މަގާމުގެ ކުރިއެރުން ނުދީ ހިފެހެއްޓި ހެލްތު މިނިސްޓްރީގެ މުވައްޒަފަކަށް ކުރިއެރުން ދޭން އަމުރުކޮށްފި
މަގާމުގެ ކުރިއެރުން ނުދީ ހިފެހެއްޓި ހެލްތު މިނިސްޓްރީގެ މުވައްޒަފަކަށް ކުރިއެރުން ދޭން އަމުރުކޮށްފި

ކޮވިޑާއެކު ކުރިމަތިވި އިގުތިސާދީ ދަތިތަކާ ގުޅިގެން މަގާމުގެ ކުރިއެރުން ނުދީ ހިފެހެއްޓި ސިވިލް ސާވިސް މުވައްޒަފަކަށް މަގާމުގެ ކުރިއެރުން ދޭން ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އަމުރުކޮށްފި އެވެ.

އެ އަމުރާ ގުޅިގެން މަގާމުގެ ކުރިއެރުން ދޭން ޖެހެނީ ހެލްތު މިނިސްޓްރީގެ ލީގަލް އޮފިސަރު އިސްމާއިލް ޒާހިރަށެވެ.

ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް އިސްމާއިލް ޒާހިރު އެ މައްސަލަ ހުށަހެޅީ، ސިވިލް ސާވިސްގެ ލީގަލް އޮފިސަރުންގެ ވަޒީފާގެ އޮނިގަނޑުގައި ކަނޑައަޅާފައިވާ ޝަރުތު ހަމަވި ނަމަވެސް އޭނާ އަށް މަގާމުގެ ކުރިއެރުން ދީފައި ނުވާތީ އެވެ. އޭނާ ޓްރައިބިއުނަލްގައި އެދުނީ، އެ މުއްދަތަށް ލިބެން ޖެހޭ މުސާރަ އާއި އިނާޔަތްތަކާއި އަދި އިތުރު ގަޑީގެ ފައިސާ ހޯދައިދިނުމަށެވެ.

އޭނާ ހުށަހެޅި މައްސަލައިގައި ބުނީ 2017 އާއި 2019 އަދި 2021 ވަނަ އަހަރާ ހަމަ އަށް ވިދިވިދިގެން ދެ އަހަރު ދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން 85 ޕަސެންޓަށް ވުރެ މަތިން ހޯދާފައިވީ ނަމަވެސް، ސިވިލް ސާވިސް ލީގަލް އޮފިސަރުންގެ ވަޒީފާގެ އޮނިގަނޑުގައި ކަނޑައަޅާފައިވާ ގޮތަށް އެ މުއްދަތުގައި އޭނާ އަށް ލިބެން ޖެހޭ ތިން ޕްރޮމޯޝަނެއް ނުދޭ ކަމަށެވެ.

ނަމަވެސް އެ މައްސަލަ ރައްދުވި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އެކަމަށް އިންކާރު ކުރެ އެވެ. އެ ކޮމިޝަނުން ޓްރައިބިއުނަލްގައި އެދުނީ، އެ މައްސަލާގައި އެ ކޮމިޝަންގެ މައްޗަށް އަމުރު ކުރާނެ ގާނޫނީ އެއްވެސް ހަމައެއް ނެތް ކަމަށް ކަނޑައަޅައި ދިނުމަށެވެ.

އެ ކޮމިޝަނުން ބުނީ، މުސާރަ އަށް ނުވަތަ އެއްވެސް އެލަވެންސަކަށް ބަދަލެއް އަންނަ ނަމަ، އެ ބަދަލެއް ގެނެވޭނީ ފިނޭންސް މިނިސްޓްރީ އަށް އެންގުމަށް ފަހު ކަމަށާއި މުސާރަ އާއި ކުރިއެރުން ދިނުމުގެ ކުރިން މިނިސްޓްރީއާ މަޝްވަރާކޮށް، ބަޖެޓުގައި އެ ފައިސާ ހުރިކަން ކަށަވަރު ކުރަން ޖެހޭ ކަމަށެވެ.

އިސްމާއިލް ޒާހިރު ހުށަހެޅި މައްސަލާގައި ބަޔާންކޮށްފައިވާ ދުވަސްވަރަކީ ކޮވިޑްގެ ބަލިމަޑުކަމުގެ ހާލާތާ ގުޅިގެން ދައުލަތުގެ ހަރަދު ކުޑަކުރުމުން ދިޔަ ދުވަސްވަރު ކަމަށާއި އެހާތަނަށް މުވައްޒަފުންނަށް ދޭން ފަށާފައި ނުވާ އެއްވެސް އެލަވެންސެއް ނުދިނުމަށް ފިނޭންސް މިނިސްޓްރީން އޭރު އަންގާފައި އޮތް ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

އެ ދުވަސްވަރުގެ ހާލަތާ ގުޅިގެން މަގާމާއި މުސާރައިގެ ކުރިއެރުމާއި އެލަވެންސްތައް ދިނުން މަޑުޖައްސާލާފައި އޮތީ ހަމައެކަނި އިސްމާއިލް ޒާހިރަށް ނޫން ކަމަށް ވެސް ސީއެސްސީން ބުންޏެވެ. އެގޮތަށް ކުރިއެރުން ނުދީ ސިވިލް ސާވިސްގެ ހާއްސަ އޮނިގަނޑަށް ފެތޭ ވަރަށް ބައިވަރު މުވައްޒަފުން އެބަ ތިބި ކަމަށް ބުންޏެވެ.

އެއީ ސިވިލް ސާވިސްގެ ވަރަށް ގިނަ އަދަދެއްގެ މުވައްޒަފުންގެ މަސްލަހަތު ހިމެނޭ ކަމަކަށް ވާތީ، އެ މައްސަލަ ހުށަހެޅި އިސްމާއިލް ޒާހިރު އެދިފައިވާ ގޮތަށް އަމުރުކޮށްފި ނަމަ، އެ ނިންމުމަކީ އެ ކޮމިޝަނަށް ތަންފީޒުކުރެވޭނެ ފަދަ ނިންމުމެއް ނޫން ކަމަށް ބުންޏެވެ. އޭގެ ސަބަބުން އަންދާޒާ ނުކުރެވޭ ފަދަ ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމަށް ވެސް އެ ކޮމިޝަނުން ބުނެ އެވެ.

އެކަމަކު ޓްރައިބިއުނަލް އިން އެ މައްސަލަ އެންމެފަހުން ނިންމީ ސީއެސްސީއާ ދެކޮޅަށެވެ.

އިސްމާއީލް ޒާހިރު އެދިފައިވާ ގޮތަށް، 2017، 2019 އަދި 2021 އިން ފެށިގެން އޭނާ އަށް ލިބެން ޖެހޭ ކުރިއެރުމާއި އެ ކުރިއެރުންތަކާ އެކު އޭނާގެ މުސާރަ އަށް އަންނަ ބަދަލާ ގުޅިގެން ލިބޭ މުސާރަ އާއި ސްޕެޝަލް ޑިއުޓީ އެލަވަންސާއި އިތުރު ގަޑީގެ ފައިސާ އިން އުނިވެފައިވާ ފައިސާ ނަގައިދިނުމަށް ކަނޑައަޅައި އެ ފައިސާ ރަސްމީ ބަންދު ނޫން 30 ދުވަހުގެ ތެރޭގައި އޭނާ އަށް ދިނުމަށް ސީއެސްސީގެ މައްޗަށް ޓްރައިބިއުނަލުން އަމުރުކުރި އެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ވެސް ހަމަ މިފަދަ މައްސަލައެއް އެންވަޔަރުމެންޓް މިނިސްޓްރީގެ އެސޯސިއޭޓް ލީގަލް ކައުންސެލްގެ މަގާމުގައި ހުރި މީހަކު ޓްރައިބިއުނަލަށް ހުށަހެޅި އެވެ. އެ މައްސަލަ ވެސް އޭނާއާ އެއްކޮޅަށް ނިންމައި، ޓްރައިބިއުނަލުން ވަނީ އޭނާ އަށް ހައްގުވާ މަގާމުގެ ކުރިއެރުން 30 ދުވަހުގެ ތެރޭގައި ދިނުމަށް ސިވިލް ސާވިސް ކޮމިޝަންގެ މައްޗަށް އަމުރުކޮށްފަ އެވެ.

ސިއްހީ ދާއިރާގައި މަސައްކަތްކުރާ ސިވިލް ސާވިސްގެ މުވައްޒަފުންނަށް ވަޒީފާގެ ކުރިއެރުން ނުލިބޭތީ 489 މުއައްޒަފެއްގެ ފަރާތުން ސިވިލް ސާވިސް ކޮމިޝަނާއި ހެލްތު މިނިސްޓްރީ އަދި ފިނޭންސް މިނިސްޓްރީއާ ދެކޮޅަށް ސިވިލް ކޯޓަށް މިދިޔަ އަހަރު މައްސަލައެއް ވެސް ހުށަހަޅާފައިވެ އެވެ.