ކޮރަޕްޝަންގެ ޓްރެންޑާއި އާއްމުން ދެކޭ ގޮތް ހޯދަން ދިރާސާއެއް
ކޮރަޕްޝަންގެ ޓްރެންޑާއި އާއްމުން ދެކޭ ގޮތް ހޯދަން ދިރާސާއެއް

ޒަމާނީ ވަސީލަތްތަކުގެ ތެރެއިން ރާއްޖޭގައި ކޮރަޕްޝަންގެ ކުށް ހިންގާ ގޮތްތަކާއި އާއްމުން ދެކޭ ގޮތް ބަލަން ގައުމީ ފެންވަރުގެ ދިރާސާއެއްކުރަން އެންޓި ކޮރަޕްޝަން ކޮމިޝަނުން ވިލާ ކޮލެޖާއެކު މަސައްކަތް ފަށައިފި އެވެ.

ކޮރަޕްޝަންގެ ޓްރެންޑާއި އާއްމުން ދެކޭ ގޮތް ހޯދަން ދިރާސާއެއް
ކޮރަޕްޝަންގެ ޓްރެންޑާއި އާއްމުން ދެކޭ ގޮތް ހޯދަން ދިރާސާއެއް

ދިރާސާގެ އެއްބަސްވުމުގައި ސޮއިކުރަން ވިލާ ކޮލެޖާއެކު ބޭއްވި ރަސްމިއްޔާތުގައި އޭސީސީގެ މެމްބަރު ޝިޔާމާ މުހައްމަދު ވިދާޅުވީ ރާއްޖޭގައި ކޮރަޕްޝަންގެ ހާލަތު އެކި ދިމަދިމާލުގައި އޮތް މިންވަރާ ގުޅޭ ގޮތުން ތަފާތު ގިނަ ވާހަކަތައް ދެކެވޭ ކަމަށެވެ. ބައެއް ތުހުމަތުތައް ކުރަނީ ދިރާސާއަކާ ހަވާލާދީގެން ނަމަވެސް ޖުމްލަކޮށް ހުރިހާ ދިމާލެއްގެ ހަގީގަތަށް ވާސިލްވެވިފައި ނުވާ ކަމަށް ވިދާޅުވި އެވެ.

ކޮރަޕްޝަންގެ ޓްރެންޑާއި އާއްމުން ދެކޭ ގޮތް ހޯދަން ދިރާސާއެއް
ކޮރަޕްޝަންގެ ޓްރެންޑާއި އާއްމުން ދެކޭ ގޮތް ހޯދަން ދިރާސާއެއް

އޭނާ ވިދާޅުވި ގޮތުގައި މިއަދު ފަށާ ދިރާސާގެ މަސައްކަތަކީ ރާއްޖޭގައި ކޮރަޕްޝަންގެ ހާލަތު އޮތް މިންވަރާ ގުޅޭ ގޮތުން ދައްކާ ވާހަކަތަކާ އެކު މަންޒަރު ބަދަލުކޮށްލާނެ މުހިއްމު މަސައްކަތެކެވެ. މި ދިރާސާގައި ކޮރަޕްޝަން އޮތް ހުރިހާ ދިމާތަކަކުން މައުލޫމާތު އެއްކުރާނެ ކަމަށް ޝިޔާމާ ވިދާޅުވި އެވެ.

ކޮރަޕްޝަނާ މެދު ދެކޭގޮތް ބަލަން ދިރާސާއެއްކުރާތީ ސުވާލު އުފައްދަފާނެ ކަމަށާއި އެކަމަކު ސިޔާސަތު ބައްޓަންކުރަން ބަލާއިރު ވެސް އާއްމުން ދެކޭ ގޮތް ބެލެވިފައި އޮތުމަކީ މުހިއްމު ކަމެއް ކަން އޭނާ ފާހަގަކުރެއްވި އެވެ.

"މުހިންމު އަނެއް ނުކުތާއަކީ، ނިންމުން ނިންމުމުގައި ބަރޯސާވާނީ ކޯއްޗަކަށްތޯ ކުރެވޭ ސުވާލު. އޭސީސީން ގަބޫލުކުރަނީ، ނިންމުންތައް އަސާސްކުރަންވާނީ އިލްމީ ހޯދުންތަކުގެ މައްޗަށް ކަމަށް، އިނގިރޭސިބަހުން ބުނާނަމަ "އެވިޑެންސް ބޭސްޑް ޑެޝިޝަން މޭކިން". އިލްމީ ދިރާސީ ހެކީގެ މައްޗަށް ބަރޯސާކުރެވޭ ސިޔާސީ ނިންމުންތަކާއި، އިސްތިރާތީޖީ އަދި ތަންފީޒީ ނުވަތަ އޮޕަރޭޝަނަލް ނިންމުންތަކުގެ ފެންވަރު ރަނގަޅު ކަމީ ހަގީގަތެއް،" ޝިޔާމާ ވިދާޅުވި އެވެ.

"މިއަދު މި ފެށޭ ދިރާސާގެ މައިގަނޑު މަގްސަދަކީ، އަޅުގަނޑުމެން އެކަން ގަބޫލުކޮށް ކޮރަޕްޝަނާ ދެކޮޅަށް ކުރެވޭ މަސައްކަތަކީ އެވިޑެންސް ބޭސްޑް މަސައްކަތަކަށް ހެދުން. އަޅުގަނޑު ތިބޭފުޅުންނަށް އަރުވާ ޔަގީންކަމަކީ އޭސީސީގެ ހިންގުން ބައްޓަންކުރާނީ އެމަގަށް ކަން."

އޭނާ ވިދާޅުވި ގޮތުގައި ދައުލަތް ހިންގުމުގައި ވެސް އިސްކަން ދޭން ޖެހޭނީ ދިރާސީ ހޯދުންތަކުގެ މައްޗަށް ބުރަވެ ނިންމަން ޖެހޭ ވައްޓަފާޅިއަށް ކަމަށް އެ ކޮމިޝަނުން ގަބޫލުކުރެ އެވެ.

އޭސީސީގެ ދިރާސާ ނިމޭއިރު ކޮރަޕްޝަނާ މެދު އާއްމުން ދެކޭ ގޮތުގެ އިތުރަށް ވޭތުވެދިޔަ ފަސް އަހަރުގެ ކޮރަޕްޝަން ޓްރެންޑް ދެނެގަނެވޭނެ ކަމަށް ވެސް ޝިޔާމާ ވިދާޅުވި އެވެ. އޭނާ ސިފަކުރެއްވި ގޮތުގައި މި ދިރާސާއެކު ކޮރަޕްޝަން ހުއްޓުވަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް އޮތް ތަނުގައި މަސައްކަތް ކުރެވޭނެ އެވެ.

ޝިޔާމާ ވިދާޅުވީ އޭސީސީން އަބަދުވެސް މަސައްކަތްކުރާނީ ރާއްޖެއަކީ ކޮރަޕްޝަނުން ސަލާމަތްވެފައިވާ ތަނަކަށް ހަދަން ކޮމިޝަނަށް މަތިކޮށްފައިވާ ޒިންމާ އަދާކުރެވޭތޯ ކަމަށެވެ.

ކޮރަޕްޝަނާ ގުޅޭ މައްސަލަތައް ތަހުގީގުކުރުމުގެ އިތުރުން ދައުލަތުގެ ނަޒާހަތްތެރިކަން ކުރިއެރުވުމާއި ކޮރަޕްޝަންގެ އަމަލުތަކުން ސަލާމަތްވެފައިވާ މުޖުތަމައެއް ހޯދުމަކީ ވެސް އޭސީސީއާ މަތިކޮށްފައިވާ ޒިންމާއެކެވެ.

ކޮރަޕްޝަންގެ ކުށްތައް ހިނގިޔަ ނުދިނުމުގެ ޒިންމާގެ ތެރޭގައި އޭސީސީގެ މައްޗަށް ލާޒިމްކޮށްފައިވާ ކަންކަމުގެ ތެރޭގައި ކޮރަޕްޝަން ހުއްޓުވުމަށްޓަކައި ދިރާސާކޮށް އެފަދަ ދިރާސާތަކުގެ އަލީގައި ފެންނަ ކަންކަމުގެ މައްޗަށް ރިއާޔަތްކޮށް ކޮރަޕްޓް ވިޔަނުދިނުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭ ގޮތުން ކަމާބެހޭ ފަރާތްތަކަށް ލަފާދިނުން ހިމެނެ އެވެ.

ކޮރަޕްޝަނާ ގުޅޭ ބޮޑު ދިރާސާއެއްކުރަމުން އަންނަ އިރު، އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތް އެ ކޮމިޝަނުން އަންނަނީ ތަހުގީގު ކުރަމުންނެވެ. މި މައްސަލަތަކުގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ހިންގާފައިވާ އަދި މިހާރު ވެސް ހިނގަމުންދާ ކަމަށް ތުހުމަތުކުރެވޭ މައްސަލަތައް އެ ކޮމިޝަނަށް ވަނީ ހުށަހަޅައިފަ އެވެ.

މި މައްސަލަތައް ތަހުގީގު ކުރުމުގައި އިސްކަންދޭނެ އުސޫލެއް އެކުލަވާލާފައި އެ ކޮމިޝަނުން ވަނީ އާއްމުކޮށްފަ އެވެ.