ޖައްވުން ފެނުނުހާ ވެސް އެއްޗަކީ މަރު: ވިލިއަމް
ޖައްވުން ފެނުނުހާ ވެސް އެއްޗަކީ މަރު: ވިލިއަމް

ޖައްވީ ފަޅުވެރިން ޖައްވަށް ކުރާ ފުރަތަމަ ދަތުރުގައި ކުރެވޭ ތަޖުރިބާތައް ސިފަކުރަނީ "ނޭވާ ހިފަހައްޓާލަންޖެހޭ"، "ހަނދާނުން ފޮހެލަން ދަތި" އަދި "މި ބިމުގެ ނާޒުކުކަން ހަނދާންކޮށްދޭ" ތަޖުރިބާތަކެއްގެ ގޮތުގަ އެވެ. އަދި އިންސާނުންގެ މާދަރީ ބިމުގެ ހިމާޔަތުގައި މަސައްކަތްކުރާ ބަޔަކަށް އިންސާނުން ވުމުގެ ބޭނުންތެރިކަން ގަބޫލުކުރެވޭ ތަޖުރިބާއެއްގެ ގޮތުގަ އެވެ.

ޖައްވުން ފެނުނުހާ ވެސް އެއްޗަކީ މަރު: ވިލިއަމް
ޖައްވުން ފެނުނުހާ ވެސް އެއްޗަކީ މަރު: ވިލިއަމް

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 13 ވަނަ ދުވަހު، އެމެރިކާގެ ޖައްވީ ކުންފުނި ބްލޫ އޮރިޖިންގެ އުޅަނދުގައި ޖައްވަށް ދަތުރުކުރި، ކެނެޑާގެ އެކްޓަރު ވިލިއަމް ޝަޓްނާ އަށް ވެސް ޖައްވުގެ ތެރެއިން ފެނުނީ، އޭނާގެ ކުރިން ޖައްވަށް ދިޔަ މީހުންނަށް ވެސް ފެނުނު މަންޒަރުތަކެވެ. ނަމަވެސް އޭނާގެ ތަޖުރިބާ މުޅިން ތަފާތެވެ.

ޖައްވުން ފެނުނުހާ ވެސް އެއްޗަކީ މަރު: ވިލިއަމް
ޖައްވުން ފެނުނުހާ ވެސް އެއްޗަކީ މަރު: ވިލިއަމް

މި ބިމުގެ ވައިގެ ފަށަލައިން ބޭރުވެ ޖައްވުގެ ތެރޭގައި ވަގުތުތަކެއް ހޭދަކުރުމަށް ފަހު، މި ބިމަށް އެނބުރި އައިސް އޭނާ ބުނީ މުޅިން ތަފާތު ވާހަކައެކެވެ؛ "ޖައްވުގެ ހުރިހާ ދިމާއަކުން ވެސް އަހަރެންނަށް ފެނުނު އެއްޗަކީ މަރު."

ޖައްވުން ފެނުނުހާ ވެސް އެއްޗަކީ މަރު: ވިލިއަމް
ޖައްވުން ފެނުނުހާ ވެސް އެއްޗަކީ މަރު: ވިލިއަމް

މި ތަޖުރިބާތައް އޭނާ އާންމުކޮށްފައިވަނީ، ޓީވީ އަދި ފިލްމީ ލިޔުންތެރިޔާ ޖޮޝުއާ ބްރެންޑަންއާ އެކު ޝަޓްނާ ލިޔެ، މި މަހުގެ 4 ވަނަ ދުވަހު އާންމުކުރި އޭނާގެ ބައޮގްރަފީ "ބޯލްޑްލީ ގޯ" ގަ އެވެ.

"އަހަންނަށް ފެނުނީ ފިނިކަން، އަނދިރިކަން، ކަޅު ހުސްކަމެއް. މިއީ ކަލޭމެން މި ބިންމަތިގައި ދެކޭ ފަދަ ނުވަތަ އިހްސާސްކުރާ ފަދަ ކަޅުކަމެއް ނޫން. އެއީ ވަރަށް ފުން، ވަށައިގެން ބެދިފައިވާ އަދި ހުރިހާ ކަމެއް ޝާމިލުވާ ކަޅުކަމެއް،" ގިނަ ފިލްމުތަކެއް ކުޅެ މަޝްހޫރުކަން ހޯދާފައިވާ އަދި 1960ގެ އަހަރުތަކުގައި ދެއްކި ޓީވީ ޝޯ "ސްޓާ ޓްރެކް" ގައި ޖައްވީ އުޅަނދުގެ ކެޕްޓަނެއްގެ ރޯލު ކުޅުން އެކްޓަރު އޭނާގެ ބަޔޮގްރަފީގައި ލިޔެފައިވެ އެވެ.

އަހަރެން (ޖައްވީ އުޅަނދުގައި ހުރެ) އެނބުރި މި ބިމުގެ އަލިކަމުގެ ތެރެއަށް ބަލައިލިން. މި ބިމުގެ ލެނބުން (ވަށް ބައްޓަން) އަހަރެން ދުށިން. ސަހަރާތަކުގެ ތަފާތު މުށި ކުލަތައް ދުށިން. ވިލާތަކުގެ ހުދާއި އުޑުގެ ނޫ ވެސް އަހަރެން ދުށިން. ދިރުމަކީ އެއީ. ދެމިއޮތުމާއި ދިރުމަކީ އެއީ. މާދަރީ ބިން."

އޭނާ ބުނެފައިވަނީ ޖައްވަށް ދިއުމުގެ ކުރިން ޖައްވާ މެދު ކުރިން ގަބޫލު ކުރެވުނު ގޮތްތައް މުޅިން ރަނގަޅު ނޫންކަން ޔަގީންވީ ޖައްވީ ދަތުރުންނެވެ.

"އަހަރެން ކުރިން ހީކުރި ހުރިހާ ހީއެއް މުޅިން ގޯސް. ޖައްވުގެ ތެރެއިން ފެންނާނެ ކަމަށް އަހަރެން އުންމީދުކުރި މަންޒަރު މުޅިން ގޯސް."

އޭނާ ބުނެފައިވާ ގޮތުގައި އެއްވެސް ހުރަހެއް ނެތި ހަމަ ލޮލުން ޖައްވުގެ ތެރެ ބަލައިލުމުގެ ފުރުސަތު ލިބުމުން އޭނާ ހީކޮށްގެން ހުރީ، ޖައްވުގެ ތެރެއިން ވަރަށް ބިރުވެރި ކަންތައްތަކެއް ފެންނާނެ ކަމަށެވެ. އެހެން ނަމަވެސް އޭނާގެ ސިކުނޑި އަށް ވެރިވީ، އަހަރެމެން އިންސާނުން މަޑުމަޑުން މި ބިން ފަނާކުރަމުންދާ ގޮތުގެ ތަސައްވުރެއް ކަމަށް އޭނާ ލިޔެފައިވެ އެވެ.

ޖައްވުގައި ކުރެވުނު ތަޖުރިބާއާ ބެހޭ ގޮތުން ސީއެންއެން އަށް ދިން އިންޓަވިއުގައި ޝަޓްނާ ބުނެފައިވަނީ ދުނިޔޭގެ ތިމާވެށި ހަލާކުވަމުންދާ މަންޒަރު ވަރަށް ބޮޑަށް މިހާރު ސާފުވެއްޖެ ކަމަށެވެ. އެކަން އޭނާ ސިފަކޮށްދިނީ، ކޮށްފައިވާ ރަހުނެއްގެ ބަދަލުގައި ފައިސާ ދައްކަންޖެހިފައިވާ، ނަމަވެސް އެމީހާގެ އަތުގައި އެކަމަށް ދައްކާނެ ފައިސާއެއް ނެތް މީހެއްގެ މިސާލުގަ އެވެ. އަދި އެމީހުން އަމިއްލަ ނަފްސަށް ބުނެ އުޅެނީ، އެކަމާ މެދު ނުވިސްނައި، ރޭގަނޑުގެ ކެއުމަކަށް ދާން ހިނގާށޭ ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނީ ބަޔަކު އެކަން ގަބޫލު ނުކުރިޔަސް، ތިމާވެށީގެ މައްސަލައަކީ ދުނިޔޭގެ ކޮންމެ ހިސާބެއްގައި ވެސް މިހާރު އޮތް މައްސަލައެއް ކަމަށެވެ. ދުނިޔެ ހަލާކުވެދާނެ ކަމަށް ސައެންސްވެރިން ބުނަމުންދާ ވާހަކައަކީ މާ ބޮޑަށް ވެސް ހަގީގަތެއް ކަމަށް އޭނާ ބުންޏެވެ.

"އަހަރެން ޖައްވަށް ދިޔައިރު، އެންމެ ބޭނުންވީ ޖައްވީ އުޅަނދުގެ ކިޑިކީ ކައިރިއަށް ގޮސް، އުޅަނދުގެ ބޭރުން ޖައްވު ތެރޭގައި ހުރީ ކޮން އެއްޗެއްތޯ ބަލައިލަން. އަހަރެންނަށް ފެނުނީ ޖައްވުގެ ތެރޭގައިވާ ކަޅުކަން. ފިޔަޖަހާ ތަރިތަކެއް އެތަނަކުން ނުފެނޭ. އެއީ ހަމައެކަނި އިހްސާސް ކުރެވޭ ކަޅުކަމެއް. އެވަގުތު އަހަރެންނަށް ގަބޫލުކުރެވުނީ މި ފެންނަނީ މަރޭ،" ކެނެޑާގެ އެކްޓަރު ވިލިއަމް ޝަޓްނާ ބުންޏެވެ.

ދެން އަހަރެން އެނބުރި މި ބިމާ ދިމާލަށް ބަލައިލިން. މިދިޔަ ފަސް ބިލިއަން އަހަރުގެ ތެރޭގައި މި ބިމަށް އައި ބަދަލުތަކާ ބެހޭ ގޮތުން ލިޔެފައިވާ އެތައް ލިޔުމެއް އަހަރެން ކިޔާފައިވާތީ، އާއި މި ބިމުގެ ތަބީއީ ސިފަ ބަދަލުވަމުންދާ ގޮތުގެ މައުލޫމާތު ލިބިފައިވާތީ، އަހަރެމެން މި ބިމުގެ ހުރިހާ ކަމެއް މަރައި ސުންނާފަތި ކުރަމުންދާ ގޮތާ މެދު ވިސްނައިލެވުނު."