ކައުންސިލްގެ ގަސް ފިހާރައިން އެހެން ފަރާތްތަކަށް ވާނީ ފައިދާ: މުއިއްޒު
ކައުންސިލްގެ ގަސް ފިހާރައިން އެހެން ފަރާތްތަކަށް ވާނީ ފައިދާ: މުއިއްޒު

ގަހާއި ގަސް ކާނާ ވިއްކަން މާލެ ސިޓީ ކައުންސިލުން ހުޅުވި ފިހާރައިގެ ސަބަބުން، އެ މަސައްކަތް ކުރާ ކުދި ވިޔަފާރިތަކަށް ވާނީ ފައިދާ ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އެ ފިހާރަ ރޭ ހުޅުވުމާއެކު، ބައެއް މީހުންގެ ޝަކުވާއަކަށް ވީ، އާންމުން ކުރާ އެ ފަދަ ކުދި ވިޔަފާރިއަކަށް ކައުންސިލުން ވަނުމުގެ ކަންބޮޑުވުމެވެ.

އެ ކަމާ ގުޅިގެން މުއިއްޒު "މިހާރު" އަށް ވިދާޅުވީ، "މާލެ ފެހި" ނަމުގައި ކާނިވާ ސަރަހައްދުގައި ހުޅުވި ފިހާރަ އިން ގަސް ގިނައިން ވިއްކާނީ ގަސް ހެއްދުމުގައި އުޅޭ އެކި ދިވެހިންގެ އަތުން ގަނެގެން ކަމަށެވެ. އޭގެ ސަބަބުން އެ ވިޔަފާރިތައް ކުރިއަރައި، އެ ގަސް ގެންގުޅޭ މީހުންނަށް ލިބޭ އިތުރު ފުރުސަތަކަށް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ފިހާރަ ހުޅުވީ 25 ވައްތަރަކުން ހާހެއްހާ ގަހާއެކުގަ އެވެ. އޭގެ ތެރޭގައި އަނބާއި ފޭރާއި ސަބުދެއްޔާއި ކަޅުހުތުމޭވާ އާއި މިރުހާއި ލުނބޯ އަދި ޖަނބުރޯލް ފަދަ މޭވާ އަޅާ ގަސް ހިމެނެ އެވެ. މާލެ ފަދަ ކުދި ތަންތަނުގައި ހައްދަން އެކަށީގެންވާ އިންޑޯ ޕްލާންޓް ވެސް ހިމެނޭނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މޭޔަރު ވިދާޅުވިގޮތުގައި އެ ފިހާރަ އާއި ނާސަރީގައި މި ވަގުތު ވިއްކަން ހުރީ ވެސް އާއްމުކޮށްގެން އިއުލާނުކޮށްގެން ގަން ގަސްތަކެވެ.

"ރީތި މާ އަޅާ ގަހާއި މޭވާ އަޅާ ގަސް ގިނަ ކުރަން ބޭނުންވަނީ. އެ ކަން ކުރެވޭނީ މި ގޮތަށް ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތް ކޮށްގެން،" މުއިއްޒު ވިދާޅުވި އެވެ.

މާލެ ފެހި ފިހާރަ ހުޅުވާފައި ހުންނާނީ؛

ހެނދުނު 8:30 އިން މެންދުރު 12:00 އަށް

މެންދުރު ފަހު 2:00 އިން 6:00 އަށް

ރޭގަނޑު 8:00 އިން 10:00 އަށް

ގަސް ކޮމިޓީގެ ޗެއާ އަދި މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ނާސިރު ވިދާޅުވީ، ގަސް ވިއްކުމަށް ސިޓީ ކައުންސިލުން ތިން ސަރަހައްދެއްގައި ނާސަރީ ހަދައި، ދެ ތަނެއްގައި ގަސް ހައްދަމުން އަންނަ ކަމަށެވެ. އެއީ، ސިޓީ ކައުންސިލުން އާއްމު ހިދުމަތްދޭ ތަނާއި ވިލިމާލޭގައި އިންނަ ކޮމިއުނިޓީ ގާޑަން އެވެ. މި ވަގުތަށް ބޭނުންކުރުމަށް ހުޅުމާލޭގެ ސަހަރާ އިން ވެސް ތަންކޮޅެއް ވަނީ ހަމަޖައްސައިފަ އެވެ.

"މާލެ އާއި ވިލިމާލޭގައި އެއްލައްކަ ގަސް އިންދުމުގެ ޕްރޮގްރާމް ފެށުމަށް މިކަން ކުރީ. ގްރޭޓާ މާލޭގައި އިންދަން އައްޑު އާއި ފުވައްމުލަކަށް ދަތުރުކޮށްގެން ވެސް ލިބުނީ 200 އެއްހާ ގަސް. މިކަން ރަނގަޅަށް ކުރެވޭނީ ޕްރޮގްރާމެއް ފަށައިގެން،" ނާސިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބޮޑެތި ރަށްތަކުން ވެސް ބިން ހޯދައިގެން ގަސް ހެއްދުމުގެ ވިސްނުންތަކެއް އެބަހުރި ކަމަށެވެ.

ސިޓީ ކައުންސިލުން ގެންދާ "އެއްލައްކަ ގަސް" ޕްރޮގްރާމަކީ ކުރިއަށް އޮތް ފަސް އަހަރަށް އެކުލަވާލާފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމެނޭ ކަމެކެވެ. އެއީ، ފަންނީ ފަރާތްތަކުގެ ލަފަ އާއި އާންމުންގެ ބައިވެރިވުމާއި އެއްގޮތަށް އެކުލަވައިލުމުގެ މަސައްކަތުގެ ތެރެއިން ގެންދާ ހަރަކާތެކެވެ.