10 އޮކްޓޯބަރ 2022 - 13:33

ރާއްޖޭގައި ސިއްހީ ދާއިރާއާ ގުޅޭގޮތުން ހަދާފައިވާ ދިރާސާތައް ހިމެނޭ ފޮތެއް މިއަދު ނެރެފި އެވެ.
"ކޮމްޕޮންޑިއަމް އޮފް ހެލްތު ރިސާޗް އިން މޯލްޑިވްސް" ގެ ނަމުގައި ނެރުނު ފޮތުގައި 2018-2021 ވަނަ އަހަރާ ދެމެދުގެ ރިސާޗްތައް އާއްމުކޮށްފައިވެ އެވެ.
އެ ފޮތް ނެރެދެއްވީ، ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަހުމަދު ނަސީމެވެ.
މި ފޮތުގައި 30 އަށްވުރެ ގިނަ ދިރާސާ ހިމެނެ އެވެ. އޭގެ ތެރޭގައި ބަލިތަކަށް ފަރުވާ ދިނުމާއި ރައްކާތެރިވުމުގެ އިތުރުން ކޮވިޑާ ގުޅޭ ގޮތުން ފާއިތުވި ދެ އަހަރުގެ ތެރޭގައި ހެދި ދިރާސާތައް ވެސް ހިމެނެ އެވެ.
އެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވީ ސިއްހީ ދާއިރާއާ ގުޅޭ ދިރާސާކުރުން އެ ދާއިރާ އިތުރަށް ހަރުދަނާކުރުމަށް ވަރަށް މުހިއްމު ކަމަށެވެ. އަދި އެފަދަ ހޯދުންތަކުގެ އަލީގައި ބަލިމަޑުކަމުން ރައްކާތެރިވުމަށާއި ބަލިތަކުން ފަރުވާ ހޯދޭނެ ގޮތްތައް ދެނެގަނެ، ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ދިރިއުޅުން ބައްޓަން ކުރާނެ ގޮތްތައް އެނގިގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ސިއްހީ ދިރާސާކުރުމުގެ ގާބިލްކަމާއި ހުނަރު ހުރި މީހުން ރާއްޖޭގައި އެބަތިބި ކަމަށެވެ. ނަމަވެސް އެ ދާއިރާ އިތުރަށް ހަރުދަނާކުރުމަށާއި ފަސޭހަކަމާ އެކު އިތުރު ވަސީލަތްތަކާއި ފަންޑިން ލިބޭނެ ގޮތް ހަމަޖައްސައިދިނުމަކީ މިނިސްޓްރީގެ ޒިންމާއެއް ކަމަށް ނަސީމް ވިދާޅުވި އެވެ.