10 އޮކްޓޯބަރ 2022 - 10:23

އެމެރިކާ ސިފައިންނާއި ދެކުނު ކޮރެއާ ސިފައިން ކަނޑުމަތީގައި އަސްކަރީ ފަރިތަކުރުންތަކެއް ބޭއްވުމުން އެކަމަށް ރައްދު ދިނުމުގެ ގޮތުން، އުތުރު ކޮރެއާ އިން އަނެއްކާ ވެސް ދެ ބެލެސްޓިކް މިސައިލް އަޖުމަ ބެލުމާ ގުޅިގެން، ދެ ކޮރެއާގެ ދެމެދުގައި ނުތަނަވަސްކަން އިތުރުވެއްޖެ އެވެ.
އެމެރިކާ އާއި ދެކުނު ކޮރެއާ އިން މީގެ ދުވަސްކޮޅެއް ކުރިން ފެށި ކަނޑުމަތީގެ އަސްކަރީ ފަރިތަކުރުންތަކުގެ އެންމެ ފަހު ފިޔަވަހީގެ ހަރަކާތްތައް ނިންމައިލީ އިއްޔެ އެވެ. އެ ތަމްރީންތައް ނިންމައިލުމާއެކު، އުތުރު ކޮރެއާ އިން ވަނީ ދެ ބެލެސްޓިކް މިސައިލް ވައިގެ ތެރެއަށް ފޮނުވާލައި، އެމެރިކާ އާއި ދެކުނު ކޮރެއާގެ ސިފައިން ކުއްލި ތައްޔާރީ ހާލަތަށް ގެނެސްފަ އެވެ.
އިއްޔެ އުތުރު ކޮރެއާއިން އަޖުމަބެލި ދެ ބެލެސްޓިކް މިސައިލް ވެސް، އެ ގައުމުގެ އިރުމަތީ އައްސޭރި ފަށުގެ ސަރަހައްދަކުން ފޮނުވައިލީ އުތުރު ކޮރެއާގެ އިރުމަތީ ކަނޑުގެ ސަރަހައްދަށެވެ. މިއީ އެ ގައުމުން ދެ ހަފުތާގެ ތެރޭގައި މިސައިލް އަޖުމަބެލި ހަތް ވަނަ ފަހަރެވެ.
ދެކުނު ކޮރެއާގެ އަސްކަރިއްޔާ އިން ބުނި ގޮތުގައި އުތުރު ކޮރެއާ އިން ފުރަތަމަ މިސައިލް މިއަދު ފޮނުވައިލީ ރޭ ދަންވަރު 1:47 ހާއިރެވެ. އަދި ދެ ވަނަ މިސައިލް ފޮނުވައިލީ އޭގެ ހަ މިނެޓް ފަހުންނެވެ. ޖަޕާނު ސަރުކާރުން ބުނި ގޮތުގައި އެ ގައުމުގެ އަސްކަރީ ރާޑަރުތަކަށް ފާހަގަކުރެވުނު މިސައިލަކީ ބެލެސްޓިކް މިސައލެއް ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ.
މި ދެ މިސައިލް ވެސް ވެއްޓުނީ ޖަޕާނުގެ ހާއްސަ އިގްތިސާދީ ސަރަހައްދުން ބޭރަށެވެ. ޖަޕާނުން ބުނި ގޮތުގައި އެ ދެ މިސައިލް ޖައްވުގެ ތެރެއަށް ފޮނުވައިލީ އުތުރު ކޮރެއާގެ ސަބްމެރިންއަކުން ކަމަށް ބެލެވެ އެވެ.
ދެކުނު ކޮރެއާ އިން ބުނި ގޮތުގައި އުތުރު ކޮރެއާގެ މި އަމަލަކީ އދ.ގެ ސަލާމަތީ މަޖިލީހުގެ ގަރާރުތަކާ މުޅިން ޚިލާފު އަމަލެކެވެ. އަދި މި ކަމުގެ ސަބަބުން، ދެ ކޮރެއާ ސަރަހައްދުގައި އިތުރަށް ނުތަނަވަސްކަން އުފެދި އަސްކަރީ ކުރިމަތިލުމެއްގެ ބިރު ބޮޑުވެގެންދާނެ ކަމަށް އުތުރު ކޮރެއާ އިން ބުންޏެވެ.
އުތުރު ކޮރެއާ އިން މިދިޔަ ހަފުތާގެ ތެރޭގައި އަސްކަރީ ތަމްރީންތައް ކުރިއަށް ގެންދިޔަ އިރު، އެމެރިކާ އާއި ދެކުނު ކޮރެއާ އަދި ޖަޕާންގެ ކަނޑުގެ ސިފައިން ގުޅިގެން ބޭއްވި އަސްކަރީ ފަރިތަކުރުންތަކެއް އެ ސަރަހައްދުގައި ކުރިއަށް ދިޔަ އެވެ. އެ ފަރިތަކުރުންތަކުގައި އެމެރިކާގެ، ނިއުކްލިއާ ހަކަތައިން ދުއްވާ، މަތިންދާބޯޓު އުފުލާ މަނަވަރު، ޔޫއެސްއެސް ރޮނަލްޑް ރޭގަން ވެސް ބައިވެރިވި އެވެ.