ސިދާތާއި ކިއާރާ ކައިވެންޏަށް ތައްޔާރުވަނީ؟
ސިދާތާއި ކިއާރާ ކައިވެންޏަށް ތައްޔާރުވަނީ؟

ބޮލީވުޑްގެ ދެ ތަރިން ކަމަށްވާ ސިދާތު މަލްހޯތުރާ އާއި ކިއާރާ އަދުވާނީ ކައިވެނިކުރަން އުޅޭކަމުގެ އަޑުތައް ގަދަވެއްޖެ އެވެ.

ސިދާތާއި ކިއާރާ ޑޭޓްކުރަން ފެށީ، އެ ދެ ތަރިން އެކުގައި ކުޅުނު ފުރަތަމަ ފިލްމު، "ޝޭރްޝާހް" ގެ ޝޫޓިންގެ ތެރެއިން ދިމާވެގެންނެވެ. ފިލްމުގައި ދެތަރިންގެ ކެމިސްޓްރީ ގިނަ ބަޔަކަށް ކަމުގޮސްފައިވަނިކޮށް މި ތަރިން ޑޭޓްކުރަން ފެށި ހަބަރުން ސަޕޯޓަރުންނަށް އުފާވެރިކަން ލިބުނެވެ.

މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ސެލެބްރިޓީ ގޮސިޕް ޝޯ، ކޮފީ ވިތު ކަރަންގެ ވަކިވަކި ދެ އެޕިސޯޑުގައި ބައިވެރިވެ، އެ މީހުން ޑޭޓްކުރާ ކަމަށް ވަނީ ފުރަތަމަ ފަހަރަށް އެއްބަސްވެފަ އެވެ. އެއާ އެކު މިހާރު އަޑުގަދަވެފައި ވަނީ ވަރަށް އަވަހަށް މި ތަރިން ކައިވެނިކުރާނެ ކަމަށް ބުނެ އެވެ.

އިންޑިއާގެ މުނިފޫހިފިލުވުމުގެ ހަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުގައި ރިޕޯޓްކުރާ ގޮތުގައި މި ދެތަރިން އަންނަނީ އަންނަ އަހަރުގެ އޭޕްރީލް މަހު ކައިވެނިކުރަން ތައްޔާރުވަމުންނެވެ.

ރިޕޯޓްތައް ބުނާ ގޮތުގައިއެތައް ދުވަހެއް ފަހުން، ރައްޓެހިވެގެން އުޅޭ ކަމަށް އެމީހުން އާންމުކޮށް އިއުލާންކުރީ އެ ގުޅުމާ މެދު ވަރަށް ބޮޑަށް ޔަގީންވީމަ އެވެ. އެހެންވެ އަންނަ އަހަރު ކައިވެނިކުރުމުގެ ވިސްނުން ވެސް ގެންގުޅޭ ކަމަށާއި އެކަމަކު ކައިވެނި ހަފްލާއަކީ ވަރަށް ޕްރައިވެޓްކޮށް ހަމައެކަނި އާއިލާގެ މީހުންގެ ބައިވެރިވުމާ އެކު ބާއްވާ ހަފްލާއެއް ކަމަށްވެ އެވެ.

ބޮލީވުޑްގެ ތަރިން ކައިވެނީގެ ހަފްލާއިން ނުފެނުނަސް އެމީހުންނަށް ފަހުން ޕާޓީއެއް ބާއްވާނެ ކަމަށްވެ އެވެ.

ދިއްލީގައި އެމީހުން ކައިވެނިކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ރިޕޯޓްކުރިޔަސް މިކަމާ ގުޅިގެން އެ ތަރިން އަދި ވާހަކައެއް ނުދައްކަ އެވެ. އެކަމަކު މިފަހުން އެކަމުގައި ސިދާތާ ސުވާލުކުރުމުން ބުނެފައި ވަނީ ވަގުތު ޖެހުމުން ކައިވެނިކުރާނެ ކަމަށާއި އެކަން އަންގާނެ ކަމަށެވެ.