ކުރިއަށް އޮތް ފަސް ދުވަހު ވެސް ވިއްސާރަ ކުރާނެ: މެޓް
ކުރިއަށް އޮތް ފަސް ދުވަހު ވެސް ވިއްސާރަ ކުރާނެ: މެޓް

މިހާރު ރާއްޖެ އަށް ކުރަމުންދާ ވިއްސާރާގައި ކުރިއަށް އޮތް ފަސް ދުވަހު ވެސް މުޅި ރާއްޖެ އަށް ވިއްސާރަކުރާނެ ކަމަށް މެޓް އޮފީހުން މިއަދު ލަފާކޮށްފި އެވެ.

އެ އޮފީހުގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ އަންނަ އާދިއްތަ ދުވަހާ ހަމަ އަށް ހުރިހާ އަތޮޅަކަށް ވެސް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. ވިލާގަނޑުގައި ވައިގަދަވެ، ކަނޑުތައް ވެސް ގަދަވުން އެކަށީގެންވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށިގެންވޭ،" އޮފިޝަލް ވިދާޅުވި އެވެ.

މެޓް އޮފީހުން ބުނީ ވައިޖެހޭނީ ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށެވެ. ވިލާގަނޑުގައި ގަޑިއަކު 45 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވެ އެވެ.

އެ އޮފީހުން މިއަދު އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ފާއިތުވި 24 ގަޑިއިރު އެންމެ ބޯކޮށް ވާރޭވެހުނީ ސ. ހުޅުމީދު އަށެވެ. އެ ރަށަށް 59 މިލިމީޓަރުގެ ވާރޭ ވެހުނެވެ. ދެން އެންމެ ގިނައިން ވާރޭ ވެހުނީ ލ. ކައްދު އަށެވެ. އެއީ 51 މިލިމީޓަރުގެ ވާރެ އެވެ.

މިދިޔަ މަހުގެ ފަހުކޮޅުން ފެށިގެން ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ދަނީ ވިއްސާރަ ކުރަމުންނެވެ. މޫސުން ބޮޑަށް ގޯސްވާން ފެށީ މިދިޔަ ހަފުތާގަ އެވެ.