ސީދޫ މަރާލި ކަމަށް ތުހުމަތުކުރާ މީހާގެ ލޯބިވެރިޔާ ރާއްޖެ އަންނަން އުޅެނިކޮށް ހައްޔަރުކޮށްފި
ސީދޫ މަރާލި ކަމަށް ތުހުމަތުކުރާ މީހާގެ ލޯބިވެރިޔާ ރާއްޖެ އަންނަން އުޅެނިކޮށް ހައްޔަރުކޮށްފި

އިންޑިއާގެ ޕަންޖާބުގެ މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ސީދޫ މޫސް ވާލާ ގަޔަށް ބަޑިޖަހައި މަރާލިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ ފިލަން އެހީތެރިވި އޭނާގެ ލޯބިވެރިޔާ ރާއްޖެ އަންނަން އުޅެނިކޮށް އިންޑިއާ އެއާޕޯޓުން އިއްޔެ ހައްޔަރުކޮށްފި އެވެ.

މިއަހަރުގެ މެއި މަހުގެ ފަހުކޮޅު ސީދޫ މަރުވީ ޕަންޖާބުގެ އަވަށެއް ކަމަށްވާ މަންސާގައި އޭނާގެ އުޅަނދަށް އަމާޒުކޮށް ގޭންގަކުން ދިން ބަޑީގެ ހަމަލާއެއްގަ އެވެ. އެ ހަމަލާ ދިނީ ދެ އެކުވެރިންނާ އެކު، އޭނާގެ އުފަން އަވަށަށް ދިޔަ މަގުމަތީގަ އެވެ.

އެ ހަމަލާ އަށް ދެ ދުވަސްވީ ފަހުން އޭގެ ޒިންމާ ނަގާފައި ވަނީ ބިޝްނޯއީ ކިޔާ ގޭންގަކުންނެވެ.

އެ މައްސަލައާ ގުޅިގެން، ސީދޫ މަރާލިކަމުގެ ތުހުމަތުގައި ހައްޔަރުކުރީ ދީޕަކް ޓީނޫ އެވެ. އެކަމަކު އޭނާ ވަނީ އިންޑިއާގެ ކަޕުރުތާލާ ޖަލުން މަންސާ އަށް ގެންދިޔަ މަގުމަތީގައި ފިލައިފަ އެވެ.

އޭނާ ފިލީ ގާތުގައި ފުލުހަކު ވެސް ހުއްޓަ އެވެ. އެހެންވެ، އެ ފުލުސް މީހާ މިހާރު އޭނާގެ މަސްއޫލިއްޔަތުތަކުން ދުރުކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ޕަންޖާބުގެ ޑިރެކްޓާ ޖެނަރަލް އޮފް ޕޮލިސް ޖޯރަވް ޔާދަވް ވިދާޅުވީ އެންޓި ގޭންގްސްޓާ ޓާސްކް ފޯހުން އިއްޔެ ދީޕަކްގެ ލޯބިވެރިޔާ ހައްޔަރުކޮށްފައިވާ ކަމަށާއި އޭނާ ހައްޔަރުކުރީ ރާއްޖެ އަށް ފުރުމަށް މުމްބާއީ އެއާޕޯޓަށް ގޮސް ހުއްޓާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، ދީޕަކް ފިލައިގެން ދިޔައިރު އޭނާގެ ލޯބިވެރިޔާ އޭނާގެ ގާތުގައި ހުއްޓެވެ. އެހެންވެ، ދީޕަކް ފިލުވުމަށް އޭނާ އެހީތެރިވި ކަމަށް ތުހުމަތުކުރާ ކަމަށެވެ.

ފުލުހުން އަންނަނީ ދީޕަކް ހޯދުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.

އެ މައްސަލަ ބެލުމަށް ހަތަރު މެމްބަރުންގެ ހާއްސަ ތަހުގީގީ ޓީމެއް މިހާރު ވަނީ އެކުލަވާލައިފަ އެވެ.

ފުލުހުންގެ ތަހުގީގަށް މިހާތަނަށް އެނގިފައިވާ ގޮތުގައި ދީޕަކްގެ އިތުރުން އެކަމުގައި ދެން އިސްކޮށް އުޅެނީ ލޯރެންސް ބިޝްނޯއީ އެވެ. އަދި އޭނާގެ ގާތް އެކުވެރިއެއް ކަމަށްވާ ގޯލްޑީ ވެސް އެކަމުގައި ހިމެނޭ ކަމަށް ތުހުމަތުކުރާއިރު، އޭނާ ހޯދަން ފުލުހުން އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައިވެ އެވެ.

އުމުރުން 28 އަހަރުގެ ސީދޫ އަކީ އިންޑިއާގެ ކޮންގްރެސް ލީޑަރުކަން ވެސް ކުރަމުން އައި ތަރިއެކެވެ. އޭނާ މަރާލީ ޕަންޖާބު ފުލުހުން އޭނާ އަށް ދެމުން އައި ސެކިއުރިޓީ ހުއްޓާލި ތަނާހެންނެވެ.

އޭނާ މަރާލުމުގެ ދެ ހަފުތާ ކުރިން ވަނީ "ދަ ލާސްޓް ރައިޑް"ގެ ނަމުގައި ލަވައެއް ވެސް ނެރެފަ އެވެ.