09 އޮކްޓޯބަރ 2022 - 22:22

އއ. މާޅޮހު ދެކުނުން ބަންޑުން ޖަހާލާފައި އޮއްވައި ފެނުނު ލޯންޗުން ގެއްލުނު މީހާ ހޯދުމަށް 87 ސްކޮޔާ މޭލުގެ ސަރަހައްދެއް ބަލައިފި އެވެ.
ބަންޑުން ޖަހާލާފައި އޮއްވައި މިދިޔަ ހުކުރު ދުވަހު ފެނުނު ލޯންޗުން ދަތުރުކުރި އެކަކު އއ. ފެރިދޫއާ ދިމާލުން ވަނީ ފެނިފަ އެވެ. އެ ލޯންޗުން ދަތުރުކުރި ދެވަނަ މީހާ އަދިވެސް ނުފެނެ އެވެ.
އެކަމާ ގުޅޭ ގޮތުން ފުލުހުން މިރޭ ބުނީ އދ. ހަންޏާމީދޫގެ ދެކުނު ކަނޑުއޮޅިން ފެށިގެން އެ އަތޮޅުގެ ހުޅަނގަށް ވާގޮތަށް 87.6 ސްކޮޔާ މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށެވެ.
މާޅޮހު ފަޅުގައި އޮތް، ބަންޑުންޖަހާލި ލޯންޗު މިއަދު 13:30 ހާއިރު ކަފުޖަހައިގެން ހިމަންދު އަށް ގެނެސްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ގެއްލިގެން ހޯދަމުންދަނީ ސ. ހިތަދޫ މިންހާ، މުހައްމަދު މިންހާޖެވެ. އޭނާ އާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ނަމަ ހިއްސާ ކުރަން ފުލުހުންނާއި އެމްއެންޑީއެފުން ވަނީ އެދިފަ އެވެ.
އެ ލޯންޗުން ދަތުރުކުރި ދެވަނަ މީހާ މިހާރު ވަނީ އިތުރު ފަރުވާއަށް މާލެ ގެނެސްފަ އެވެ. އެ މީހުންގެ ލޯންޗު ބަންޑުން ޖަހައިލީ ކިހިނެއް ކަމެއް އަދި އެ މީހުން އުޅުނީ ކޮން ދަތުރެއްގައި ކަމެއް އަދި މިހާތަނަށް ސާފެއް ނުވެ އެވެ.