ގުޑްބާއީ: ކަމަކު ނުދިޔަ
ގުޑްބާއީ: ކަމަކު ނުދިޔަ

ތެލޫގޫ ތަރި، ރަޝްމިކާ މަންދަންނާ ބޮލީވުޑަށް ނިކުތް ފިލްމު، "ގުޑްބާއީ" އަށް ބޮކްސްއޮފީހުގައި ތަރުހީބު ނުލިބޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ރަޝްމިކާގެ އިތުރުން ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަމީތާބު ބައްޗަނާއި ނީނާ ގުޕްތާ ލީޑު ރޯލުން ފެންނަ އެ ފިލްމު އެޅުވި ދުވަހު ލިބުނީ އެންމެ 90 ލައްކަ ރުޕީސް އެވެ. އަދި ދެވަނަ ދުވަހު 1.35 ކްރޯޑްގެ އާމްދަނީއެއް ފިލްމަށް ލިބުނެވެ.

ބޮކްސް އޮފީހުގައި ފިލްމަށް ތަރުހީބު ދަށްވެ، ކުރިން 150 ވިއްކަމުން ދިޔަ ޓިކެޓް ވެސް ވަނީ 80 ރުޕީސްއަށް ދަށްކޮށްފަ އެވެ.

ފިލްމަށް ޕޮޒިޓިވް ރިވިއުއެއް ލިބުނަސް ފިލްމަށް މިހާ ފިނި ތަރުހީބެއް ލިބުނު ސަބަބެއް ނޭނގެ އެވެ. މި ފިލްމުގެ ކުރިން ވެސް އަމީތާބުގެ ދެތިން ފިލްމެއް މިއަހަރު ރިލީޒްކުރި އެވެ. އެ ފިލްމުތަކަށް އޯޕެނިން ޑޭގައި ވެސް ރަނގަޅު ތަރުހީބެއް ލިބުނެވެ.

މިވަގުތު ފިލްމަށް ލިބެމުންދާ ތަރުހީބަށް ބަލާއިރު ފިލްމު އެނަލިސްޓުން ބުނަނީ ބޮކްސްއޮފީހުގައި މިހާރު ފިލްމަށް ރަނގަޅު އާމްދަނީއެއް ނުލިބޭ ނަމަ ކުރިއަށްދާން އުނދަގޫވާނެ ކަމަށެވެ. ސަބަބަކީ އަންނަ ހަފްތާ ބަންދުގައި އަޔޫޝްމަން ކުރާނާގެ "ޑޮކްޓާ ޖީ" ރިލީޒްކުރުމުން ބޮޑު ވާދަވެރިކަމެއް އުފެދޭނެތީ އެވެ.

ގުޑްބާއީއަކީ އާއިލީ ޑްރާމާއެކެވެ. ފިލްމުގައި އަމީތާބުގެ ދަރީގެ ރޯލުން ރަޝްމިކާ ފެނިގެންދާއިރު އޭނާއަށް މި ފިލްމު ކުޅުމަށް ފުރުސަތު ލިބުނީ ތެލޫގޫ ފިލްމު "ޕުޝްޕާ: ދަ ރައިޒް" ގައި އޭނާގެ އެކްޓިން ފެނި، ގިނަ ބައެއްގެ މެދުގައި މަގްބޫލުވެގެންނެވެ. އެކަމަކު ރަޝްމިކާގެ ފުރަތަމަ ފިލްމަށް މާބޮޑު ތަރުހީބެއް ނުލިބުނަސް އޭނާގެ ކުރިއަށް ވެސް ހިންދީ ފިލްމެއް އެބަ އޮތެވެ. އެއީ ރަންބިރު ކަޕޫރާއި ބޮބީ ޑިއޯލްއާ އެކު ކުޅޭ "އެނިމަލް" އެވެ.