12 އޮކްޓޯބަރ 2022 - 09:46

ކޯޕަންހޭގަން (އޮކްޓޫބަރު 12) - ޔުއެފާ ޗެމްޕިއަންސް ލީގުގައި މެންޗެސްޓާ ސިޓީ އާއި ރެއާލް މެޑްރިޑް ރޭ ކުޅުނު މެޗުތަކުން އެއްވަރުވި ނަމަވެސް މުބާރާތުގެ ނޮކްއައުޓް ބުރުން ޖާގަ ހޯދަައިފި އެވެ.

ސިޓީ އިން ޑެންމާކުގެ ކޯޕަންހޭގަންއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވީ ލަނޑެއް ނުޖެހި 0-0 އިންނެވެ. ރެއާލުން ޔޫކްރޭނުގެ ޝަކްތާ ޑޮނެސްކާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވީ 1-1 އިންނެވެ.
މެޗުގެ ވަރަށް ކުރީކޮޅު ސިޓީގެ ރޮޑްރީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން ލަނޑެއް ޖެހި ނަމަވެސް އޭގެ ކުރިން ސިޓީގެ ރިޔާދް މަހްރޭޒް އަތުގައި ބޯޅަ ޖެހުނު ކަމަށް ވީއޭއާރުން ނިންމުމުން ގޯލު ބަލައެއް ނުގަނެ އެވެ.
ކޯޕަންހޭގަން ޑިފެންޑަރެއް އަތުގައި ބޯޅަ ޖެހުމުން މެޗުގެ 25 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއެއް މަހްރޭޒް ފޮނުވާލުމުން ކޯޕަންހޭގަންގެ ގޯލްކީޕަރު ކަމީލް ގްރަބާރާ ދިފާއު ކުރި އެވެ. އަދި އޭގެ ފަސް މިނިޓު ފަހުން ސިޓީގެ ސާޖިއޯ ގޯމޭޒް ކުރި ނުރައްކާތެރި ފައުލަކަށް ސީދާ ރަތް ކާޑެއް ދެއްކުމުން އެޓީމުން މެޗު ފުރިހަމަ ކުރީ އެކަކު މަދުކޮށެވެ.
ސިޓީ އިން ވަނީ ގުރޫޕް ސްޓޭޖުގެ ފުރަތަމަ ތިން މެޗު ވެސް ކާމިޔާބު ކޮށްފަ އެވެ. މި މެޗުން ހޯދި ޕޮއިންޓާ އެކު މިހާތަނަށް 10 ޕޮއިންޓް ހަމަކޮށްގެން ސިޓީ އޮތީ އެއް ވަނައިގަ އެވެ. ގުރޫޕް ޖީ ގެ ދެ ވަނައިގައި އޮތް ޖަރުމަންގެ ބޮރޫޝިއާ ޑޯޓްމަންޑަށް ލިބިފައި ވަނީ ހަތް ޕޮއިންޓެވެ.
ޑޯޓްމަންޑުން އަމިއްލަ ދަނޑުގައި ސްޕެއިންގެ ސެވިއްޔާއާ ދެކޮޅަށް ކުޅުނު މެޗު ވެސް ނިމުނީ އެއްވަރު ވެގެންނެވެ. މި މެޗު އެއްވަރުވީ 1-1 އިންނެވެ.
މެޗުގެގައި ފުރަތަމަ ލަނޑު ޖެހީ ސެވިއްޔާ އިންނެވެ. މި ލަނޑު 18 ވަނަ މިނިޓުގައި ޖަހައިދިނީ ޓަންގީ ނިއަންޒޫ އެވެ. ޑޯޓްމަންޑަށް އެއްވަރުކޮށްދިން ލަނޑު 35 ވަނަ މިނިޓުގައި ޖަހައިދިނީ ޖޫޑް ބެލިންގްހަމް އެވެ.
ސެވިއްޔާ އާއި ކޯޕަންހޭގަން އަށް ލިބިފައި ވަނީ ދެ ޕޮއިންޓެވެ.
މި މެޗުގައި ރެއާލް އަށް ނަތީޖާ އެއްވަރު ކޮށްދިން ލަނޑު، މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ފަސްވަނަ މިނިޓުގައި ޖަހައިދިނީ ޑިފެންޑަރު އެންޓޮނީ ރުޑިގާ އެވެ. އިތުރު ވަގުތުގެ ގޮތުގައި ދެއްކީ ވެސް ފަސް މިނިޓެވެ.
ދަނޑުގެ މެދަކާ ހަމައިން ޓޯނީ ކްރޫސް އޭރިއާ ތެރެއަށް މަތިން ވައްޓަލި ބޯޅައަށް ބޮލުން އަރައި ރުޑިގާ ނަތީޖާ އެއްވަރު ކޮށްދިން އިރު، ދިފާއުގައި އެރި ޝަކްތާ ގެ ކީޕަރު އެނަޓޮލީ ޓްރޫބިން ދެ ކުޅުންތެރިން ޖެހި ރުޑިގާގެ ބޮލަށް އަނިޔާވެ، ވަރަށް ބޮޑަށް ލޭ އައިސްފައި ވެއެވެ.
ފުރަތަމަ ހާފުގައި ކަރީމް ބެންޒެމާ އާއި ފެޑެރީކޯ ވެލްވާޑޭ ފޮނުވާލި ހަމަލާތައް ކީޕަރު ޓްރޫބިން ދިފާއު ކުރި އިރު، ދެ ވަނަ ހާފު ފަށައިގެން ފުރަތަމަ މިނިޓުގައި ޝަކްތާ އަށް ލީޑު ނަގައިދިނީ އޮލެކްޒެންޑާ ޒުބްކޯވް އެވެ.
އޭގެ ފަހުން ޝަކްތާ ގެ ފޯވާޑް ބާޓްރަންޑް ޓްރައޯރޭ އަށް ލިބުނު ފުރުސަތުގައި ރެއާލްގެ ކީޕަރު، ޔޫކްރޭންގެ އަންޑް ލުނިން ކައިރިން ނައްޓާފައި ވެސް ގޯލާ އަމާޒު ކޮށެއް ނުލެވުނެވެ. އަދި ފުރިހަމަ ވަގުތު ހަމަވާން ކުޑަ އިރުކޮޅަކަށް ވެފައި ވަނިކޮށް ވިނީޝަސް ޖޫނިއާ ބޮލުން ފޮނުވާލި ހަމަލާއެއް ވެސް ދިޔައީ ގޯލު މަތިން ބޭރަށެވެ.
މިއީީ ރެއާލް ވެސް ގުރޫޕް ސްޓޭޖުގައި އެއްވަރުވި ފުރަތަމަ މެޗެވެ. ފުރަތަމަ ތިން މެޗު ކާމިޔާބު ކުރި އިރު، 10 ޕޮއިންޓާ އެކު އޮތީ ގުރޫޕް އެފް ގެ އެއް ވަނައިގަ އެވެ. ދެ ވަނައިގައި އޮތް ޖަރުމަންގެ އާރުބީ ލައިޕްޒިގަށް ވަނީ ހަ ޕޮއިންޓް ލިބިފަ އެވެ. ޝަކްތާ އޮތީ ފަސް ޕޮއިންޓާ އެކު ތިން ވަނައިގަ އެވެ.
ލައިޕްޒިގުން ވަނީ ރަށުން ބޭރުގައި ސްކޮޓްލެންޑުގެ ސެލްޓިކާ ވާދަކޮށް 2-0 އިން މޮޅު ވެފަ އެވެ.
ލައިޕްޒިގަށް މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގައިދިނީ ޓިމޯ ވާނާ އެވެ. މި ލަނޑު ޖެހީ މެޗުގެ 75 ވަނަ މިނިޓުގަ އެވެ. އެޓީމުން ލީޑު ފުޅާ ކުރީ 84 ވަނަ މިނިޓުގައި އެމީލް ފޯސްބާގް ކާމިޔާބު ކޮށްދިން ލަނޑުންނެވެ.
ސެލްޓިކް މިހާތަކަށް ކުޅުނު ހަތަރު މެޗުން ލިބިފައި ވަނީ އެންމެ ޕޮއިންޓެކެވެ.