އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލަށް ރާއްޖެ އިންތިހާބުވެއްޖެ
އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލަށް ރާއްޖެ އިންތިހާބުވެއްޖެ

އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ ގޮނޑި އަށް ރާއްޖެ ތިންވަނަ ފަހަރަށް އިންތިހާބު ކޮށްފި އެވެ.

ރާއްޖެއިން އެ ގޮނޑި ކާމިޔާބު ކުރީ އެމެރިކާގެ ނިއުޔޯކުގައި ހުންނަ އދ. ގެ މައިމަރުކަޒުގައި މިރޭ ބޭއްވި އެ ޖަމިއްޔާގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ އިންތިހާބުގައި، ވާދަކޮށް ކުރި ހޯދައިގެންނެވެ.

އެ އިންތިހާބުގެ 14 ގޮނޑިއަކަށް މުޅިއެކު 17 ގައުމަކުން ކުރިމަތިލި އެވެ. ރާއްޖެ އިން ކަށަވަރުކުރީ އޭޝިއާ ޕެސިފިކް ސަރަޙައްދަށް ނިސްބަތްވާ ގައުމުތައް ހިމެނޭ ގްރޫޕަށް ހާއްސަ ހަތަރު ގޮނޑީގެ ތެރެއިން އެއް ގޮނޑި އެވެ.

އިންތިހާބުގައި 189 ގައުމުން ވޯޓުލީއިރު ރާއްޖެ އަށް ލިބުނީ 154 ވޯޓެވެ. ރާއްޖޭގެ އިތުރުން އޭޝިއާ ޕެސިފިކް ސަރަޙައްދަށް ކަނޑައަޅާފައިވާ ގޮނޑިތަކަށް ބަންގްލަދޭޝް އާއި ވިއެޓްނާމް އަދި ކިރިގިސްތާން ވެސް ވަނީ އިންތިހާބު ކޮށްފަ އެވެ.

އދ. ގެ އިންސާނީ ހައްގުތަކާބެހޭ މަޖިލީހުގެ މެމްބަރުންގެ ގޮނޑިތައް ބަހާލާފައި ވަނީ ސަރަޙައްދީ ގޮތުން އދ. ގެ އެންމެހައި މެމްބަރު ގައުމުތައް ތަމްސީލުވާނެހެންނެވެ. އެއީ:

ގްރޫޕް އޮފް އެފްރިކަން ސްޓޭޓްސް (13)
ގްރޫޕް އޮފް އޭޝިއާ ޕެސިފިކް ސްޓޭޓްސް (13)
ގްރޫޕް އޮފް އީސްޓަން ޔޫރަޕިއަން ސްޓޭޓްސް (6)
ގްރޫޕް އޮފް ލެޓިން އެމެރިކަން އެންޑް ކެރީބިއަން ސްޓޭޓްސް (8)
ގްރޫޕް އޮފް ވެސްޓަރން ޔޫރަޕިއަން އެންޑް އަދާ ސްޓޭޓްސް (7)

މީގެ ކުރިން 2011-2016 އާ ހަމައަށް ވެސް ރާއްޖެ އިން ވަނީ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ މެމްބަރުކަން ޖެހިޖެހިގެން ދެ ދައުރު ފުރިހަމަކޮށްފަ އެވެ.

މި ފަހަރުގެ ކާމިޔާބީއާއެކު، އެ ކައުންސިލްގެ މެމްބަރުކަން ރާއްޖެ އިން ކުރާނީ 2023-2025 އަށެވެ.