ޔޫކްރޭން ނޭޓޯއާ ގުޅުމަކީ ތިން ވަނަ ބޮޑު ހަނގުރާމައިގެ ފެށުން: ރަޝިޔާ
ޔޫކްރޭން ނޭޓޯއާ ގުޅުމަކީ ތިން ވަނަ ބޮޑު ހަނގުރާމައިގެ ފެށުން: ރަޝިޔާ

އެމެރިކާ އިސް ދައުރެއް އަދާކުރަމުން އަންނަ ނޭޓޯގައި ޔޫކްރޭން ބައިވެރިކޮށްފި ނަމަ، މިހާރު ޔޫކްރޭންގައި ކުރަމުންދާ ހަނގުރާމަ ޔޫކްރޭނުން ބޭރަށް ފެތުރި، ދުނިޔޭގެ ތިން ވަނަ ބޮޑު ހަނގުރާމަ ފެށުމަކީ ކަށަވަރު ކަމެއް ކަމަށް ރަޝިޔާ އިން ބުނެފި އެވެ.

ޔޫކްރޭންގެ ހަތަރު ސަރަހައްދެއް ރަޝިޔާއާ އެއްކޮށްލިކަން، މިދިޔަ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން އިއުލާންކުރެއްވުމާ އެކު، ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވަނީ، އެ ގައުމަށް ނޭޓޯގެ މެންބަރުކަން އަވަހަށް ހޯދުމުގެ މަސައްކަތް ފަށައިފިކަން އިއުލާން ކުރައްވައިފަ އެވެ.

ހުސްވި ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ރަޝިޔާއާ އެއްކޮށްލި ހަތަރު ސަރަހައްދަކީ، ޔޫކްރޭންގެ ދެކުނުގައި އޮންނަ ދެ ސަރަހައްދެއް ކަމަށްވާ ޒަޕަރޯޖިޔާ އާއި ޚެރްސޯންގެ އިތުރުން، އިރުމަތީ ދެ ސަރަހައްދެއް ކަމަށްވާ ލުހާންސްކް އާއި ޑޮނެޓްސްކް އެވެ. މުޅި ޔޫކްރޭންގެ ބިމުގެ ގާތްގަނޑަކަށް 18 ޕަސެންޓު އެކުލެވޭ އެ ސަރަހައްދުތައް ރަޝިޔާއާ އެއްކޮށްލީ، އެ ސަރަހައްދުތައް ޔޫކްރޭނުން ވަކިވެ ރަޝިޔާއާ ގުޅުމާ ބެހޭ ގޮތުން އާންމުންގެ ޚިޔާލު ހޯދުމަށް މިދިޔަ މަހުގެ 23-27 އަށް ނެގި ވޯޓުގައި އެކަމަށް އަޣުލަބިއްޔަތު ލިބުމުންނެވެ.

ނޭޓޯގެ މެމްބަރުކަން ހޯދުމަށް އެދި ޔޫކްރޭނުން ހުށަހަޅާފައި ވިޔަސް، އެކަމަށް އަދި ދިގު މުއްދަތެއް ނަގާނެ އެވެ. ސަބަބަކީ، ޔޫކްރޭންގެ އެ ހުށަހެޅުން ނޭޓޯގެ ހުރިހާ ގައުމުތަކުގެ ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅައި، އެ ގައުމުތަކުގެ ރުހުން އެކަމަށް ހޯދަންޖެހުމެވެ. ނޭޓޯގެ މެމްބަރުންގެ ގޮތުގައި މިވަގުތު އޮތީ 30 ގައުމެކެވެ.

ރަޝިޔާގެ ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ޑެޕިއުޓީ ސެކްރެޓަރީ އެލެގްޒެންޑާ ވެނެޑިކްޓޯވް މިއަދު ވިދާޅުވީ ޔޫކްރޭނަށް ނޭޓޯގެ މެންބަރުކަން ދިނުމަކީ މިހާރުގެ ހާލަތަށް ބަލާއިރު، ތިން ވަނަ ބޮޑު ހަނގުރާމަ ފެށޭނެ ކަމެއްކަން ނޭޓޯގެ ގައުމުތަކަށް ވެސް އެނގޭނެ ކަމަށެވެ. އެހެންކަމުން، ޔޫކްރޭނަށް ނޭޓޯގެ މެމްބަރުކަން ދިނުމުގެ ވާހަކަ ހުޅަނގުން ދައްކަނީ ޕްރޮޕަގެންޑާއެއްގެ ގޮތުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރައީސް ޕުޓިންގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނޭ ވެނެޑިކްޓޯވް ވިދާޅުވި ގޮތުގައި ނޭޓޯއާ ގުޅުމަށް ކުރާ މަސައްކަތަކީ އަމިއްލައަށް މަރުވުން ފަދަ ކަމެއްކަން ޔޫކްރޭނަށް ވެސް ރަނގަޅަށް އެނގޭނެ އެވެ. އެހެން ނަމަވެސް ރަޝިޔާގެ ސިޔާސަތު އޮތީ ވަރަށް ސާފުކޮށް ކަމަށާއި، ޔޫކްރޭނުން ނޭޓޯއާ ނުވަތަ އެފަދަ އަސްކަރީ އެހެން ޖަމާއަތަކާ ގުޅުމަކީ ރަޝިޔާ އިން އެއްވެސް އިރެއްގައި ރުހި ގަބޫލުވާނެ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރަޝިޔާ އިން ހިފި ޔޫކްރޭންގެ ބިންތައް ރަޝިޔާއާ ގުޅައިލުން ކުށްވެރިކޮށް، އދ.ގެ އާންމު މަޖިލީހުން އިއްޔެ ގަރާރެއް ފާސްކޮށްފައި ވަނިކޮށް، ރަޝިޔާ އިން މިއަދު ހެނދުނުވެސް ވަނީ ވައިގެ މަގުން ޔޫކްރޭންގެ ވެރިރަށް ކިޔޭވް އަށް ވަރުގަދަ ހަމަލާތަކެއް ދީފަ އެވެ. މިއަދުގެ ހަމަލާތައް ދިނީ އީރާނުގައި އުފައްދާފައިވާ ޑްރޯންތަކެއް ބޭނުންކޮށްގެންނެވެ.

އެ ޑްރޯންތައް އުފައްދާފައި ހުރީ، އޭގައި ގޮވާތަކެތި ހަރުކޮށް، އެއިން ކޮންމެ ޑްރޯނެއް ވައިގެ ތެރެއިން ދަތުރުކޮށްފައި ގޮސް އެއަށް ކަނޑައަޅާފައިވާ އަމާޒަށް ޖެހިގަންނަ ގޮތަށެވެ.