އައިޝްވާރިޔާގެ "ޕޮނިޔިން ސެލްވަން" ބޮޑު ހިޓަކަށް
އައިޝްވާރިޔާގެ "ޕޮނިޔިން ސެލްވަން" ބޮޑު ހިޓަކަށް

ޑައިރެކްޓަރު މަނީ ރަތުނަމްގެ ތާރީހީ ތަމަޅަ ފިލްމު، "ޕޮނިޔިން ސެލްވަން" އަށް އިންޑިއާ އާއި ދުނިޔޭގެ ބާޒާރުގައި ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ.

ފިލްމު ރިލީޒްކުރިތާ 12 ވަނައަށްވީ ދުވަހު 400 ކްރޯޑް ރުޕީސް (748 މިލިއަން ރުފިޔާ) ދުނިޔޭގެ މާކެޓްގައި ލިބިފައިވެ އެވެ.

އެހެންވެ މި ފިލްމު ވާނީ ރަޖިނީކާންތުގެ "2.0" އަށް ފަހު ތަމަޅަ ފިލްމު އިންޑަސްޓްރީގައި އެންމެ ބޮޑު އާމްދަނީއެއް ބޮކްސްއޮފީހުގައި ލިބުނު ފިލްމަށެވެ.

އެ ފިލްމުގެ ލީޑު ތަރިންގެ ގޮތުގައި ފެނުނީ ބޮލީވުޑްގެ މަޝްހޫރު ތަރި، އައިޝްވާރިޔާ ރާއީ ބައްޗަން އާއި ވިކްރަމާއި ޖަޔަމް ރަވީ އާއި ކާރްތީ އާއި ތްރިޝާ ސަރަތުކުމާރާއި ވިކްރަމް ޕްރަބޫ ފަދަ ތަމަޅަ ފިލްމީ ދާއިރާގައި މަސައްކަތްކުރާ ތަރިން ލީޑު ރޯލުން ފެނިފައިވެ އެވެ.

މި ފިލްމަކީ ކޮވިޑްގެ ތެރޭގައި ޝޫޓިންތައް ކުރިއަށް ގެންދިޔަ ފިލްމެކެވެ. ފިލްމުގެ ޑައިރެކްޓަރު ކުރިން ބުނެފައިވާ ގޮތުގައި ކޮވިޑްގެ ސަބަބުން އައި ލޮކްޑައުންގެ ސަބަބުން ފިލްމުގެ ޝޫޓިންތައް ކުރިއަށް ގެންދިއުމަށް ބޭނުންވި ގޮތަށް ކުރިއަށް ގެންދެވިފައެއް ނުވެ އެވެ.

މި ފިލްމަކީ 2016 ގައި "އޭ ދިލް ހޭ މުޝްކިލް" އަށް ފަހު އައިޝްވާރިޔާ ފެނިގެންދާ ދެވަނަ ފިލްމެވެ. މިއަހަރުގެ ޖުލައި މަހު ރިލީޒްކުރި "ދޭވްދާސް" ގައި ވެސް އޭނާ ފެނުނެވެ.

"ޕޮނިޔިން ސެލްވަން" އަކީ ލިޔުންތެރިޔާ ކަލްކީ ކްރިޝްނަމުރުތީގެ ނަމުގައި 1950 ގައި ގެނެސްދިން ތާރީހީ ވާހަކައަށް ބިނާއަށް ހެދި ފިލްމެކެވެ. އެ ފިލްމުގައި އިންޑިއާގެ ތާރީހީ މުހިއްމު ވާހަކަތަކެއް ކިޔައިދެ އެވެ.