11 އޮކްޓޯބަރ 2022 - 15:16

ޓޫރިޒަމްގައި މަޝްހޫރު، އއ. އުކުޅަހަކީ "ހެލްތީ އައިލެންޑް"އަކަށް ބަދަލުކުރުމުގެ މަސައްކަތް އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލްއާ އެކު އެ ރަށުގެ ޖަމިއްޔާ، "ހޯޕްސް" އިން ފަށައިފި އެވެ.

މީގެ އަހަރެއް ކުރިން ރަޖިސްޓްރީކޮށް ހިންގަމުން އަންނަ ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލް، އިބްރާހިމް އަނީލް، "މިހާރު" އަށް ވިދާޅުވި ގޮތުގައި ސިއްހީ ގިނަ މައްސަލަތަކެއް ހުރި އެ ރަށުގައި އެފަދަ ޕްރޮގްރާމެއް ފެށުމުގެ ވިސްނުން އައީ މީގެ ދެމަސް ކުރިން އައްފާލް އެރަށަށް ކުރެއްވި ޗުއްޓީ ދަތުރެއްގައި އޭނާއާ އެކު ކުރިއަށް ގެންދިޔަ މަޝްވަރާތަކުގެ ތެރެއިންނެވެ.

"މެޑިކަލް ކޭމްޕެއް ފެށުމުގެ ވިސްނުން އަޅުގަނޑުމެން ގެންގުޅުނީ. އެކަމަކު އައްފާލް ދެއްވި ހިޔާލެއް ޑޮކްޓަރުން ނުގެނެސް ވެސް ހަމަ ހެލްތީ ޕްރޮގްރާމެއް ކުރިއަށް ގެންދެވިދާނެ ކަން،" އޭނާ ވިދާޅުވި އެވެ.

ރަށު ކައުންސިލާއި މުއައްސަސާތައް ބައިވެރިކޮށްގެން "އުޖާލާ އުކުޅަސް"ގެ ނަމުގައި އެ ޕްރޮގްރާމް ފެށީ މިދިޔަ ހުކުރު ދުވަހެވެ.
އަނީލް ވިދާޅުވި ގޮތުގައި އެ ރަށުގެ އަށް މުއައްސަސާއަކުން ބައިވެރިވި ޕްރޮގްރާމް ލޯންޗުކުރުމަށް ބޭއްވި ވޯކްޝޮޕްގައި 63 މީހަކު ބައިވެރިވި އެވެ. އެ ވޯކްޝޮޕްގެ މައިގަނޑު ބޭނުމަކީ ލޯންގް ޓާމް އެކްޝަން ޕްލޭނެއް އެކުލަވާލުމެވެ.
އޭނާ ވިދާޅުވީ ހެލްތީ އައިލެންޑަކަށް އެ ރަށް ހެދުމަށް ރަށުގައި ހުރި ސިއްހީ މައްސަލަތައް ދެނެގަތުމާއި އެކަންކަން ހައްލުކުރާނެ ގޮތުގެ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ގެންދިޔަ ކަމަށެވެ.
"ރަށުގައި ހުރީ ކޮން މައްސަލަތަކެއްތޯ. އަޅުގަނޑުމެންނަށް ސިއްހަތު ރަނގަޅު ބައެއްގެ ގޮތުގައި ތިބެން ކުރަންވީ ކޮން ކަންތައްތަކެއްތޯ އާއި އަޅުގަނޑުމެން މިވެނި ތާރީހެއްގައި އެޗީވްކުރާނެ ކަންކަން އެ ޕްލޭންގެ ދަށުން އެކުލަވާލުން އެ ވޯކްޝޮޕްގައި ކުރިއަށް ދިޔައީ،" އަނީލް ވިދާޅުވި އެވެ.
އެ އިވެންޓުގައި ބައިވެރިވި މީހުންގެ ހިޔާލާއި މަޝްވަރާގެ މަތިން އެ ޕްލޭން އެކުލަވާލިއިރު އެންމެ ބޮޑަށް ފާހަގަކުރުވުނު ކަންކަމަކީ ރަށުގެ އާބާދީއާ އަޅާބަލާއިރު ލޭ މައްޗަށް ދިއުމާއި ކެންސަރު ބައްޔާއި ހަކުރު ބަލި އަދި މަދިރީގެ ޒަރިއްޔާ އިން ޖެހޭ ބަލިތައް އިތުރުކަމެވެ.
އެހެންވެ އެ ނަންބަރުތައް ދަށްކުރާނެ ގޮތަކާ ގުޅޭ ގޮތުން ވެސް އެެ މުއައްސަސާތަކުގެ މެދުގައި މަޝްވަރާކުރިއަށް ދިޔަ އެވެ. އެއާއެކު ދުޅަހެޔޮ ބައެއްގެ ގޮތުގައި ދެމިތިބުމަށް ތަފާތު ޕްރޮގްރާމުތައް ކުރިއަށް ގެންދިއުމަށް ވެސް ރޭވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ވޯކްޝޮޕް އިން ފާހަގަކުރެވުނު ކަންކަމުން އަޅުގަނޑުމެންނަށް އެނގެނީ ފިޓްނެސް ކަންކަމަށް ވަރަށް ބޮޑަށް ބާރު އަޅަންޖެހޭކަން. ބަރުދަން ހުންނަންޖެހޭ ވަރަށް ވުރެ ބަރުވުމުގެ މައްސަލަތައް ވެސް އެބަ އުޅޭ. އަދި މަދިރި ކޮންޓްރޯލްކުރުމަށް ވެސް މަސައްކަތްތަކެއް ކުރަންޖެހޭކަން،" އަނިލް ވިދާޅުވި އެވެ.
އުކުޅަހުގެ އާބާދީއަކީ ގާތްގަނޑަކަށް 2،000 އެވެ.
ގާތްގަނޑަކަށް 2،000 މީހުން ދިރިއުޅޭ އުކުޅަހުގައި ދުވަސްވީ މީހުންގެ އަދަދު ވެސް ވަރަށް މަދު ކަމަށް އޭނާ ވިދާޅުވި އެވެ. މި ޕްރޮގްރާމްގައި، ސިއްހީ އެކްސްޕާޓުންނާ މަޝްވަރާކޮށްގެން އެ ރަށުގައި ހުރި ހުރިހާ މައްސަލަތަކަކަށް ހައްލު ހޯދަން ވަނީ ނިންމައިފަ އެވެ.
އެ ވޯކްޝޮޕްގެ އިތުރުން އުކުޅަހުގައި ވަނީ އާންމުންނަށް ހުޅުވާލައިގެން 2 ކިލޯ މީޓަރުގެ ދުވުމެއް ވެސް ބާއްވައިފަ އެެވެ. ދުޅަހެޔޮ ކަމަށް ބާރު އަޅުވަން އިތުރު ހަރަކާތްތައް ވެސް އެ ރަށުގައި ކުރިއަށްދަން ނިންމާފައިވާ ކަމަށް ހޯޕްސް ޖަމިއްޔާ އިން ބުންޏެވެ.