13 އޮކްޓޯބަރ 2022 - 12:02

ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) އިން ބާއްވަން މަސައްކަތްކުރާތާ އެތައް އަހަރެއްވީ ސާފް ކްލަބް ޗެމްޕިއަންޝިޕް އަންނަ ބަންގްލަދޭޝްގައި އޮންނާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
އެ މުބާރާތް މި އަހަރު ބާއްވަން މިދިޔަ އަހަރު ސާފްގެ އެގްޒެކެޓިވް ކޮމިޓީން މަޝްވަރާކުރި ނަމަވެސް މި އަހަރަށް ނެރުނު ކަލަންޑަރުގައި އެ މުބާރާތް ނުހިމެނެ އެވެ.
ސަރަހައްދީ ނޫސްތަކުން ބުނާ ގޮތުގައި ބަންގްލަދޭޝް އިން ވަނީ އަންނަ އަހަރު މުބާރާތް ހޯސްޓް ކުރަން އެއްބަސްވެފަ އެވެ. އެކަމަކު ބާއްވާނެ ތާރީހެއް ކަނޑަނާޅަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ސަރަހައްދުގެ އެންމެ ވަރުގަދަ ތިން ގައުމު ކަމަށްވާ އިންޑިއާ، ރާއްޖެ އަދި ބަންގްލަދޭޝް އަށް މުބާރާތުގައި ދެ ކްލަބް ބައިވެރިކުރަން ފުރުސަތު ދޭނެ އެވެ. ބާކީ ގައުމުތަކަށް ފޮނުވޭނީ އެންމެ ކްލަބެކެވެ.
އިންޑިއާ އިން ވާދަކުރާނީ އެންމެ ފަހުގެ އިންޑިއަން ސުޕަ ލީގުގެ ޗެމްޕިއަން ހައިދަބަރުއާބާދު އެފްސީ އާއި ރަނަރަޕް ކެރެލާ ބްލާސްޓާސް އެވެ.
ރާއްޖޭން ވާދަކުރާނީ އެންމެ ފަހުގެ ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަން މާޒިޔާ ރެކްރިއޭޝަން ކްލަބާއި ރަނަރަޕް ކްލަބް އީގަލްސް އެވެ.
ބަންގްލަދޭޝް އިން ފުރުސަތު ދޭނީ ލީގު ޗެމްޕިއަން ބަޝުންދުރާ ކިންގްސް އާއި ޑާކާ އަބަހާނީ އަށެވެ.
ނޭޕާލުން އޭ ޑިވިޝަން ލީގު ޗެމްޕިއަން މަޗިންދުރާ އެފްސީ ވާދަކުރާއިރު ޕާކިސްތާނުން ބައިވެރިވާނީ ވަޕްޑާ އެފްސީ އެވެ. ބޫޓާނުން ޕަރޯ އެފްސީ ވާދަކުރާއިރު ސްރީ ލަންކާ އިން ބައިވެރިކުރާނީ ބްލޫ ސްޓާ އެވެ.
ދެކުނު އޭޝިއާގެ ގައުމުތަކުގެ ކްލަބްތަކުގެ މެދުގައި މުބާރާތެއް ބޭއްވުމުގެ ވާހަކަތައް މީގެ 10 ވަރަކަށް އަހަރު ކުރީއްސުރެ އައީ ދެކެވުމުންނެވެ. އޭގެ ފަހުން 2020 ވަނަ އަހަރު ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އާއި އޭއެފްސީގެ ރައީސް ޝެއިޚް ސަލްމާން ބިން އިބްރާހިމްއާ އެކު އެކު ސަރަހައްދުގެ ގައުމުތަކުން ބޭއްވި ބައްދަލުވުމުގައި ވަނީ ވަނީ އެ މަޝްވަރާކޮށްފަ އެވެ.
އޭއެފްސީން ބާއްވާ ދެ ވަނަ ފަންތީގެ ކްލަބް މުބާރާތް ކަމަށްވާ އޭއެފްސީ ކަޕުގެ އެއް ގްރޫޕް މިހާރު ހާއްސަކޮށްފައި އޮންނަނީ ދެކުނު އޭޝިއާ އަށެވެ. އެހެންވެ މިވަގުތަށް ބަލާއިރު ސާފް ކްލަބް ޗެމްޕިއަންޝިޕެއްގައި ސިފައިގައި ކުރިއަށްދަނީ އެ މުބާރާތެވެ. އެ މުބާރާތާއި މީގެ ކުރިން ބޭއްވި އޭޝިއަން ކްލަބް ޗެމްޕިއަންޝިޕާއި އޭޝިއަން ޗެމްޕިއަންސް ލީގުގައި އެންމެ ކާމިޔާބީ އިންޑިއާ އާއި ރާއްޖޭގެ ކްލަބްތަކެވެ.