ތައިލެންޑުގައި ކުޑަކުދިންގެ މަރުކަޒަކަށް ހަމަލާދީ 24 ކުދިން މަރާލައިފި
ތައިލެންޑުގައި ކުޑަކުދިންގެ މަރުކަޒަކަށް ހަމަލާދީ 24 ކުދިން މަރާލައިފި

ތައިލޭންޑްގެ ވެރިރަށް ބެންކޮކްގައި ހިންގާ، ޑޭ ކެއާ ސެންޓަރަކަށް، ހަތިޔާރު ހިފައިގެން ހުރި މީހަކު ވަދެ ހަމަލާދީ، އެ މަރުކަޒުގައި ތިބި ކުދިންގެ ތެރެއިން 24 ކުއްޖަކު މަރާލައިފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު އެ މަރުކަޒަށް ހަމަލާ ދިނީ، ފުލުހުންގެ ތެރޭގައި ކުރިން މަސައްކަތްކުރި އޮފިސަރެކެވެ. ފިސްތޯލައަކާއި ވަޅިއެއް ހިފައިގެން ހުރި އެ މީހާ، އެ މަރުކަޒުގެ ތެރެއަށް ވަނުމަށް ފަހު އެންމެ ފުރަތަމަ ހަމަލާ ދިނީ، އެ މަރުކަޒުގެ ބައެއް މުވައްޒަފުންނަށެވެ. އެއަށް ފަހު، ކުޑަކުދިންތަކެއް ތިބި ބޮޑު ކްލާސްރޫމެއްގެ ތެރެއަށް ވަދެ، އެ ތަނުގައި ތިބި ކުދިންނަށް ހަމަލާ ދިނީ އެވެ.

މި ހަމަލާގައި 11 ކުދިން ތިބި ކްލާސްރޫމަކުން 10 ކުދިން މަރުވި އެވެ. އެ ކްލާހުގައި ތިބި ކުދިންގެ ގަޔަށް ބަޑި ޖަހައި، އަދި ބައެއް ކުދިންގެ ގަޔަށް ވަޅި ހަރައި މަރައިލީ، ހެނދުނުގެ ސަޔަށް ފަހު، އެ ކްލާހުގައި އެ ކުދިން ނިދާފައި ތިއްބަ އެވެ. އެ ކްލާހުން ފުރާނަ ސަލާމަތްވި ކުއްޖާ ސަލާމަތްވީ ކިހިނެއް ކަމެއް ނޭނގޭ ކަމަށް، މި ހާދިސާގައި ފުރާނަ ސަލާމަތްވި ބައެއް ޓީޗަރުން ބުނެ އެވެ.

އެއް ޓީޗަރަކު ބުނި ގޮތުގައި، އެ ކްލާހުން ސަލާމަތްވި ކުއްޖާ ފެނުނީ، މަރުވެފައި ތިބި ކުދިންގެ ހަށިގަނޑުތަކުގެ މަތިން ލާފައި، އެ ކުއްޖާ ހިނގަމުން އައިސް، ކްލާހުން ނުނިކުމެވިގެން އުޅެނިކޮށެވެ. އޭރު އެ ކުއްޖާގެ މުޅި ގައިގައި ވެސް އޮތީ ލޭ ކަމަށް އެ ޓީޗަރު ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި ހަމަލާ ދިން މީހާ، އެ މަރުކަޒުގެ ތިން ކްލާސްރޫމެއްގައި ތިބި ކުދިންނަށް ހަމަލާ ދިނެވެ. މި ހަމަލާގައި ކުޑަކުދިންނާއި އެ ތަނުގެ މުވައްޒަފުންނާ އެކު ޖުމްލަ 37 މީހުން މަރުވި އެވެ.

"ހުރިހާ ކުދިން ވެސް ހެނދުނުގެ އިންޓަވަލް އަށް ފަހު ތިބީ ލިޔެ ކުރަހަން. ހެނދުނު 10 ޖެހުމާއެކު ޓީޗަރުން އެ ކުދިންގެ އެ ވަގުތުގެ ހާލަތު ބަޔާންކޮށްދިނުމަށް، ކުދިންގެ ބެލެނިވެރިންނަށް އެކުދިންގެ ފޮޓޯ ފޮނުވީ،" މައްސަލަ ތަހުގީގު ކުރަމުން އަންނަ ފުލުހުންގެ އިދާރާއިން ބުންޏެވެ.

"އޭގެ ދެ ގަޑިއިރު ފަހުން، ހުރިހާ ކުދިން ތިބީ ނިދާފައި. އެ ވަގުތު، ހަތިޔާރު އަޅައިގެން ހުރި މީހާ އެ މަރުކަޒަށް ވަދެ، ތަނުގެ މުވައްޒަފުންނަށް ހަމަލާ ދޭން ފެށީ. އެންމެ ފުރަތަމަ ދިން ހަމަލާގައި މަރުވި މީހުންގެ ތެރޭގައި އަށް މަހުގެ މާބަނޑު އަންހެނަކު ވެސް ހިމެނޭ. އޭގެ ފަހުން ތިން ކްލާސް ރޫމަށް ވަދެ، އެ ކްލާސްރޫމްތަކުގައި ތިބި ކުދިންނަށާއި ޓީޗަރުންނަށް ހަމަލާ ދިނީ."
ފުލުހުން ބުނި ގޮތުގައި މި ހާދިސާ ހިނގި އިރު، އެ މަރުކަޒުގައި ތިބި ކުދިންގެ ތެރެއިން ފުރާނަ ސަލާމަތްވީ ތިން އަހަރުގެ އެންމެ ކުއްޖެކެވެ. އަނެއް 24 ކުދިން ވަނީ މަރުވެފަ އެވެ.