މަސްވެރިންގެ ޝަކުވާތަކާއެކު ޕީޕީއެމުން މަސްމާރުކޭޓު ސަރަހައްދަށް އެއްވަނީ
މަސްވެރިންގެ ޝަކުވާތަކާއެކު ޕީޕީއެމުން މަސްމާރުކޭޓު ސަރަހައްދަށް އެއްވަނީ

ސަރުކާރުން މަސްވެރިންނާ ގުޅޭ ވައުދުތައް ފުއްދަމުން ނުދާ ކަމަށް ބުނެ އިދިކޮޅު ޕީޕީއެމް/ޕީއެންސީން މާދަމާ މަސް މާރުކޭޓު ސަރަހައްދުގައި އިހުތިޖާޖު ކުރަން ނިންމައިފި އެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ކައުންސިލް މެމްބަރު އަދި ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް ވިދާޅުވީ މަސްވެރިންގެ ހައްގުތައް ހިމާޔަތް ކުރުމަށްޓަކައި މާދަމާ ހަވީރު 4:00 ގައި މަސް މާރުކޭޓަށް އެއްވާން ނިންމާފައިވާ ކަމަށެވެ.

އެ ހަރަކާތުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް އެ ޕާޓީގެ ފަރާތުން އޭނާ ގޮވާލި އެވެ.

ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ގާނޫނަށް ގެނައި އިސްލާހަކާއެކު ކަމާބެހޭ ފަރާތްތަކުގެ ހުއްދައާ ނުލައި މާލޭގައި މިހާރު އެއްވެވޭނީ ހަމައެކަނި ކާނިވާ ސަރަހައްދަށެވެ.

އެ ނޫން އެހެން ސަރަހައްދުތަކުގައި އިދިކޮޅު ފަރާތްތަކުން ބާއްވާ އެފަދަ ހަރަކާތްތަކަށް ފުލުހުން ހުރަސް އަޅައި ރޫޅާލަ އެވެ.

މުހައްމަދު ވިދާޅުވި ގޮތުގައި މި ސަރުކާރުން ވެރިކަމަށް އައުމަށްޓަކައި މަސްވެރިންނަށް ގިނަ ވާހަކަތަކެއް ދެއްކި އެވެ.

މަސްވެރިންނަށް ހަމަ އަގު ދިނުމާއި ޑޮލަރުން ފައިސާ ދިނުމާއި ކަނޑުމަތީގައި މަސްވެރިންނަށް ޕްލެޓުފޯމްތަކެއް ހަދާނެ ކަމަށް ވައުދުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެން ނަމަވެސް ވެރިކަމުގެ ފަހު ދުވަސްތައް ހިނގާ އިރު އަދިވެސް މަސްވެރި އާއިލާތައް ނިކަމެތިވަމުންދާ ކަމަށް ވެސް މުހައްމަދު ވިދާޅުވި އެވެ.

"އެއްގޮތަކަށް ވެސް ހިމޭނުން މަޑުން ތިބެގެން ވާކަށް ނެތް. ސިޔާސީ ޕާޓީއެއްގެ ގާނޫނުގައި ބުނާ ގޮތުން އަޅުގަނޑުމެންނަށް ސަރުކާރު ޖަވާބުދާރީ ކުރުވުމަށްޓަކައި މަސައްކަތްތަކެއް ކުރަން އެބަޖެހޭ. ގާނޫނުގެ ތެރެއިން އަޅުގަނޑުމެންނަށް ލިބިދީފައި އޮތް ހައްގެއް މި ބޭނުން ކުރަނީ،" އޭނާ ވިދާޅުވި އެވެ.

މަސްވެރިކަން ރަނގަޅު މި ދަނޑިވަޅުގައި މަސް ފިނިކުރަން އައިސް ނުލިބުމުގެ ޝަކުވާ މަސްވެރިން ކުރެ އެވެ. އަދި ތެލުގެ އަގަށް އަންނަ ބަދަލުތަކާއި އޭގެ ސަބަބުން އެކަށީގެންވާ އަގެއް މަހަށް ނުލިބޭ ކަމުގެ ޝަކުވާ ވެސް މަސްވެރިން ކުރެ އެވެ.