10 އޮކްޓޯބަރ 2022 - 07:04

ބޮލީވުޑްގެ މަޝްހޫރު ތަރި، ޝާހުރުކް ޚާންގެ ކުރިއަށް އޮތް ފިލްމު، "ޖަވާން" ގެ ޝޫޓިންތައް، އިންޑިއާގެ ޗެންނާއީގައި ބޭއްވުމުން 1،000 އާއިލާއަކަށް އެކަމުން ފައިދާވި ކަމަށް ފިލްމުގެ ޑައިރެކްޓަރު އަތުލީ ކުމާރު ބުނެފި އެވެ.
ވަރުގަދަ ފިލްމުތަކެއް މީގެ ކުރިން ވެސް ޑައިރެކްޓްކުރި އަތުލީއާ އެކު ޝާހު މަސައްކަތްކުރާ ފުރަތަމަ ފިލްމަކީ "ޖަވާން" އެވެ. ފިލްމުގައި ޝާހުއާ އެކު ނަޔަންތާރާ އާއި ތަމަޅަ ތަރި، ވިޖޭ ސެތުޕަތީ ވެސް ފެންނާނެ އެވެ.
ފިލްމުގެ ޝޫޓިންތައް ނިންމާލުމަށް ފަހު ޝާހު ވަނީ ލިބުނު މެހެމާންދާރީއަށް ޑައިރެކްޓަރު އަތުލީ އާއި އޭނާގެ އަންހެނުން ޕްރިޔާ އަދި ފިލްމުގެ ޓީމުގައި ހިމެނޭ އެންމެންގެ ފަރާތުން ޝުކުރު އަދާކޮށްފަ އެވެ. ޝާހު ބުނީ ވަރަށް މީރު ކާ އެއްޗެހި އެތަނުން ލިބުނު ކަމަށެވެ.
އެ ޓްވީޓާ ގުޅިގެން ޑައިރެކްޓަރު ޝާހުއަށް ޝުކުރު އަދާކޮށް ކުރި ޓްވީޓުގައި ބުނެފައިވާ ގޮތުގައި އޭނާގެ ފިލްމީ މަސައްކަތުގައި އެންމެ ހާއްސަ އެއް ޝޫޓިންތަކަކީ އެއީ އެވެ. ޗެންނާއީގައި ޝޫޓިންތައް ބޭއްވުމުން 1،000 އާއިލާއަކަށް ފައިދާވި ކަމަށް ބުންޏަސް އެކަމުގެ ތަފްސީލެއް ނުދެ އެވެ.
ޖަވާނަށް ފަހު ސަޕޯޓަރުން ޝާހުގެ ދެން އެންމެ އިންތިޒާރުކުރާ އަނެއް މަސައްކަތަކީ "ޕަތާން" އެވެ. އަންނަ އަހަރުގެ ޖެނުއަރީ 25 ގައި ރިލީޒްކުރާ އެ ފިލްމުގައި ޝާހުއާ އެކު ދީޕިކާ ޕަޑުކޯނާއި ޖޯން އަބްރަހަމް ވެސް ފެންނާނެ އެވެ. އަދި ތާޕްސީ ޕަންނޫއާ އެކު "ދުންކީ" ގައި ޝާހު ފެންނާނެ އެވެ.