެ.
އެކަމަކު ޝޯގައި ކުރީގެ އަނބިމީހާއާ ބެހޭ ގޮތުން އޭނާ ދެއްކި ވާހަކަތަކާ އެކު ކުރީގެ އަނބިމީހާ ވަނީ އެކަން ދޮގުކޮށްފަ އެވެ.
"އިސް ޕިޔާރު ކޯ ކިޔާ ނާމް ދޫ" ގައި އަންޖަލީގެ ރޯލުން ފެނުނު ދަލްޖިތު އާއި ޝާލިން ކައިވެނިކޮށްގެން އުޅުނީ 2009 އިން ފެށިގެން 2015 ގެ ނިޔަލަށެވެ. އެ ކައިވެންޏަށް ކުއްޖަކު ވެސް ލިބިފައިވެ އެވެ.
ކާމިޔާބު އެތައް ޝޯއަކުން ފެނުނު ދަލްޖިތު ކުރި ޓްވީޓެއްގައި ބުނީ އޭނާއަކީ ޝާލިންގެ ބެސްޓްފްރެންޑް ނޫން ކަމަށާއި މަހަކު ނުވަތަ ދެ މަހުން އެއް މަހު އެންމެ ފަހަރަކު ދަރިފުޅުގެ ހައްގުގައި ބައްދަލުވުމަކީ އެމީހުންގެ މެދުގައި ރަހުމަތްތެރިކަމެއް އޮތް ކަމަށް ބުނެވޭނެ ސަބަބެއް ނޫން ކަމަށެވެ.
އޭނާ ވަނީ ޝާލިންގެ ލޯބީގެ ދިރިއުޅުމަށް ކާމިޔާބު އެދޭ ކަމަށާއި އެކަމަކު "ހަދަހަދައިގެން" ދައްކާ ވާހަކަތަކުގައި އޭނާގެ ނަން ބޭނުން ނުކުރުމަށް ވެސް އެދިފަ އެވެ.
ޝާލިން އެ ވާހަކަތައް ދެއްކުމުން އެކަން މަޖާވެގެން ޓީނާ ވާހަކަ ދެއްކުމުން ދަލްޖިތު ވަނީ އެކަން މަޖާވަނީތޯ ސުވާލުކޮށްފަ އެވެ. އަދި ޓީނާއާ މެދު ހިތްބަރުކަމެއް ވެސް ނެތް ކަމަށް އޭނާ ބުންޏެވެ.
އިއްޔެ ރޭގެ ބިގްބޮސް އެޕިސޯޑުގައި، ޝާލިން އޭނާގެ ހިތުގައި ޓީނާއަށް އޮތް އިހުސާސްތައް ބަންޑުންކޮށްލިއިރު ޝާލިން ވަނީ އޭނާގެ އެނދު ޓީނާ ސާފުކޮށްދޭތީ އެހާ ކުދިކުދި ކަންކަން ވެސް އޭނާއަށް ފެންނަ ކަމަށް ބުނެފަ އެެވެ.
އެކަމަކު ޓީވީ ތަރި ޓީނާ ވަނީ އޭނާއަށް އިތުބާރުނުކުރެވޭ ކަމަށް ބުނެފަ އެވެ. އެހެންވެ، ޝާލިން ވަނީ ބިގްބޮސް ހައުސްގެ ބޭރުގައި ވެސް އެ ގުޅުން އޭނާ ދަމަހައްޓާނެ ކަމަށާއި ޓީނާއަށް ދެރައެއް ނުދޭނެ ކަމަށް ބުނެފަ އެވެ.
ޓީނާ ވަނީ އޭނާއަށް ވެސް އެކަން އެނގޭ ކަމަށާއި އެކަމަކު މައްސަލައަކީ ޝާލިންގެ ކުރީގެ އަނބިމީހާއާ އޭނާ އަކީ ދަންނަ މީހަކަށް ވުން ކަމަށް ބުނެފަ އެވެ. އެކަަމަކު ޝާލިން ވަނީ އެއީ މައްސަލައެއް ނޫން ކަމަށާއި އޭނާގެ ކުރީގެ އަނބިމީހާއާ އެކު އޮންނަ ގުޅުމަކީ ދެ ބެސްޓްފްރެންޑްގެ ގުޅުން ކަމަށް ބުނެފަ އެވެ.
ޝާލިން އާއި ދަލްޖިތު ވަކިވީ ޝާލިންގެ ފަރާތުން ގެވެށިއަނިޔާ ލިބެން ފެށުމުން ކަމަށް ކުރިން ދަލްޖިތު ބުނެފައިވެ އެވެ.