13 އޮކްޓޯބަރ 2022 - 06:08

ބޮލީވުޑްގެ ދެ ތަރިން ކަމަށްވާ، ހުމާ ގުރޭޝީ އާއި ސޮނާކްޝީ ސިންހާ ލީޑު ކުޅޭ ފިލްމު "ޑަބަލް އެކްސްއެލް" ގެ ޓްރެއިލާ އިއްޔެ އާންމުކޮށްފި އެވެ.
ސޯޝަލް މީޑިއާގައި އާންމުކުރި ތިން މިނިޓްގެ އެ ވީޑިއޯގައި ފެންނަނީ ހުމާ އާއި ސޮނާކްޝީ ފަލަވުމުގެ ސަބަބުން އެ މީހުންނަށް ދިރިއުޅުމުގައި ދިމާވި ގޮންޖެހުންތަކާ އެކު ކާމިޔާބަށް ކުރާ މަސައްކަތެވެ.
ޓްރެއިލާ އިން އެނގޭ ގޮތުގައި ކުޑަ އަވަށަކަށް ނިސްބަތްވާ މީހެއްގެ ރޯލުން ފެންނަ ހުމާގެ އުންމީދަކީ، ކުޅިވަރުގެ ނޫސްވެރިއަކަށް ވުމެވެ. ސޮނާކްޝީ ބޭނުންވީ މަޝްހޫރު ފެޝަން ޑިޒައިނަރަކަށް ވާށެވެ. އެކަމަކު، އެ ދެ މީހުންގެ އެ އުންމީދުގައި ކުރިއަށް ދާން ބޭނުންވިޔަސް ކުރިމަތިވި ގޮންޖެހުމަކީ "ފަލަ" ވުމުގެ ސަބަބުން ކުރިމަތިވި ފުރައްސާރަ އެވެ.
ގިނަ ބައެއްގެ ތެރޭގައި އެ މީހުން ލަދުގަންނަ ކަހަލަ ބަސްތައް އަޑު އަހަންޖެހޭ މަންޒަރުތައް އެ ކުރު ޓްރެއިލާ އިން ފެނެ އެެވެ.
އެ ފިލްމަށް އެ ދެ ތަރިން ވަނީ 15-20 ކިލޯ އަށް ހަށިގަނޑުގެ ބަރުދަން އިތުރު ކޮށްފަ އެވެ.
އަންނަ މަހުގެ ހަތަރެއްގައި ރިލީޒުކުރާ އެ ފިލްމުގައި ސޮނާކްޝީ އާއި ހުމާގެ އިތުރުން ދެން ލީޑުން ފެންނާނީ ޒަހީރު އިގްބާލާއި މަހަތު ރަގަވެންދަރު އެވެ.