09 އޮކްޓޯބަރ 2022 - 10:09

މެންޗެސްޓާ (އޮކްޓޫބަރު 9) - މެންޗެސްޓާ ސިޓީ އިން އިނގިރޭސި ޕްރިމިއާ ލީގުގައި ސައުތެމްޓަން ބަލިކުރި މެޗުގައި އާލިން ބްރައުޓް ހާލަންޑް ލަނޑު ޖަހައި، ސިޓީގެ ޖޯޒީގައި ކުޅުނު 13 މެޗުން 20 ގޯލު ހަމަކުރި އިރު، ޗެލްސީ އާއި ޓޮޓެންހަމް ހޮޓްސްޕާސް ވެސް މޮޅުވެއްޖެ އެވެ.
ސިޓީގެ ދަނޑުގައި ސައުތެމްޓަން އާ ދެކޮޅަށް ކުޅެ މޮޅުވީ 4-0 އިންނެވެ. ފުރަތަމަ ހާފުގައި ސިޓީ ލީޑު ހޯދީ ޔާއޯ ކަންސެލޯ ޖަހައިދިން ލަނޑުންނެވެ. އަދި މި ހާފު ނިމުމުގެ ކުރިން ލީޑު ފުޅާ ކޮށްދިނީ ފިލް ފޮޑެން އެވެ. ދެ ވަނަ ހާފުގައި ސިޓީގެ ތިންވަނަ ލަނޑު ޖަހައިދިނީ ރިޔާދް މަހްރޭޒް އެވެ. އަދި ހާލަންޑް ވަނީ 65 ވަނަ މިނިޓުގައި ސިޓީގެ ހަތަރު ވަނަ ލަނޑު ޖަހައިދީފަ އެވެ.
މިއީ ހާލަންޑް މި ސީޒަނުގައި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ނުވަ މެޗުން ކާމިޔާބުކުރި 15 ވަނަ ލަނޑެވެ. ޗެމްޕިއަންސް ލީގުގައި ތިން މެޗުން ވަނީ ފަސް ލަނޑު ޖަހައިފަ އެވެ.
ޗެލްސީ އިން އަމިއްލަ ދަނޑުގައި މޮޅުވީ ވުލްވްސްއާ ވާދަކޮށް 3-0 އިންނެވެ. މި މެޗުގައި ޗެލްސީ އިން ލީޑު ނެގީ ފުރަތަމަ ހާފުގެ އެންމެ ފަހު ސިކުންތުކޮޅުގައި މޭސަން މައުންޓް ނެގި ހުރަހަކުން ކައި ހަވާޓްޒް ޖެހި ގޯލުންނެވެ.
ދެވަނަ ހާފު ފަށައިގެން މާ ގިނައިރެއް ނުވެ މައުންޓް ތަނަވަސްކުރި ފުރުސަތެއްގައި ކްރިސްޓިއަން ޕުލިސިޗް ލީޑު ފުޅާ ކޮށްދިން އިރު، ތިންވަނަ ލަނޑު ޖަހައިދިނީ ބަދަލު ކުޅުންތެރިއެއް ގޮތުގައި ކުޅެން އެރި އާމަންޑޯ ބްރޯޔާ އެވެ.
މިއީ ބްރޯޔާ، ޗެލްސީގެ ސީނިއާ ޓީމަށް ޖަހައިދިން ފުރަތަމަ ލަނޑެވެ. އޭނާ ވަނީ މިދިޔަ ސީޒަނުގައި ލޯނު އުސޫލުން ސައުތެމްޓަންގެ ޖޯޒީގައި ޕްރިމިއާ ލީގުގައި ހަ ލަނޑު ޖަހައިފަ އެވެ.
ޓޮޓެންހަމް މޮޅުވީ ރަށޫން ބޭރުގައި ބްރައިޓަންއާ ވާދަކޮށް 1-0 އިންނެވެ. މެޗުގައި ޓޮޓެންހަމުން ޖެހި ހަމައެކަނި ލަނޑު 22 ވަނަ މިނިޓުގައި ޖަހައިދިނީ ހެރީ ކޭން އެވެ.
މިއީ ކޭން ލީގުގައި މި ސީޒަނުގައި ކާމިޔާބުކުރި އަށް ވަނަ ލަނޑެވެ. ލީގުގެ ލަނޑު ލިސްޓުގައި ހާލަންޑާ އެންމެ ގާތުން ވާދަކުރާ ކުޅުންތެރިއަކީ ވެސް އޭނާ އެވެ.
ސޮން ހެއުން މިން ތިރިތިރިން ހުރަސްކޮށްލި ބޯޅައެއް ބޮލުން ގޯލުގެ ތެރަށް ފޮނުވާލައިގެން ކޭން ކާމިޔާބު ކުރި މި ލަނޑަކީ، ދެ ކުޅުންތެރިން ހިއްސާ ވެގެން ޕްރިމިއާ ލީގުގައި ކާމިޔާބުކުރި 43 ވަނަ ލަނޑެވެ. މިއީ ލީގު ތާރީހުގައި ވެސް ރެކޯޑެކެވެ.
ނިއުކާސަލް ޔުނައިޓެޑުން ވެސް ވަނީ އަމިއްލަ ދަނޑުގައި ބްރެންޓްފޯޑާ ދެކޮޅަށް ކުޅެ ފަސޭހަ ކަމާއެކު 5-1 އިން މެޗު ކާމިޔާބު ކޮށްފަ އެވެ.
ނިއުކާސަލް އަށް ލަނޑުތައް ޖަހައިދިނީ ބްރޫނޯ ގިމަރޭސް އާއި ޖޭކޮބް މާފީ އަދި މިގޭލް އަލްމިރޯން އެވެ. ގިމަރޭސް ވަނީ ދެ ލަނޑު ޖަހައިދީފަ އެވެ. ފަސް ވަނަ ލަނޑަކީ ބްރެންޓްފޯޑްގެ އީތަން ޕިނޮކް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ބްރެންޓްފޯޑްގެ ހަމައެކަނި ލަނޑު ޕެނަލްޓީއަކުން ޖަހައިދިނީ އައިވާން ޓޮނޭ އެވެ.
މި ނަތީޖާ ތަކާ އެކު ސިޓީ ވަނީ އެއް މެޗު އިތުރަށް ކުޅެގެން 23 ޕޮއިންޓް ހޯދައިގެން ވަގުތީ ގޮތުން އެއް ވަނައަށް ޖެހިލައިފަ އެވެ. ދެ ވަނައިގައި އޮތީ އަށް މެޗުން 21 ޕޮއިންޓް ހޯދާފައިވާ އާސެނަލް އެވެ. އާސެނަލް މިރޭ އަމިއްލަ ދަނޑުގައި ލިވަޕޫލާ ދެކޮޅަށް ނުކުންނާނެ އެވެ.
ތިން ވަނައިގައި އޮތީ އަށް މެޗުން 20 ޕޮއިންޓް ހޯދާފައިވާ ޓޮޓެންހަމެވެ. ޗެލްސީ އޮތީ ސޯޅަ ޕޮއިންޓާ އެކު ހަތަރު ވަނައިގަ އެވެ. ފަސްވަނައިގައި ނިއުކާސަލް ޔުނައިޓެޑް އޮތީ 14 ޕޮއިންޓް ހޯދައިގެންނެވެ. ހަ ވަނައިގައި އޮތް ބްރައިޓަން އަށް ވެސް ލިބިފައި ވަނީ 14 ޕޮއިންޓެވެ. ޗެލްސީ އާއި ބްރައިޓަން ވެސް ކުޅެފައި ވަނީ އަށް މެޗެވެ.
މިދިޔަ ހަފްތާ ލީގުގައި ފުރަތަމަ މޮޅު ހޯދި ލެސްޓާ ސިޓީ ވަނީ ރަށުން ބޭރުގައި ބޯންމައުތާ ވާދަކޮށް ބަލިވެފަ އެވެ. ލެސްޓާ އިން ފުރަތަމަ ލީޑު ނެގި ނަމަވެސް ބޯންމައުތުން ކުރި ހޯދީ ފަހަތުން އަރައި، ދެ ވަނަ ހާފުގައި ގާތްގާތުގައި ޖެހި ލަނޑުތަކުންނެވެ.
މެޗުގެ 10 ވަނަ މިނިޓުގައި ލެސްޓާ އިން ލީޑު ނެގި ލަނޑު ޖަހައިދިނީ ޕަޓްސޮން ޑާކާ އެވެ. ބޯންމައުތުން އެއްވަރުކުރީ 67 ވަނަ މިނިޓުގައި ފިލިޕް ބިލިންގް ކާމިޔާބުކުރި ލަނޑުންނެވެ. އަދި އޭގެ ހަތަރު މިނިޓު ފަހުން އެ ޓީމަށް ލީޑު ނަގައިދިނީ ރަޔާން ކްރިސްޓީ އެވެ.
މިއާ އެކު ބޯންމައުތު ވަނީ ނުވަ މެޗުން 12 ޕޮއިންޓް ހޯދައިގެން ޓޭބަލްގެ އަށްވަނައަށް ޖެހިލައިފަ އެވެ.