09 އޮކްޓޯބަރ 2022 - 12:51

ޔުނައިޓެޑް ވިކްޓަރީން މުސާރަ ނުދީގެން ބަނޑުހައިހޫނު ކަމުގެ ހަޅުތާލެއް ފެށި ބިދޭސީ ދެ ކުޅުންތެރިންގެ މައްސަލަ ހައްލު ކުރުމުން ކުޅުންތެރިން ފުރަން ތައްޔާރުވެއްޖެ އެވެ.
އެ ކްލަބްގެ ޑިފެންޑަރު މިލޯސް ކޮވަސިޗް އާއި މިޑްފީލްޑަރު އީވާން ވެރަސް، މިދިޔަ އާދިއްތަ ދުވަހު ހަޅުތާލެއް ފެށުމުން، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް، އެ ދެ ކުޅުންތެރިންނާ ބައްދަލު ކުރި އެވެ. އަދި މިދިޔަ ހަފުތާ ނިމުމުގެ ކުރިން މައްސަލަ ހައްލުކޮށް ދެއްވާނެ ކަމުގެ ޔަގީންކަން ބައްސާމް ދެއްވި ކަމަށް މިލޯސް ބުންޏެވެ.
"މިދިޔަ ބުރާސްފަތި ދުވަހު އަހަރެމެންނަށް ދެ މަހުގެ މުސާރަ އާއި ހަތަރު މަހުގެ ކޮއްތު ފައިސާ ދީފި،" މިލޯސް ބުންޏެވެ.
"މުއްދަތު ހަމަވެފައިވާ އަހަރެމެންގެ ވިސާ އަށް ދައްކަންޖެހޭ ޖޫރިމަނާ ފައިސާ މިއަދު ދައްކައި ވިސާގެ ކަންކަން ހައްލު ކޮށްދޭނެ ކަމަށް ކްލަބުން ބުނި."
މިލޯސް ބުނީ އަންނަ އަންގާރަ ދުވަހު އޭނާ ފުރާނެ ކަމަށެވެ. އަދި އީވާން ފުރާނީ މި މަހުގެ 19، 20 ހިސާބުގައި ކަމަށް އޭނާ ބުންޏެވެ.
ކުރިން މާޒިޔާ އަށް ވެސް ކުޅުނު މިލޯސް ބުނީ، ކުޅުންތެރިންތަކެއްގެ ހައްގު ހޯދަން، ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ކުރަން ޖެހޭ ހިސާބަށް ދިއުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށެވެ.
"މިއީ މިކަން ވާން ޖެހޭނެ ގޮތެއް ނޫން. ކްލަބުން ބަރާބަރަށް މުސާރަ ދޭނަމަ މިހާ ހިސާބަކަށް ދާކަށް ނުޖެހޭނެ،" އޭނާ ބުންޏެވެ.
އެ ދެ ކުޅުންތެރިންނަށް އެ ކްލަބުން މުސާރަ ދިނީ، ބުރާސްފަތި ދުވަހު އެފްއޭއެމުން، ކްލަބް އެކައުންޓަށް ގާތްގަނޑަކަށް ތިން ލައްކަ ރުފިޔާ ޖަމާ ކުރުމުންނެވެ.
ފައިސާގެ ގިނަ މައްސަލަތަކެއް އެފްއޭއެމް އަށް ވަނީ ކުރިމަތި ވެފަ އެވެ. މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ގެ ކުރެއްދޫ ރިސޯޓްގައި މިދިޔަ އަހަރު އޮކްޓޯބަރުގައި ކުޅުނު މެޗެއްގައި ގައުމީ ޓީމަށް ހަދިޔާ ކުރި ފައިސާ ކުޅުންތެރިންގެ މެދުގައި ނުބަހައިގެން އެ މައްސަލައިގައި އެފްއޭއެމް ހޫނު ފެނަށް ވެއްޓުމުން، އެ ފައިސާ މި ހަފުތާގައި ކުޅުންތެރިންނަށް ދޭނެ ކަމަށް އެ އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ.
އެ މެޗުން ގައުމީ ޓީމުގެ ކުޅުންތެރިންނަށް 1.2 މިލިއަން ރުފިޔާ ދޭން ހަމަޖެހުނެވެ. ވިލާ ޓްރެވަލްސް ފިޔަވައި އަނެއް ތިން ކުންފުނިން ވަނީ ފައިސާ ދީ 1.1 މިލިއަން ރުފިޔާ އެފްއޭއެމް އަށް ހަމަކޮށް ދީފަ އެވެ. ނަމަވެސް އެފްއޭއެމުން ބުނީ ފައިސާ ދީފައި ނުވަނީ ދެ ކަމަކާ ގުޅިގެންނެވެ.
ފުރަތަމަ ސަބަބަކީ ޑިސެމްބަރު މަހު ލަންކާގައި ބޭއްވި މަހިންދަ ރާޖަޕަކްސަ މުބާރާތުގައި ގައުމީ ޓީމުގެ ނަތީޖާ ދަށްވުމުން، ޓީމަށް އެޅި ފިޔަވަޅެއްގެ ގޮތުން އެ ފައިސާ ނުދީ މަޑުޖައްސާލުމަށް ނިންމުމެވެ. ދެ ވަނަ ސަބަބަކީ ވިލާއިން ފައިސާ ނުދިނުމުން ފުލު ޕޭމަންޓް ހަމަ ނުވާތީ އެވެ. ވިލާއިން ފައިސާ ހަމަނުޖެހުނަސް މި ހަފުތާގައި ކުޅުންތެރިންނަށް އެ ފައިސާ ބަހާނެ ކަމަށް އެފްއޭއެމުން ބުންޏެވެ.