11 އޮކްޓޯބަރ 2022 - 13:07

ޕީޖީ އޮފީހާއި އޭސީސީއާ ދެމެދު އެހީތެރިކަން ބަދަލުކުރުމާއި، އެކުގައި މަސައްކަތްކުރުމާ ގުޅޭ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
ޕީޖީ އޮފީހުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ޕީޖީ އޮފީހުގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ޕީޖީ ހުސެއިން ޝަމީމެވެ. އޭސީސީގެ ފަރާތުން އެ ކޮމިޝަނުގެ ރައީސް އާދަމް ޝާމިލެވެ.
ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމާއި ދައުވާކުރުމުގެ ކަންކަން މިހާރު ވެސް އޭސީސީ އާއި ޕީޖީ އޮފީސް ގުޅިގެން ކުރެ އެވެ.
ޕީޖީ އޮފީހުން ބުނީ އެ އެއްބަސްވުމުގެ ދަށުން ދެ މުއައްސަސާގެ މައްޗަށް ގާނޫނުއަސާސީ އާއި ގާނޫނުން މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމުގައި، ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތައް ކަނޑައަޅައި، އެކަންކަމުގައި އެކުގައި މަސައްކަތްކުރެވިދާނެ ގޮތްތަކާ މެދު އެއްބަސްވެވިފައިވާ ކަމަށެވެ.
ޕީޖީ އޮފީހުން ބުނި ގޮތުގައި، އޭސީސީން ތަހުގީގުކުރާ މައްސަލަތައް ޕީޖީ އޮފީހަށް ހުށަހެޅުމުގައި އަމަލުކުރާނެ ގޮތްތަކުގެ އިޖުރާއީ ތަރުތީބުތަކާއި މައްސަލަތަކުގައި އަވަހަށް ގޮތް ނިންމުމާއި، ކޯޓަށް ހުށަހެޅޭ ކޮރަޕްޝަންގެ މައްސަލަތަކާގުޅޭ މައުލޫމާތު ވަކި ހަމައަކުން އޭސީސީއާ ހިއްސާކުރަމުންދިއުމާ ގުޅޭ ކަންކަން ވެސް އެއްބަސްވުމުގައި ހިމެނެ އެެވެ.
އޭސީސީގެ ތަހުގީގަށް ބޭނުންވާ ލަފަ އާއި އިރުޝާދު މިހާރު ވެސް ޕީޖީ އޮފީހުގެ ޑިއުޓީ ޕްރޮސެކިއުޝަންގެ ތެރެއިން ފޯރުކޮށްދޭކަން ޕީޖީ އޮފީހުން ފާހަގަކުރި އެވެ. އަދި ބުނީ އެއްބަސްވުމުގެ މަގުސަދަކީ އެފަދަ ކަންކަން ހަރުދަނާކޮށް ދެމެހެއްޓެނިވި ގޮތެއްގައި އެ މަސައްކަތް ކުރުމަށް މަގުފަހިކުރުން ކަމަށެވެ.