ޖާންވީގެ "މިލީ" ގެ ޓީޒާއެއް
ޖާންވީގެ "މިލީ" ގެ ޓީޒާއެއް

ބޮލީވުޑްގެ ޒުވާން ތަރި، ޖާންވީ ކަޕޫރުގެ ކުރިއަށް އޮތް ފިލްމު "މިލީ" ގެ ޓީޒާއެއް ދޫކޮށްލައިފި އެވެ.

ޖާންވީގެ ބައްޕަ، ބޮނީ ކަޕޫރު ޕްރޮޑިއުސްކުރާ އެ ފިލްމަކީ މަޅަޔާލަމް ފިލްމު، ހެލެންގެ ރިމޭކެކެވެ. ފިލްމުގެ ޝޫޓިންތައް މިދިޔަ އަހަރުގެ އޮގަސްޓް މަހު ފަށާފައިވާއިރު، އެ ފިލްމުގައި ޖާންވީއާ އެކު ފެންނާނީ ސަނީ ކޯޝަލް އާއި މަނޯޖް ޕައްވާ އެވެ.

މިއީ ޖާންވީ، އެނާގެ ބައްޕައާ އެކު މަސައްކަތްކުރާ ފުރަތަމަ ފިލްމެވެ.

ފުރަތަމަ ޕޯސްޓަރާ އެކު ފިލްމުގެ ޓީޒާ އިއްޔެ ބޮނީ އާންމުކުރި އެވެ. ގާތްގަނޑަކަށް 50 ސިކުންތުގެ އެ ޓީޒާގައި ފެންނަނީ ވަރަށް ފިނި ތަނެއްގައި އޭނާ ބަންދުކޮށްފައިވާ ތަނެވެ. އެ ތަނުގައި ގިނައިރު ވުމުގެ ސަބަބުން ފިނިވެ، މުޅި މީހާ ރަތްވެފައި ވާއިރު އެ ތަނުން ސަލާމަތް ވާން އޭނާ މަސައްކަތްކުރާ މަންޒަރު ޓީޒާގައި ފެނެ އެވެ.

ޓީޒާގައި ދެ ތިން ސިކުންތަށް ސަނީ ވެސް ފެނެ އެވެ. އޭނާ ފެންނަނީ ވަރަށް ހާސްވެގެން ހުރެ ސައިކަލު ދުއްވާފައިދާ މަންޒަރުންނެެވެ.

ފިލްމުގެ ޕޯސްޓަރު އާންމުކޮށް ޖާންވީ ބުނީ، މިލީ ނޯޑިއާލް ނުވަތަ މިލީއަކީ 24 އަހަރުގެ ޒުވާނެއް ކަމަށެވެ. ބެެޗެ ލާސް އޮފް ސައިންސް އިން ނާސިންގެ ދާއިރާ އިން ގްރެޖުއޭޓްވެފައިވާ މިލީގެ ހަޔާތް އެއް ގަޑިއިރުގެ ތެރޭގައި ބަދަލުވާ މަންޒަރު ފެންނާނެ ކަމަށް ޖާންވީ ބުންޏެވެ.

އެއީ އަންނަ މަހުގެ 4 ވަނަ ދުވަހު ސިނަމާގައި އަޅުވަން ތައްޔާރުވަމުން އަންނަ ފިލްމެކެވެ.

"މިލީ" ގެ މަޅަޔާލަމް ވާޝަނުގައި ފެނިފައި ވަނީ އަނާ ބެން އެވެ. އެ ފިލްމުގައި އޭނާ ދައްކުވައިދީފައިވާ މޮޅު އެކްޓިންގެ ސަބަބުން އޭނާ އަށް ވަނީ ކެރެލާ ސްޓޭޓް ފިލްމު އެވޯޑުގައި ސްޕެޝަލް ޖޫރީ އެވޯޑު ވެސް ލިބިފަ އެވެ.

ޖާންވީ އެންމެ ފަހުން ފެނުނީ އަންނަދު އެލް ރާއީގެ "ގުޑްލަކް ޖެރީ" އިންނެވެ.