މެމްބަރުންގެ އަދަދު އިތުރުވިޔަ ނުދޭން ގާސިމް ހުށަހެޅުއްވި އިސްލާހު ބޭރުކޮށްލައިފި
މެމްބަރުންގެ އަދަދު އިތުރުވިޔަ ނުދޭން ގާސިމް ހުށަހެޅުއްވި އިސްލާހު ބޭރުކޮށްލައިފި

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު 87 އަށް ވުރެ އިތުރުނުވާ ގޮތަށް ގާނޫނުއަސާސީގައި ކަނޑައެޅުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރައްޔިތުންގެ މަޖިލިހަށް ވެއްދި އިސްލާހަށް މެމްބަރުންގެ ތަރުހީބު ނުލިބި މިއަދު ބޭރުކޮށްލައިފި އެވެ.

އެމްޑީޕީގެ ސާފު އަޣުލަބިއްޔަތު އޮންނަ ރައްޔިތުންގެ މަޖިލީހުން އެ އިސްލާހު ބޭރުކޮށްލީ 25 މެމްބަރުންގެ ވޯޓުންނެވެ. ޖަލްސާގައި 40 މެމްބަރުން ހާޒިރުވެ ތިއްބެވިއިރު އެ އިސްލާހާ އެއްކޮޅަށް ވޯޓު ދެއްވީ ހަތް މެމްބަރެކެވެ.

މާމިގިލި ދާއިރާގެ މެމްބަރުކަން ކުރައްވާ ގާސިމް ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން މަޖިލިހުގެ މެމްބަރުންގެ އަދަދަކަށް ވާން ޖެހޭނީ މިހާރު ތިއްބެވި ގޮތަށް 87 އެވެ. އެ އަދަދު އިތުރުވިޔަ ނުދިނުމަށްޓަކައި، ގާނޫނުއަސާސީގައި ބުނާ އިދާރީ ދާއިރާތަކުގެ ގޮތުގައި 87 އިންތިހާބީ ދާއިރާ ކަނޑައަޅައި، އެ އިން ކޮންމެ އިންތިހާބީ ދާއިރާއަކުން އިންތިހާބު ކުރަން ވާނީ އެންމެ މެމްބަރަކު ކަމަށް އިސްލާހުގައި ވެ އެވެ.

ގާނޫނުއަސާސީގައި މިހާރު ބުނާގޮތުން ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީ ކޮށްފައިވާ އާބާދީގެ ފުރަތަމަ 5،000 މީހަކަށް ނުވަތަ 5،000 މީހުން ހަމަނުވާ ކޮންމެ އިދާރީ ދާއިރާއަކަށް ދެ މެމްބަރުން ތިބެން ޖެހެ އެވެ. އަދި އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީ ކޮށްފައިވާ އާބާދީ 5،000 އަށް ވުރެ އިތުރުވާ ނަމަ އާބާދީގެ ފުރަތަމަ 5،000 މީހުންނަށް ވުރެ އިތުރުވާ ކޮންމެ 5،000 މީހަކަށް މެމްބަރަކު އިންތިހާބު ކުރަން ޖެހެ އެވެ.

ގާސިމް ހުށަހެޅުއްވި އިސްލާހަށް ބަހުސް މަރުހަލާ ތެރޭގައި ވެސް މެމްބަރުންގެ ހިޔާލު ވަނީ ދެކަފިވެފަ އެވެ. ބައެއް މެމްބަރުން ވިދާޅުވެފައި ވަނީ އެކަށީގެންވާ ގޮތެއްގައި މަޝްވަރާކުރުމެއް ނެތި ގާނޫނުއަސާސީއަށް އެގޮތަށް ބަދަލެއް ގެނައުމަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ. އެކަމަކު މެމްބަރުންގެ އަދަދު އިތުރުވާ ގޮތަށް އޮތުމަކީ ރަނގަޅެއް ނޫން ކަމަށް ބައެއް މެމްބަރުން ދެކެވަޑައިގަންނަވަ އެވެ.

އިސްލާހުގައި ގާސިމް ވިދާޅުވީ، އޮގަސްޓް 7، 2008 ގައި އަމަލުކުރަން ފެށި މިހާރުގެ ގާނޫނުއަސާސީގެ ފަހުން ރައްޔިތުންގެ މަޖިލިހުގެ ތިން އިންތިހާބެއް މިހާތަނަށް ބާއްވާފައިވާއިރު، ކޮންމެ ފަހަރަކު ވެސް މެމްބަރުންގެ އަަދަދު ދަނީ އިތުރުވަމުން ކަމަށެވެ. އެގޮތުން 2009 ގައި އިންތިހާބުކުރި 17 ވަނަ މަޖިލިހަށް 77 މެމްބަރުން 2014 ގައި 85 އަދި މިހާރު ކުރިއަށް ދާ 19 ވަނަ މަޖިލިހަށް 87 މެމްބަރުން އިންތިހާބުކުރި ކަމަށް ގާސިމް ވިދާޅުވި އެވެ.

އެކަމަކު ކުރިމަގަށް ބަލާއިރު، މެމްބަރުންގެ އަދަދު ހުއްޓުމެއް ނެތި އިތުރުވަމުން ދާ ނަމަ އެއީ ރާއްޖެ ފަދަ ކުޑަކުޑަ ގައުމެއްގެ ގާނޫނު ހަދާ މަޖިލިހަށް މާ ގިނަ މެމްބަރުންނަށް ވާނެތީ އާއި އިގުތިސާދީ އަދި އެހެނިހެން ގޮތްގޮތުން ވެސް އެކަން ގޮންޖެހުމަކަށް ވާނެތީ އަދަދު ހިފަހައްޓަން ޖެހޭ ކަމަށް ގާސިމް ދެކެވަޑައިގަންނަވަ އެވެ.