09 ޖެނުއަރީ 2017 - 11:32

މޯލްޑިވްސް ފިޝަމެންސް އެސޯސިއޭޝަނުން ރާއްޖޭގެ ސްކޫލްތަކުގައި ފެށުމަށް ހަމަޖައްސާފައިވާ ޔަންގް ފިޝާސް ކްލަބުގެ ސްޕޮންސަރިން ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފި އެވެ.
މި އެއްބަސްވުމުގައި ދިރާގުގެ ފަރާތުން އިއްޔެ ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް މާކެޓިން އޮފިސަރު އިޒަބެލް ހާޖްރީ އެވެ. އަދި ފިޝަމެންސް އެސޯސިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ އެސޯސިއޭޝަންގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ޝާކިރު މުހައްމަދެވެ.
ދިރާގުން ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ޒުވާނުން ބާރުވެރިކުރުވައި ޒުވާނުނަށް ތަފާތު ގިނަ ތައުލީމީ ފުރުސަތުތައް ހޯދައި ދިނުމަށް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދޭ ކަމަށެވެ. އެ ގޮތުން، ދިރާގުން ޔަންގް ފިޝާސް ކްލަބުގެ ޑިވެލޮޕްމެންޓް ޕާޓްނަރެއްގެ ގޮތުން ބައިވެރިވީ އެ ކްލަބުގެ ދަށުން ރާއްޖޭގެ އެކި ހިސާބުތަކުގައި ދިރިއުޅޭ ޒުވާނުންނަށް މަސްވެރިކަމުގެ ދާއިރާ އިން ތަފާތު ތައުލީމީ ފުރުސަތުތައް ހޯދައިދިނުމަށް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ދިރާގާ އެކު ހެދި އެއްބަސްވުމުގެ ދަށުން އެ ކްލަބުގެ ފަރާތުން ދަރިވަރުންނަށާއި ޓީޗަރުންނަށް ހިންގާ ތަފާތު ހަރަކާތްތައް ހިންގުމުގައި ދިރާގުގެ ފަރާތުން މާލީ އަދި ފަންނީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ. އެ ގޮތުން، ކޮމިއުނިކޭޝަން އާއި ޓެކްނޮލޮޖީއާ ގުޅޭ ތަފާތު ހަރަކާތްތައް ހިންގުމުގައި ދިރާގުން އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ޔަންގް ފިޝާސް ކްލަބަކީ މަސްވެރިކަމާއި އެ ދާއިރާއާ ގުޅުންހުރި ތަފާތު ދާއިރާތަކާއި ކަނޑުއަޑީގެ ވެއްޓާ ގުޅޭ ގޮތުން ދަރިވަރުން ހޭލުންތެރިކޮށް، އެ ދާއިރާތަކުން ބޭނުންވާ ހުނަރާއި ތަމްރީން ފޯރުކޮށްދިނުމަށް ސްކޫލްތަކުގައި ހިންގުމަށް ހަމަޖެހިފައިވާ ހާއްސަ ކްލަބެކެވެ.
ޕައިލެޓް ޕްރޮގްރާމެއްގެ ގޮތުގައި ރާއްޖޭގެ ފަސް އަތޮޅެއްގެ ފަސް ސްކޫލެއްގައި މިދިޔަ އަހަރު އިފްތިތާހުކުރި މި ކްލަބުގެ ހަރަކާތްތައް މި އަހަރުގެ ތެރޭގައި އަމަލީ ގޮތުން ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.