12 އޮކްޓޯބަރ 2022 - 06:23

އާދިއްތަ ދުވަހާ ގުޅޭ
"މުޖޫ ނަމާދަށް ނުކުންނަންދެން ދޯ ތި މަޑުކުރީ؟" މެސެޖުގައި އޮތެވެ.
ނަޒްދާ ދުވެފައި ގޮސް ކުޑަދޮރުން ބޭރު ބަލައިލިއެވެ. ޔަގީނުން ވެސް ގޭގެ ކުރިމައްޗަކު، އެ ވަގުތަކު މީހަކު ނެތެވެ. އަނެއްކާ މެސެޖެއް އައެވެ.
"ނުފެންނާނެ! ބޭނުންތަ އަހަރެން ބަލައިލަން؟ ސިޑިންއަރާފާނަމޭ! އެތެރޭގަ މިހިރީ." މެސެޖުގައި އޮތެވެ.
ނަޒްދާ ހިތަށްއެރިއެވެ. އެތެރޭގައި ހުރިއްޔާ ނަޒްދާ ކުޑަދޮރު ހުޅުވިކަން އޭނައަށް އެނގުނީ ކިހިނެއް ހެއްޔެވެ؟ އެއީ އޭނަ ލަފާކޮށްފައި ބުނި އެއްޗެއް ހެއްޔެވެ؟ މޮޔައަކަސް ބިރުކުޑަ މީހެކެވެ. އަންދާޒާ ސީދާ މީހެއް ވެސްމެއެވެ.
"އަހަރެން ބުނީމެއްނު އަހަންނަށް މެސެޖު ނުފޮނުވާށޭ!" ނަޒްދާ މެސެޖެއް ލިޔެލިއެވެ.
އެ ވަގުތު ނަޒްދާގެ ފޯނު ރަނގަބީލުވާން ފެށިއެވެ. އަރާފައި އޮތީ އޭނަ އެ ވަގުތު މެސެޖު ފޮނުވާ ނަންބަރެވެ. ނަޒްދާ ވަގުތުން ފޯނުކަނޑައިލިއެވެ. ފޯނު ނިއްވައިލިއެވެ. އެހެން ހެދުނީ ގެންފައި ހުރި ބިރެއްގެ ސަބަބުންނެވެ. އޭނަ ގުޅި ނަންބަރުން ދެން ނުގުޅޭނެ ގޮތް ވެސް ހެދުނީހެވެ. ދެން އިވެން ފެށީ މީހަކު ތުނބުންފުމޭ އަޑެވެ. އެ އަޑު އައީ ކައިރިވަމުންނެވެ. އެ ގޮތަށް ތުނބުންފުމުމަކީ މުޖުތަބާ ކުރާކަމެއް ނޫނެވެ. އަނެއްކޮޅުން ނަމާދުން ފައިބައިގެން މުޖުތަބާ އަންނަހައި އިރެއް ވެސް ނުވެއެވެ. އެ މީހަކު ދޮރު ކައިރިއަށް ހުއްޓުނެވެ. ރަނގަބީލެއް ޓަތްކެއް ނުޖަހައެވެ. ހިތް އަތްމައްޗަށް ލައިގެން ނަޒްދާ ބަލަހައްޓައިގެން ހުއްޓެވެ. ކުއްލިއަކަށް ދޮރު ދަށުން ސިޓީއުރައެއް ވަނެވެ. ނަޒްދާ ދިޔައީ ސިއްސައިގެންނެވެ. އަނެއްކާ ވެސް އެ މީހާ ތުނބުންފުމެން ފެށިއެވެ. އަޑުދިޔައީ ދުރުވަމުން މަޑުވަމުންނެވެ. އެ ސިޓީއުރަ ނަގާކަށް ނަޒްދާ ބޭނުމެއް ނޫނެވެ. އެހެނަސް، ނުނަގައިފި ނަމަ ދެން އެ ފެންނާނީ މުޖުތަބާއަށެވެ. ނަޒްދާ ގޮސް ސިޓީއުރަ ނެގިއެވެ. އެއީ ރަތްކުލައިގެ އުރައެކެވެ. ކުރީ އުރަ އޮތް ތަނަށް ނަޒްދާ އެ ސިޓީއުރަ ވެސް ލިއެވެ. ވިސްނަން ހުރެލާފައި ފޯނު ހުޅުވިއެވެ. ފޯނަށް އައިސްފައި ހުރި މެސެޖުތައް ފުހެލިއެވެ. ނަޒްދާ ހިތަށްއެރިއެވެ. ދެން އޭނަ ކުރާނީ ކީއްހެއްޔެވެ؟ ރޮށިފިހެން ހުރި އިރު ވެސް ނަޒްދާގެ ހިތް އޮތީ އެހެން ތަނެއްގައެވެ. ކަންފަތާއި ސިކުނޑި ވެސް ހުރީ އެހެން ދިމާއެއްގައެވެ.
ނަޒްދާ ދެ ސިޓީއުރަ އެއްކޮށް ހިފާއްޓައިގެން، ސިޓީއުރަތަކާއި އޭގެ އެތެރޭގައި ހުރިއްޔާ ހުރި އެއްޗެއް ކަތުރަކުން ކޮށައި ކުދިކުރިއެވެ. ކައިރީގައި މޫމިނާ އިނެވެ. އަޒާން އިނީ، ސޯފާގައި އިށީނދެގެން އައިސްކިރިމެއް ބޯށެވެ. ޓީވީން ފެންނަނީ ޕަވާ ރޭންޖާސްއެވެ.
"އަޅެ ކިޔާލާފަ ކޮށާލި ނަމަ." މޫމިނާ ބުންޏެވެ.
"ކީއްކުރަން؟" ނަޒްދާ ޗޮކެއްކަނޑައިފައި ބުންޏެވެ. "އަހަރެން ބުނީމޭ މެސެޖުނުކުރާށޭ! ބުނީމަ ވެސް ހަމަ.."
"މެސެޖު ނުކުރާށޭ ކިޔާފަ ނަޒްދާ ކީއްކުރަންހޭ މެސެޖުކުރީ؟" ކަރުދާސްކޮޅުތަކުން އަކުރެއް ކިޔޭތޯ މަސައްކަތްކުރަމުން މޫމިނާ ބުންޏެވެ. "އަޅެ ތަންކޮޅެއް ބޮޑެތިކޮށް ކޮށާލި ނަމައެއްނު އެއްޗެއް ގެސްކުރެވޭނީ ވެސް."
ނަޒްދާގެ ފޯނު ރަނގަބީލުވާން ފެށިއެވެ. އިވޭކަމަށް ވެސް ނަހަދައި ނަޒްދާ އިނެވެ. ގުޅަނީ ކާކުކަން އެނގޭތީއެވެ. އެއީ އެ ފޯނުއަންނަތާ ތިންވަނަ ފަހަރެވެ.
"ދެން އަޅެ ނަގާބަލަ!" މޫމިނާ އެދުނެވެ. "ނަގާފަ ބުނެބަލަ ނުގުޅާށޭ!"
ނަޒްދާ އަޅައެއްނުލިއެވެ. މޫމިނާ ފޯނު ނެގިއެވެ. އެތައް ފަހަރަކު ހަލޯކިޔުމުން ވެސް ޖަވާބެއް ނުދިނެވެ. އެކަމަކު ވައިޖެހޭ އަޑު ކަހަލަ އަޑެއް އިވެއެވެ. ފަންކާއެއްގެ އަޑުހެން ވެސް ހީވެއެވެ. ދެން ފޯނު ކެނޑުނީއެވެ.
"މިހިރީ އަހަރެންގެ އަޑު ހުންނަ ގޮތް،" ނަޒްދާގެ ދަބަހަށް ފޯނު ލަމުން މޫމިނާ ބުންޏެވެ. "ނަޒްދާގެ ހުންނަ ކަހަލަ ތުއި އަޑެއް އަހަރެންގެ ވެސް ހުރި ނަމައެއްނު! އޭނަ ބޭނުމެއް ނޫން ތި ނޫން މީހަކާ ވާހަކަދައްކާކަށް."
"އަޅެ ދެން އަހަރެން ނޫން މީހަކު އޭނައަށް ނުފެނުނީތަ؟" ނަޒްދާ ބުނެލިއެވެ. "މިހާރު މަގުމަތިން ކޮންމެ މީހަކު ފެނުނަސް ހީވަނީ އޭނަހެން. ކިހާ ބޮޑު އުނދަގުލެއް. އޭނައަށް އެނގޭ އަހަރެން އުޅެނީ މީހަކާއިނދެގެންކަން. ދަރިއެއް ހުންނަކަން. ދެން ކޮން ފަދަ ކަމެއް. މުޖޫއަށް އެނގިއްޖެއްޔާ އަހަރެން މަރާނެ. ބަސްޓުވުމުގެ ކުރިން ބުނިއްޔާކަން ނޭނގެ ސަލާމަތްވާނީ."
"ހިޔެއްނުވޭ ތީ ރަނގަޅު އައިޑިޔާއެއްހެނެއް،" މޫމިނާގެ ހިޔާލު ތަފާތެވެ. "އަހަންނަށް ފެންނަ ގޮތް ބުނަން. ރީތިކޮށް ބުނޭ ތިހެން ނަހަދާށޭ! އަހާ ނަޒްދާގެ ފެމެލީ މައްސަލަޖެހެންހޭ ބޭނުމީ. ތަންކޮޅެއް ނައިސްވެލީމަ އޭނަ އަޑުއަހާނެ. އެ ކަހަލަ މީހުން ވަރަށް ބޭނުންވާނެ ކެއާކުރާކަން ދައްކަން. އޭނަ ދައްކަން އެ އުޅެނީ ކިހާ ލޯބިވާކަން. ތިހެން ނޫޅެ އޭނަ ހައްދާލައިގެން އުޅެބަލަ!"
ނަޒްދާ ވިސްނައިލިއެވެ. އަޒާނަށް ބަލައިލިއެވެ. ޖެހޭ މައްސަލައެއްގެ ސަބަބުން އަޒާނަށް ދެރަ ގޮތެއްވާކަށް ނަޒްދާ ބޭނުމެއް ނޫނެވެ. އަމުދުން ނަޒްދާގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމެއްގައެވެ.
"ފަތިހު އަހަންނަށް އެ ސިޓީއުރަ ނުފެނުނު ނަމަ.." ނަޒްދާ މަޑުމަޑުން ބުނެލިއެވެ. "މިއަދު ގެއަށްދާ އިރު ވެސް ނޭނގެ ވާނެ ގޮތެއް. ހަމަ ހުރެދާނެ ދޮރުގަ އެއްޗެއް އަޅުވާފަ. ގޭގަ އިންނަ އިރު އެހާ ބިރުގަނޭ. ގެއިން ބޭރުގަ އުޅޭ އިރު ވެސް އެހާ ބިރުގަނޭ. އަހަންނަކީ ތޭރަސާދަ އަހަރުގެ ޓީންއޭޖު ކުއްޖެއް ނޫން ވިއްޔަ އެ ގޮތަށް މީހަކު ފަހަތުން އަޅުވާލައިގެން އުޅެން."
ނަޒްދާއަށް ގެއަށް ވަދެވުނީ އިރުއޮއްސެނިކޮށެވެ. އެއްވެސް ޑިއުޓީއަކަށް އެ ދުވަހު ނަޒްދާ ނުދެއެވެ. ބޯހާސްވެފައި ހުރިވަރުންނެވެ. އަޒާންގެ އަތްފައި ދޮއްވައިލާ، ރީތިކޮށްލުމަށް ފަހު، ނުދޮވެ ހުރި ތަށިތައް ދޮންނަން ހަމަ ފެށި ތަނާ ދޮރަށް ތަޅުދަނޑި ޖެހި އަޑުއިވުނެވެ. ވަނީ މުޖުތަބާއެވެ. އޭނަ ހުރީ ނިކަން އަވަސްވެފައެވެ.
"ދެން އޭނައަކަށް ލާހިކެއް ނޫން ފިލައިގެން އުޅޭކަށް." މުޖުތަބާ ފޯނު ނަގަމުން ބުނެލިއެވެ.
"ކާކު ފިލައިގެން އުޅެނީ؟" ނަޒްދާ ހައިރާންވެފައި ބުންޏެވެ.
މުޖުތަބާ ފޯނުން ފޮޓޯއެއް ދައްކައިލިއެވެ. ނަޒްދާގެ މުޅި ހަށިގަނޑު ފިނިވެގެންދިޔައެވެ. އެ ފޮޓޯއަކީ، އިސްކިރީނަކުން ނަގާފައިވާ ފޮޓޯއެކެވެ. ފުރަތަމައިނުން ވެސް ނަޒްދާ ހިތަށްއެރީ މިހެންނެވެ. މުޖުތަބާއަށް އޭނަގެ ފޮޓޯއެއް ލިބުނީ ކިހިނެއް ހެއްޔެވެ؟
"ތީ ކާކު؟" ނަޒްދާ ވަރަށް ނޭނގިފައި އެހިއެވެ.
"އަޒާންގެ ބައްޕަ!" މުޖުތަބާ ފޯނު ޖީބަށްލަމުން ބުންޏެވެ. "އެހެނެއްނު އޭނަ ބުނީ. އަހަރެން އެ ކަން ހަނދާނެއް ނުނެތެއޭ! ކޮންމެވެސް އޮންލައިން މީޓިންއެއް ބާއްވަންވެގެން ހެޑްމާސްޓަރުގެ ލެޕްޓޮޕް ހުރީ އޮފީހަށް ގެނެއްސަ. މީޓިން ނިމުނީމަ ވެސް ކެމެރާ ހުރީ ކަނޑާނުލާ! އެ ކެމެރާއަށް އަރާފަ ހުރީ. މިއަދު ހެޑްމާސްޓަރާ މީޓްކުރީމަ ބުނީ. ސްކޫލުން ޕޮލިހަށް ވެސް އަންގައިފި. އެކަމަކު ހަރާން ވާނެކަމެއް."
ނަޒްދާއަށް ފޮނުވި ފިރިހެނެއްގެ ފޮޓޯގައި ހުރީ ވެސް ހަމަ އޭނައެވެ. އެއްފަހަރުން ނަޒްދާއަށް އެ ކަން ކަށަވަރުވިއެވެ. ފޮޓޯއަށް ބެލިފައިހުރި ވަރުންނެވެ. އެހެނަސް މުޖުތަބާއަށް ލިބުނު ފޮޓޯގައި މީހާގެ މޫނު އެހައި ސާފެއް ނޫނެވެ. އެއީ ނަޒްދާގެ ނަސީބެވެ. ފަހަރެއްގައި ގޭކައިރިން އޭނަ ފެނުނަސް މުޖުތަބާއަކަށް ނޭނގޭނެއެވެ.
"މޫނެއް ނޭނގެ ދޯ؟" ނަޒްދާ ޔަގީންކޮށްލިއެވެ.
"އެއީ ހަމަ ނަސީބެއް!" މުޖުތަބާ ކޮޓަރިޔާ ދިމާއަށް ހިނގައިގަންނަމުން ބުންޏެވެ. "މޫނު ސާފު ނަމަ މަގޭ އަތުން އޭނަ މަރުވާނީ. އެއީ އަޒާންގެ ބައްޕަވިއްޔާ އަހަރެންމީ އޭނަގެ ބައްޕަ. ފެނިއްޖެއްޔާ ނޮޅާލާނަން."
ނަޒްދާ ހިތަށްއެރިއެވެ. ވަގުތު އޮއްވައި އޭނައަށް ގުޅާފައި އެ ކަން ނުކުރުމަށް އެދެންވީއެވެ. މީހުން ބުނާތީ ނަޒްދާ އަހައެވެ. ރުޅިއައިސްގެން ބޭހެއް ބޯން ނުދެވޭ މީހާއަށް، ލޯބިން ވިހައެއް ވެސް ބޯންދެވިދާނެއެވެ. މޫމިނާ ބުނިހެން، ކޮންމެވެސް ވަރަކަށް އެ މީހާޔާ ގުޅައިލުން ނޫން ގޮތެއް ނަޒްދާއަކަށް ނެތެވެ. ހަމަ އެކަނި އަމިއްލަ ސަލާމަތަށް ޓަކައި ނަމަވެސް ނަޒްދާ އެ ކަން ކުރަން އެބަ ޖެހެއެވެ.
ރޭގަނޑު ލިބުނު ދަނޑިވަޅެއްގައި ނަޒްދާ ދިގު މެސެޖެއް ލިޔެލިއެވެ. ނަސޭހަތެއް ސިފައިގައެވެ. އެހެނަސް އެ މެސެޖު ފޮނުވާކަށް ނުކެރުނެވެ. ފަހަރެއްގައި މީހަކަށް ދައްކަފާނެތީއެވެ. އެ ކުޅިގަނޑު ނިމޭނެ ގޮތެއް ނޭނގެއެވެ. ދެން އޮތް ގޮތަކީ ފޯނުން ގުޅުމެވެ. ނަޒްދާގެ އަޑުން އެ ވާހަކަ ބުނުމެވެ. އެއްގޮތަކަށް ވެސް ކުރަން ބޭނުންކަމެއް ނޫނެވެ. އެ ނޫން ގޮތަކަށް އެ ކަން ހައްލުކުރެވޭނެ ނަމަ ނަޒްދާއެއް ނުގުޅާނެއެވެ. ދެ ހިޔާލެއްގައި ފޯނަށް ބަލަހައްޓައިގެން އިންދައި މެސެޖެއް އައެވެ.
"ކީއްވެ އަހަރެން މަތިން ތި ހަނދާންކުރަނީ؟" މެސެޖުގައި އޮތެވެ.
ނަޒްދާ ހިތަށްއެރިއެވެ. އޭނަ އެހާ މޮޅަށް ދިމާކުރަނީ ކިހިނެއް ހެއްޔެވެ؟ ނަންބަރު ބަލައިލި އިރު އެއީ އާ ނަންބަރެކެވެ. އޭރު މުޖުތަބާ ގޭގައި އުޅެއެވެ. އޭނަ އިނީ ޓީވީބަލާށެވެ. އަޒާން ނިންދަވަން ނަޒްދާ އިނީ އަޒާންގެ އެނދުގައެވެ. އަޒާން ނިދައިފި ވެސް މެއެވެ. ހިތްވަރުކޮށްފައި ނަޒްދާ ގުޅިއެވެ. ހިތްއަވަސްވެފައި ހުރިވަރުން ވާހަކަދެއްކޭނެބާއޭ ވެސް ނަޒްދާ ހިތަށްއެރިއެވެ. އޭނަ ފޯނު ނެގި ވަގުތަކީ މުޖުތަބާ ކޮޓަރިއަށް ވަން ވަގުތެވެ. ނަޒްދާ ފޯނު ބަންޑުން ބޭއްވިއެވެ. އަޒާންގެ ބޮލުގައި ފިރުމައިލާކަމަށް ހެދުނެވެ.
"އަހަރެން ދެންމެ ހިތަށްއެރި އެއްޗެއް ބުނަން؟" ނަޒްދާ ކައިރީގައި އިށީންނަމުން މުޖުތަބާ ބުންޏެވެ. "ސްކޫލްގަ އެހާ ގިނަ ކުދިން ތިއްބާ، އަހަރެންގެ ދަރިއަށް އެ ކަލޭގެ ލަންޗްބޮކްސްއެއް ދިނީ ކީއްވެ؟ ކޮބާ ބޭނުމަކީ؟ އޭނައަށް ކިހިނެއް އެނގުނީ އަޒާން ލަންޗްބޮކްސްއެއް ބޭނުންވެގެން އުޅޭކަން؟ އޭނަ ކިހިނެއް އަޒާންގެ ނަމާ، އިންޑެކްސް ނަންބަރު ހޯދީ؟ މީ ކިހާ ބޮޑު މައްސަލައެއް؟"
"އަޒާން އެ ވާހަކަދައްކަނިކޮށް އޭނައަށް އަޑުއިވުނީކަން ނޭނގެއެއްނު!" ނަޒްދާ ބުންޏެވެ. "އަހަންނަށް ފެންނަނީ ދެން އަޅާނުލަން. އެ ކަން އެ ނިމުނީނު."
"އެހާ ފަސޭހައިން އެ ކަމެއް ނުނިމޭނެ،" މުޖުތަބާ ފޯނު ނަގަމުން ބުންޏެވެ. "އެ ދިމާލުގަ ހުރި ޕޮލިސް ސީސީޓީވީ ކެމެރާތަކެއް. އެ ކަލޭގެ އައި ގަޑި އެނގޭ. އެ ފުޓޭޖު ބަލައިލަދޭ ވަރުގެ ރައްޓެހިން ތިބޭނެ. އެކަމަކު ފޯނަކު ނެތް ޗާޖެއް. ކޮބާ ނަޒްދާގެ ފޯނު؟"
މުޖުތަބާ އެހެން ބުނި އިރު ނަޒްދާގެ ފޯނު ނަގައިފިއެވެ.
ނުނިމޭ