ޓެކްސް ނުދައްކާ ލިސްޓުގައި ޖީއެމްއާރާއި އިތުރު 136 ކުންފުންޏެއް
ޓެކްސް ނުދައްކާ ލިސްޓުގައި ޖީއެމްއާރާއި އިތުރު 136 ކުންފުންޏެއް

މީރާއަށް ޖީއެސްޓީ އާއި ގްރީން ޓެކްސް އާއި ވިތުހޯލްޑިން ޓެކްސް ނުދައްކާ ފަރާތްތަކުގެ މައުލޫމާތު ހާމަކޮށް ނެރޭ "ނޭމް އެންޑް ޝޭމް" ލިސްޓުގައި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގަން ކުރިން ހަވާލުކުރި އިންޑިއާގެ ޖީއެމްއާރާ އެކު 136 ކުންފުންޏެއްގެ ނަން އާންމުކޮށްފި އެވެ.

ދައުލަތަށް ދައްކަން ޖެހި ނުދައްކާ ހުރި ޓެކްސް އާއި އެހެނިހެން ފައިސާ ހޯދުމުގެ ގޮތުން މީރާގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުން އަޅަން ޖެހޭ އިތުރު ފިޔަވަޅުތައް އަޅަމުން އަންނައިރު މިއަހަރުގެ ތެރޭގައި ވަނީ "ނޭމް އެންޑް ޝޭމް" ގެ ދަށުން ކުލި ނުދައްކާ ރިސޯޓުތަކުގެ ނަންތައް ވެސް އާންމުކޮށްފަ އެވެ.

ޖީއެސްޓީ އާއި ގްރީން ޓެކްސް އަދި ވިތުހޯލްޑިވް ޓެކްސް ނުދައްކާ ފަރާތްތަކުގެ މައުލޫމާތު މީރާގެ ވެބްސައިޓުގައި އާންމުކޮށްފައި މި ވަނީ އެކަން ކުރާނެ ކަމުގެ އިންޒާރެއް ވެސް މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ދިނުމަށް ފަހު އެވެ.

ޓެކްސް ނުދައްކާ މީހުންގެ އިތުރުން ޓެކްސް ބަޔާން ހުށަނާޅާ، 256 ފަރާތެއްގެ ލިސްޓެއް ވެސް މީރާ އިން އާންމުކޮށްފައިވެ އެވެ.

މީރާ އިން ބުނެފައިވާ ގޮތުގައި މިފަހަރު އާންމުކުރި ލިސްޓުގައި ހިމެނެނީ މިދިޔަ އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް ޓެކްސް ނުދައްކާ މީހުންނާއި ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކެވެ.

މީރާގެ އެ ލިސްޓުގައި ރާއްޖޭގެ ނަން މަޝްހޫރު އަދި ބޮޑެތި ކުންފުނިތަކެއް ވެސް ހިމެނެ އެވެ. އޭގެ ތެރޭގައި ރޮމްބަސް އާއި އަތަމާ މެރިން އާއި ޖާހު އިންވެސްޓްމަންޓާއި ލިޓަސް އޮޓޯމޮބައިލްސް އާއި އައިލެންޑް އެކްސްޕާޓް ކުންފުންޏާއި މައުންޓް ލަވިނިއާ ހޮޓެލްސް އެންޑް ރިސޯޓްސް އާއި ޝެރީ ޕްރައިވެޓް ލިމިޓެޑާއި ޕޮއިސް ޑިސްޓްރިބިއުޓާސް ހިމެނެ އެވެ.

މީރާގެ ވެބްސައިޓުގައި މިވަގުތު އެ ފަރާތްތަކުގެ ނަންތައް އާންމުކޮށްފައި ހުއްޓަސް 15 ދުވަސް ފަހުން އެ ފަރާތްތަކުގެ ނަންތައް ގެޒެޓްގައި އާންމުކުރާނެ އެވެ. އެކަމަކު އޭގެ ކުރިން ޓެކްސް ދައްކައިފި ނަމަ ލިސްޓުން އެ އުނިކުރާނެ އެވެ.