މަސްވެރިކަމާ ގުޅޭ ކަންބޮޑުވުންތައް އިއްވަން ޕީޕީއެމް އެއްވެއްޖެ
މަސްވެރިކަމާ ގުޅޭ ކަންބޮޑުވުންތައް އިއްވަން ޕީޕީއެމް އެއްވެއްޖެ

މަސްވެރިންގެ ހައްގުތައް ހިމާޔަތްކުރުމަށާއި މި ސަރުކާރުން މަސްވެރިންނަށްވި ވައުދުތައް ނުފުއްދާ ކަމަށް ބުނެ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މާލޭގައި މިއަދު މުޒާހަރާއެއް ކޮށްފި އެވެ.

މަސްވެރިކަމާ ގުޅޭ ކަންބޮޑުވުންތައް އިއްވަން ޕީޕީއެމް އެއްވެއްޖެ
މަސްވެރިކަމާ ގުޅޭ ކަންބޮޑުވުންތައް އިއްވަން ޕީޕީއެމް އެއްވެއްޖެ

މަސް މާރުކޭޓް ކައިރީގައި ހަވީރު ފެށި މުޒާހަރާގައި އިދިކޮޅުގެ ބައެއް އިސްވެރިންނާއި އެ ޕާޓީއަށް ތާއީދުކުރާ ބަޔަކު އެކި ޝުއޫރުތައް ލިޔެފައިވާ ޕޯސްޓަރުތައް ހިފަހައްޓައިގެން ތިއްބެވެ.

"ލޭނާރު" ގެ ނަމުގައި ބޭއްވި އެ މުޒާހަރާގެ ބައިވެރިންގެ މައިގަނޑު ކަންބޮޑުވުމަކީ މި ސަރުކާރުން މަސްވެރިންނަށްވި ވައުދުތައް ނުފުއްދާ މަސްވެރިން ބާކީކޮށްލި ކަމުގެ ޝަކުވާ އެވެ. އަދި މަސްކިރޭނެ ގޮތެއް ނެތުމާއި އައިސްޕްލާންޓްތައް އެކަށީގެންވާ މިންވަރަށް ރާއްޖޭގައި ނެތް ކަމަށް ވެސް ބުނެފައިވެ އެވެ.

މުޒާހަރާގެ ބައެއް ބައިވެރިންގެ ޕޯސްޓަރުތަކުގައި ވަނީ "މަސްކަނޑު ވިއްކާލާފައިވާ" ކަމަށް ބުނެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އިސްތިއުފާއަށް ވެސް ގޮވައިފަ އެވެ.

މާރުކޭޓް ކައިރީގައި އެކި ޝުއޫރުތައް ފާޅުކުރުމަށް ފަހު އެމްއެމްއޭ ދިމާލަށް މިސްރާބު ޖެހި ނަމަވެސް އެ ސަރަހައްދުން އިތުރަށް ކުރިއަށް ނުދެވޭނެ ގޮތަށް ފުލުހުން އޮތީ މަގު ބަންދުކޮށްފަ އެވެ.

އެ މުޒާހަރާ ފެށިއިރު މަސް މާރުކޭޓް ކުރިމަތީގައި ޕީޕީއެމްގެ ނައިބް ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި އެ ޕާޓީގެ ނައިބް ރައީސް އަދި ތ. ގުރައިދޫ ދާއިރާގެ މެމްބަރު ގައްސާން މައުމޫނާއި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު އާއި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގެ އިތުރުން ވެސް އިދިކޮޅުގެ ބައެއް އިސްވެރިން ވެސް ހަރަކާތްތެރިވި އެވެ.

ނިސްބަތުން މަދު ބަޔަކު ބައިވެރިވި މުޒާހަރާ ރޫޅާލައި ފުލުހުންގެ ބެލުމުގެ ދަށަށް 10 މީހަކު ގެންދިޔަ ކަމަށް ޕީޕީއެމުން ބުންޏެވެ. އިއްޔެ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި ކުރިއާލައި އިއުލާނުކޮށްގެން ބޭއްވި މުޒާހާރާއިން ފުލުހުންގެ ބެލުމުގެ ދަށަށް ބައެއް މީހުން ގެންދިޔަ ނަމަވެސް އޭގެ ތެރެއިން އެއްވެސް މީހަކު ހައްޔަރުކުރި ކަމަކަށް އަދި ފުލުހުން ނުބުނެ އެވެ. ގިނަ މުޒާހަރާތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ ގިނަ މީހުން ހައްޔަރު ނުކޮށް ދޫކޮށްލަ އެވެ.