ވިލާ ހައި ސްކޫލުގައި ކިޔަވާ ކުދިންނަށް ސަރުކާރުން ދައްކައިދޭ ފީ ބޮޑުކޮށްދޭން ނިންމައިފި
ވިލާ ހައި ސްކޫލުގައި ކިޔަވާ ކުދިންނަށް ސަރުކާރުން ދައްކައިދޭ ފީ ބޮޑުކޮށްދޭން ނިންމައިފި

ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގައި އޭ ލެވެލަށް ކިޔަވާ ކުދިންނަށް ސަރުކާރުން ދައްކައިދޭ ފީ ބޮޑުކުރަން ނިންމުމުން ހިލޭ ކިޔެވޭ ގޮތް އަނެއްކާ ވެސް ހަމަޖެހިއްޖެ އެވެ.

އެ ސްކޫލުގެ ޕްރިންސިޕަލް ސައީދު އަހުމަދު "މިހާރު" އަށް މިއަދު ވިދާޅުވީ މި އަހަރުން ފެށިގެން އަލަށް ގްރޭޑް 11 އަށް ވަންނަ ކުދިންގެ ފީއަށް އެ ސްކޫލުން އެދުނު އަގު ކަމަށްވާ 3،600ރ. ދައްކައިދޭން އެޑިއުކޭޝަން މިނިސްޓްރީން އެއްބަސްވެ، މި ހަފުތާގައި އެކަން އަންގާފައިވާ ކަމަށެވެ.

އެހެންވެ، ފަސް މާއްދާއިން ފާސްވާ ކުދިންނަށް ކުރިއެކޭ އެއްގޮތަށް ހިލޭ ކިޔެވޭނެ ކަމަށް ސައީދު ވިދާޅުވި އެވެ.

ދަރިވަރުންނަށް ބޮޑު ފީއެއް ދައްކައިދޭން މިނިސްޓްރީން އެއްބަސްވިއިރު، ވިލާ ހައި ސްކޫލުން ވަނީ މި އަހަރުން ފެށިގެން ގްރޭޑު 11 އަށް ވަންނަ ކުދިންގެ އަތުން 3،600ރ. ގެ ފީ ނަގަން ނިންމައިފަ އެވެ. އެ ބަދަލުގެ ސަބަބުން، މިިދިޔަ މަހުގެ 28 ގައި ފެށި އޭ ލެވެލްގެ އާ ބެޗަށް ގުޅުނު ދަރިވަރުން ވަނީ ފީ ދައްކައިފަ އެވެ.

ސައީދު ވިދާޅުވީ އެ ދަރިވަރުންގެ ފީ އެ ސްކޫލުން ރިފަންޑު ކޮށްދޭނެ ކަމަށެވެ.

އޯ ލެވެލްގައި ފަސް މާއްދާ އިން ފާސްވާ ކުދިންގެ ތެރެއިން ވިލާ ހައި ސްކޫލްގައި ކިޔަވަން ބޭނުންވާ ކުދިންގެ ފީ މިހާތަނަށް ދައްކައިދެމުން އައީ އެޑިއުކޭޝަން މިނިސްޓްރީންނެވެ. އެއީ ކޮންމެ ދަރިވަރަކަށް، 1،370ރ. ގެ ރޭޓުންނެވެ.

އެ އަށް ވުރެ ދަށްކޮށް ފާސްވެފައިވާ ކުދިންނަށް ވެސް ސްކޫލުން ޖާގަ ލިބުނަސް، އެ ކުދިން ވެސް ދިޔައީ އަމިއްލަ އަށް 2،400ރ. ގެ ފީއެއް ދައްކަމުންނެވެ. އެކަމަކު، މި އަހަރުން ފެށިގެން އެ އަދަދު ވަނީ 3،600ރ. އަށް އިތުރުކޮށްފަ އެވެ.

ސައީދު ވިދާޅުވި ގޮތުގައި ސަރުކާރުން ފައިސާ ދައްކައިދޭނީ އިސްލާމް ނުވަތަ ދިވެއްސާއެކު، އިތުރު ހަތަރު މާއްދާއަކުން ފާސްވެފައިވާ ނަމަ އެވެ. އެ ކުދިން އޭ ލެވެލްގައި އިސްލާމާއި ދިވެހި އަދި އިނގިރޭސި މާއްދާއާއެކު އިތުރު ތިން މާއްދާއެއް ކިޔަވަންޖެހެ އެވެ.

އޭ ލެވެލަށް އަލަށް ވަން ކުދިންނަށް ބޮޑު ފީއެއް ދޭން މިނިސްޓްރީން ނިންމި ނަމަވެސް، ގްރޭޑު 12 ގައި ކިޔަވާ ކުދިންނަށް ސަރުކާރުން ދޭނީ ކުރިން ވެސް ދެމުން އައި ގޮތަށް 1،370ރ. އެވެ.

ސައީދު ވިދާޅުވީ ވިލާގައި ހިލޭ ކިޔެވޭ ގޮތް ހަމަޖެހުމުން އެ ސްކޫލަށް ވަނުމަށް ކުދިންގެ ޝައުގުވެރިކަން ފާޅުކުރަމުން އަންނަ ކަމަށެވެ. ޖާގަ އޮތް ވަރަކުން އެ ހުރިހާ ކުދިންނަށް ވެސް ފުރުސަތު ދޭނެކަން އޭނާ ފާހަގަކުރެއްވި އެވެ.

ވިލާ ހައި ސްކޫލުގައި މި ވަގުތު ތިން ބެޗަކުން 900 ކުދިން އެބަތިއްބެވެ. އެއީ މި މަހ އޭ ލެވެލް ނިންމާ ދަރިވަރުންނާއި މިިދިޔަ އަހަރު ގްރޭޑް 11 އަށް ވަން ކުދިން އަދި މި އަހަރު އަލަށް ކިޔަވަން ފަށާ ކުދިންނެވެ.