12 އޮކްޓޯބަރ 2022 - 16:07

އެމެރިކާ އާއި ނޭޓޯގެ ގައުމުތައް އަންނަނީ، ޔޫކްރޭން-ރަޝިޔާ މައްސަލައިގެ ތެރެއަށް ވަންނަމުން، މަޑުމަޑުން ހަނގުރާމައާ ކައިރިވަމުން ކަމަށް ރަޝިޔާ އިން މިއަދު ތުހުމަތުކޮށްފި އެވެ.
ރަޝިޔާގެ ރިއާސީ ގަނޑުވަރު ކްރެމްލިންގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯވް މިއަދު ވިދާޅުވީ ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޔެންސް ސްޓޯލެންބާގް އެންމެ ފަހުން ދެއްކެވި ވާހަކަތަކަށް ބަލާއިރު، ޔޫކްރޭނާ ބައިވެރިވެގެން ރަޝިޔާއާ ދެކޮޅަށް ނޭޓޯ އިން ހަނގުރާމަކުރާ ކަމަށް ނޭޓޯ އިން އެއްބަސްވެ އެވެ.
"ނޭޓޯއަކީ މި މައްސަލައިގެ ބައިވެރިއެއް ނޫން. އެހެން ނަމަވެސް، މި ހަނގުރާމައިގައި އަހަރެމެންގެ ތާއީދު ވަރަށް މުހިންމު ދައުރެއް އެބަ އަދާކުރޭ،" އިއްޔެ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޔެންސް ސްޓޯލެންބާގް ވިދާޅުވި އެވެ.
ޕެސްކޯވް ވިދާޅުވީ މި ހަނގުރާމައިގައި ނޭޓޯ ބައިވެރިވުމުން، އަދި އެކަމުގެ ސަބަބުން އެމެރިކާ ވެސް މި ހަނގުރާމައިގައި ޝާމިލުވުމުން، މައްސަލަ އެދަނީ ވަރަށް ބޮޑަށް ނުރައްކާވަމުން ކަމަށެވެ. އެމެރިކާ އިން ދުވަހަކަށް ވުރެ ދުވަހެއް، މައްސަލައާ ކައިރިއަށް ޖެހެމުންދާ ކަމަށް، މިދިޔަ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު ވެސް ޕެސްކޯވް ވިދާޅުވި އެވެ.
ސްޓޯލެންބާގް ވިދާޅުވީ މިދިޔަ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު، ބޯލްޓިކް ކަނޑުގެ އަޑިން އަޅާފައި އޮތް ރަޝިޔާގެ ގޭސް ހޮޅި ގޮއްވައިލުމާ ގުޅިގެން، ނޭޓޯގެ އިންފްރާސްޓްރަކްޗާތަކުގެ ސަލާމަތީ ކަންތައް އެ ޖަމާއަތުން މިހާރު ވަރުގަދަ ކޮށްފައިވާ ކަމަށެވެ. އެއްވެސް ބަޔަކު ނޭޓޯގެ އިންފްރާސްޓްރަކްޗާއަކަށް ގަސްދުގައި ގެއްލުމެއް ދީފި ނަމަ، ވަރަށް ހަރުކަށި ގޮތަކަށް ރައްދު ދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޔޫކްރޭނާ ދެކޮޅަށް ރަޝިޔާ އިން ކުރަމުންދާ ހަނގުރާމައިން ދިފާއުވުމަށް ޔޫކްރޭނުން ކުރަމުންދާ މަސައްކަތަށް އެހީތެރިކަން ފޯރުކޮށްދެނީ އެމެރިކާ އާއި ނޭޓޯގެ އިތުރުން ވިލާތުގެ އިއްތިހާދުގެ މެމްބަރު ގައުމުތަކުންނެވެ. އެ ގޮތުން ޒަމާނީ އަސްކަރީ ހަތިޔާރާއި ފައިސާގެ އެހީތެރިކަން އަންނަނީ ފޯރުކޮށްދެމުންނެވެ.
މި އަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށީ، އާ ނާޒީންގެ ނުރައްކާތަކުން ރަޝިޔާ ދިފާއުކުރުމުގެ ގޮތުން ކަމަށް ބުނެ އެވެ. ހަނގުރާމަ އަށް ހަތް މަސް ފުރިފައިވާ އިރު، ދެ ގައުމުގެ ސިފައިންގެ ތެރެއިން ވެސް ގިނަ އަދަދެއްގެ ބަޔަކު ވަނީ މަރުވެފަ އެވެ. އަދި ޔޫކްރޭންގެ އާންމުންގެ ތެރެއިން ވެސް ގިނަ އަދަދެއްގެ ބަޔަކު މަރުވެއްޖެ އެވެ.