ހިތް
ހިތް

ބުދަ ދުވަހާ ގުޅޭ

ފޮޓޯއަށް ބަލަން ނަޒްދާ ހުއްޓައި ދެން އައީ ފިރިހެނެއްގެ ފޮޓޯއެކެވެ. ފުރަތަމަ ވެސް ނަޒްދާއަށް ބަލައިލެވުނީ ފަހަތެވެ. މުޖުތަބާ ކޮބައިތޯއެވެ. ބޮޑުވަމުންއައި އިރު ނަޒްދާ ވެސް ފިރިހެނުންނަށް ބެލިއެވެ. އެކި މީސްމީހުންނަށް ހިތްކިއެވެ. ސަލާން ވެސް ފޮނުވިއެވެ. އެހެންނަމަވެސް، މުޖުތަބާޔާ ކައިވެނިކުރި ފަހުން، ނުބައި ނިޔަތެއްގައި ނަޒްދާ ހިލޭފިރިހެނަކަށް ނުބަލައެވެ. ބަލަން ވަގުތު ނުވާތީއެއް ނޫނެވެ. ބޭނުން ނުވީއެވެ. ހުރިހައި ފިރިހެނުން އެއް ތިލަފަތަކުން ކިރައިލީއެވެ. ފޮނި ހުވަފެންތަކަކާ އެކުގައި ކުރި ކައިވެނި ބިލާހަކަށްވީމައެވެ. ނަޒްދާ ފޯނަށް ބަލަހައްޓައިގެން ހުއްޓެވެ. ހިތަށްއެރިއެވެ. ނަޒްދާއަށް މެސެޖުފޮނުވާ މީހަކީ އެއީ ހެއްޔެވެ؟ ޔަގީންކުރެވޭނެ އެއްވެސް ގޮތެއް ނެތެވެ. އެކި ފަހަރު އެކި ނަންބަރުން މެސެޖު ފޮނުވާތީއެވެ.

"ކޯޗެއް ތި ބަލަނީ؟" މުޖުތަބާގެ އަޑުއިވުނެވެ.

ނަޒްދާގެ މެޔަށް ހީވީ ފެންއެއްޗެއް އޮއްސައިލިހެންނެވެ. އަވަސްއަވަހަށް ވައިބާއިން ނުކުތެވެ. އުނދުން ޖައްސައި، ރިހަފޮދު ހޫނުކުރަން ފެށިއެވެ.

"އެއްޗެއް ނުބަލަން،" ނަޒްދާ ބުނެލިއެވެ. "އަޒާން ނިދީ؟"

ނަޒްދާ ކުރި ސުވާލަކަށް މުޖުތަބާ ނުވެސް ވިސްނައެވެ. މުޖުތަބާ ދެއްކީ މުޅީން އެހެން ވާހަކައެކެވެ.

"ކޮޓަރީގެ ބޮކި އަނދާފައެއްނު ހުރީ،" އައިސްއަލަމާރި ހުޅުވާލަމުން މުޖުތަބާ ބުންޏެވެ. "ކީއްވެ ކުރިން ނުބުނީ؟ ބުނި ނަމަ ބޮތްކެއް ގަނެގެންނޭ އައީހީ. ނަޒްދާ ތަންކޮޅެއް ރަނގަޅަށް ގޭތެރޭގެ ކަންކަން ބަލަހައްޓަބަލަ! މިރޭ ދެން އަނދިރީގައެއްނު މި ނިދަންޖެހުނީ."

އެއީ ތެދެކެވެ. ކޮޓަރީގެ ނިދާބޮކި ހުރީ އަނދައިފައެވެ. ކުރީ ރޭ ނިދި އިރު މުޖުތަބާއަށް ވެސް އެ ކަން އެނގޭނެއެވެ. ނަޒްދާ ގުޅާފައި އެ ކަން ހަނދާންކޮށްދީފިއްޔާ ވާނީ އަބަދު ކަންތަކުކިޔަނީކަމަށެވެ. ބަދަލުގައި މީރު ސަޔެއް ނުލިބިއެއް ނުދާނެއެވެ. އެ ކަން ހަނދާންކޮށްދޭން ނަޒްދާ ހިތަށްއެރިއެވެ. އޭރުން ވެސް ލިބޭނީ ސަޔެކެވެ. ސަލާމަތެއް ނެތެވެ. ތަންކޮޅެއް އަރާމުގައި ނިދާލަން ނަޒްދާ ބޭނުމެވެ.

"މުޖޫއަށް ރަނގަޅެއްނު،" ލާނެތް ރާގެއްގައި ނަޒްދާ ބުނެލިއެވެ. "ދެން ހީކޮށްލާ ކައިރީގަ އޮތީ އެކްސްއޭ. އުފާވާނެއްނު!"

ކުއްލިއަކަށް ހީނގަނެވުމުން މުޖުތަބާގެ އަނގައިގައި ހުރި ފެންތައް ބުރުއްސައިގެންދިޔައެވެ.

"ކުރާ ކަންތައް!" ފެންތަށި ބަހައްޓާފައި، ޓިޝޫއަކުން ތަޅުންގަނޑު ސާފުކުރަމުން މުޖުތަބާ ބުންޏެވެ. "ނަޒްދާ އަސްލު އޭނަ ދެކެ ވަރަށް ޖޭވޭ ދޯ؟ އަހަރުމެންގެ މިހާރު އެ ކަހަލަ އެއްވެސް ގުޅުމެއް ނޯންނާނެ. އޮންނަ ނަމަ އޭނަ އަހަންނަކަށް ޖެއްސުމެއް ނުކުރާނެއްނު! އޭނަގެ ބޭނުމަކީ ފަނިވައްޓައިގެން އަހަރުމެން ޖެއްސުން."

މުޖުތަބާގެ ވާހަކައަށް ވުރެ ބޮޑަށް ނަޒްދާއަށް ސަމާލުކަންދެވުނީ މުޖުތަބާ އެ ވަގުތު ކުރި ކަންތަކަށެވެ. ތަޅުންގަނޑަށް އެޅުނު ފެންތައް ސާފުކުރީ މުޖުތަބާ އަމިއްލައަށް ފެނިގެންނެވެ. އެއީ މުޖުތަބާގެ ރަނގަޅު ސިފައެކެވެ. އަމިއްލައަށް ފެނިގެން އެ ކަހަލަ ކުދިކުދި ކަންތައް އޭނަ ކުރާނެއެވެ. ބައެއް ފަހަރު ނަޒްދާ ހިތަށްއަރައެވެ. މުޖުތަބާއަކީ ރަނގަޅު ފިރިއެއް ހެއްޔެވެ؟ ގޯސް ފިރިއެއް ހެއްޔެވެ؟ ޝުކުރުކޮށްލައިގެން ނަޒްދާ އުޅެންވީ ހެއްޔެވެ؟ އަޒާނަށް އަށާރަ ފުރުނީމައި، ހަގީގަތުގައި ވެސް ނަޒްދާ ވަރިވާންވީ ހެއްޔެވެ؟

އަސުރުނަމާދަށް ބަންގިގޮވިއެވެ. ފޮތްފިހާރަ ލައްޕާފައި، ބަންދުބޯޑު އަޅުވާފައި ބިދޭސީ މީހާ ދިޔައީ ނަމާދަށެވެ. އެތެރޭގައި ތިބީ މޫމިނާއާއި ނަޒްދާއެވެ. އިރުކޮޅަކުން ނަޒްދާ ދާނީ ދަރިފުޅު ބަލާ ޓިއުޝަންކިލާހަށެވެ. ދެން ފިހާރައިގައި އެ ދުވަހު އިންނާނީ މޫމިނާއެވެ. މޫމިނާ އިނީ ނަޒްދާގެ ފޯނަށް ބަލަހައްޓައިގެންނެވެ. ނަޒްދާ ދެއްކީ ވައިބާއިން ނަޒްދާއަށް އައި ފޮޓޯއެވެ.

"ތީތަ އޭނަ؟" މޫމިނާ އެހިއެވެ.

"ނޭނގެ! ވެދާނެ!" ނަޒްދާ ޖަވާބުދިނެވެ. "ވެދާނެ އެހެން މީހަކަށް ވެސް. ޔަގީނުން ވެސް މީ ސައިކު ނެރެން އަހަންނަށް ހެލްޕުވި މީހާއެއް ނޫން. އެއްވެސް ތާކުން މި މީހާ ފެނުނު ހަނދާނެއް ނުވޭ! ފިލާ ހުންނަން ބޭނުންވާ މީހަކު ހީވޭތަ އޭނަގެ ފޮޓޯއެއް އަހަންނަށް ފޮނުވާނެހެން؟"

"އާނ! ހަމަ ފޮނުވަފާނެ،" މޫމިނާ ބުންޏެވެ. "ފިރިހެނުން ވަރަށް އެ ފާޑުވާނެ. އަހަރެން ކައިރީ އަހާބަލަ! ތިންވަނަ މީހާޔާ އިނދެގެނޭ މި އުޅެނީ."

ދެ މީހުން އެކުގައި ހީނގަތެވެ. މޫމިނާ ކުރިން ދެ ކައިވެނި ކުރިއެވެ. ފުރަތަމަ މީހާ ވީ އަނިޔާވެރިޔަކަށެވެ. ދެވަނަ މީހާ ވީ ބޭވަފާތެރިޔަކަށެވެ. އެހެންނަމަވެސް މޫމިނާއަކީ، ބިންގަނޑަށް ތުންގަނޑު ހަރާލައިގެން އިންނަ ކަހަލަ ދޫންޏެއް ނޫނެވެ. މިނިވަންކަމާ އެކުގައި އުދުހެން ބޭނުންވާ ދޫންޏެކެވެ. ބަލިގަބޫލުކުރަން ބޭނުން ނުވާ އަންހެނެކެވެ. މޫމިނާގެ ނިންމުން ވަރަށް ސާފެވެ. ތިންވަނަ މީހާޔާ އެކުގައި ނޫޅެވިއްޖެ ނަމަ، ހަތަރުވަނަ މީހަކާ ވެސް އިންނާނެއެވެ.

"ލޯބި މީހެއް!" މޫމިނާ ބުންޏެވެ. "ގޮތެއް އެބަ ހުރި. ނޫންތަ؟"

އެ ސުވާލަކަށް ނަޒްދާ ޖަވާބެއް ނުދިނެވެ. އެކަމަކު ނަޒްދާގެ ހިތް ބުންޏެވެ. ޔަގީނުން ވެސް މުޖުތަބާއަށް ވުރެ ސިފަ ރީއްޗެވެ. އެހެނަސް، މީހަކާ އިނދެގެން ހުރެ އެހެން ފިރިހެނަކާ ދޭތެރޭ ވިސްނާކަށް ނަޒްދާ ބޭނުމެއް ނޫނެވެ.

"އަހަރެންގެ ސުވާލަކީ ތިއެއް ނޫނޭ،" ނަޒްދާ ފޯނު ދަބަހަށް ލަމުން، ގަޑިޔަށް ބަލައިލަމުން ބުންޏެވެ. "ސުވާލަކީ، ގަސްތުގަ ކީއްކުރަންހޭ އޭނަ މޫނު ދައްކަންވީ؟ ކީއްކުރަންހޭ ބޭޒާރުވާންވީ؟"

"ނަޒްދާއަށް ހާދަ ނުވިސްނެޔޭ،" މޫމިނާ ޗޮކެއްކަނޑާފައި ބުންޏެވެ. "ނަޒްދާ ބުނެފައެއްނު އޮތީ މެސެޖުނުކުރައްޗޭ! ތީ މެސެޖެއް ނޫނެއްނު! ފޮޓޯއެއް. ތީ އޭނަކަން ޔަގީންކުރަން ނަޒްދާ ޖެހޭނީ އޭނަ ކައިރީ އަހަން. ނަޒްދާ ލައްވާ ވާހަކަދައްކުވަން އޭނަ އެ އުޅެނީ."

"އައްޗި!" ތެދުވެގެން ދޮރާ ދިމާއަށް ހިނގައިގަންނަމުން ނަޒްދާ ބުންޏެވެ. "މަ އެބަ އުޅޭތަ މޮޔަވެގެން؟"

މޮޔައެއްހެން މީހަކު ފޯނަށް ބަލަހައްޓައިގެން އިނެވެ. ނަޒްދާގެ ޚަބަރެއްވޭތޯއެވެ. އިރުއޮއްސުނެވެ. މެންދަންވިއެވެ. ކުޑަމިނުން މެސެޖެއްހައި ހިސާބު ވެސް ނައެވެ. ދެން އޭނަ ކުރަން ނިންމާފައި އޮތް ކަމަކީ، ކުރަން އެހައި ބޭނުންވި ކަމެއް ނޫނެވެ. އެހެނަސް، ނަޒްދާގެ ސަމާލުކަން އަތުލުމަށް ޓަކައި އެ މަގު ނޫން އެހެން މަގެއް ނެތެވެ.

ފަތިސްނަމާދަށް ނަޒްދާ ހޭލިއެވެ. ނަމާދުކޮށް ނިންމައިގެން ކޮޓަރިން ނުކުތެވެ. އާންމުކޮށް ހެނދުނުގެ ނާސްތާއަށް ހުންނަނީ ޕާނެވެ. އެއީ މުޖުތަބާގެ އެންމެ މަގުބޫލު ނާސްތާއެވެ. އެ ދުވަހު ނަޒްދާ ހިތަށްއެރިއެވެ. މިއަދު އަހަރެން ކާނީ ރޮށްޓެވެ. މީރު ނޫން އެއްޗެއް ކެއުމުގެ ބޭނުމެއް ކޮބައި ހެއްޔެވެ؟ ރޮށި ފިހަން ނަޒްދާ ފުށްގަނޑުމޮޑެން ފެށިއެވެ. އޭރު ވެސް ނަޒްދާގެ ހިތުގައި ސުވާލެއް އޮތެވެ. ނަޒްދާއަށް ފޮޓޯ ފޮނުވި މީހާގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ އެއީ ހަމަ އޭނަގެ ފޮޓޯއެއް ހެއްޔެވެ؟ ފަހަރެއްގައި އެއީ މުޖުތަބާގެ ކަމަކަށް ނުވާނެބާއެވެ؟ ނަޒްދާގެ ތެދުވެރިކަން ވަޒަންކޮށްލަން ކުރާ ޓެސްޓަކަށް ނުވާނެބާއެވެ؟ މުޖުތަބާ ކުރިން އިން ނީޒާޔާ ބެހޭ ގޮތުން، ދޭތެރެދޭތެރެއިން ނަޒްދާ ލާނެތް އެއްޗެހި ބުނެއެވެ. މުޖުތަބާ ވެސް އެ ގޮތަށް ނަޒްދާޔާ ދިމާކުރާނެ ފުރުސަތެއް ތަނަވަސްކުރަނީބާއެވެ؟ އެހެން ހަދާކަމުގައިވާ ނަމަ ނަޒްދާ ވަރަށް ރުޅިއަންނާނެއެވެ. އެއީ ހެޔޮއެދޭ ފިރިޔަކު ކުރާ ކަހަލަ ކަންތައް ހެއްޔެވެ؟ އޭރު، ނޭނގި ނަމަވެސް ނަޒްދާގެ ގޮށްމުށުގެ ބާރު ތަހައްމަލުކުރަމުންގެންދިޔައީ މޮޑެފައިވާ ފުށްގަނޑެވެ. ނަޒްދާ ހިތަށްއެރިއެވެ. އެ ކަން ފަޅާއަރާ ދުވަހަކުން ނަޒްދާއަކީ ވެސް ކިހައި ރުޅިއަންނަ މީހެއްކަން މުޖުތަބާއަށް ދައްކައިލާނަމެވެ. ދެން ހިތަށްއެރިއެވެ. އެކަނި އިނދެގެން މި ވިސްނަނީ ކޯޗެއް ހެއްޔެވެ؟ ކުރަންވީ ކަމަކީ އޭނަ މަތިން ހަނދާންނައްތައިލުމެވެ. އެއީ ނަޒްދާގެ ކާކު ހެއްޔެވެ؟ މެސެޖާއި ފޮޓޯ ފޮނުވަފޮނުވާ އޭނަ ހުރެދާނެ ނޫން ހެއްޔެވެ. ތަށްޓަށް ފުށްގަނޑު ޖަހައިފައި ނަޒްދާ ތެދުވިއެވެ. އެ ވަގުތު، ސިޑިގޮޅިއަށް އަލިކުރަން ދިއްލާފައި ހުންނަ ބޮކި ނިއްވާނުލައި ހުރިކަން ހަނދާންވިއެވެ. ނަޒްދާ ގޮސް އެ ބޮކި ނިއްވައިލަން ހުއްޓުނު ވަގުތު، އެއްޗަކަށް ފައިން އެރުނެވެ. ބަލައިލި އިރު ސިޓީއުރައެއް އޮތެވެ. އުރަ ނަގައި އަނެއް ފުށް ބަލައިލި އިރު، އެޑުރެސް ކޮށްފައި އޮތީ ނަޒްދާއަށެވެ. ނަޒްދާގެ މުޅި ހަށިގަނޑު ފިނިވެގެންދިޔައެވެ. އުރަ ކަނޑައި ވެސް ނުލައި ގެންގޮސް، ބަދިގޭ ކަބަޑުގެ ދަތި ދޭތެރެއަކަށް ކޮއްޕައިލިއެވެ. ރޮށިދަމަން ފެށިއެވެ. ނަމާދަށް މުޖުތަބާ ކޮޓަރިން ނުކުތީ އެ ވަގުތުއެވެ. އޭރު ވެސް ނަޒްދާގެ ފައި ތުރުތުރުއަޅައެވެ. ނަޒްދާއަށް ވުރެ ކުރިން މުޖުތަބާއަށް އެ ސިޓީއުރަ ފެނުނު ނަމަ ދެން ވާނީ ކިހިނެއް ހެއްޔެވެ؟

"އަހަނ! ކޮން ރޮށްޓެއް މި ފިހަނީ؟" މުޖުތަބާ އެހިއެވެ.

"އަހަންނަށް." ނަޒްދާ ޖަވާބުދިނެވެ.

"ހީވެއްޖޭ!" ނުކުންނަމުން މުޖުތަބާ ބުނެލިއެވެ. "އަހަރެން ވެސް މިއަދު ރޮށިކާ ހިތްވެއްޖެ! މަސްހުނި ހަދައްޗޭ!"

މުޖުތަބާ ނުކުތެވެ. ނަޒްދާ ރޮށިދެމުން ހުއްޓައިލިއެވެ. ފުން ނޭވައެއް ބޭރުކޮށްލިއެވެ. އިސްޖަހާލައިގެން އެތައް އިރަކު ވިސްނަން ހުއްޓެވެ. ހިތަށްއެރިއެވެ. މި ޖެހުނީ ކިހައި ބޮޑުކަމެއް ހެއްޔެވެ؟ ދެން ވެސް މުޖުތަބާ ގާތުގައި އެ ވާހަކަ ބުނަންވީ ހެއްޔެވެ؟ އެކަމަކު ނަޒްދާގެ ވާހަކަ މުޖުތަބާ ގަބޫލުކުރާނެ ހެއްޔެވެ؟ ހަޅޭއްލަވައިގަންނާނީ ހެއްޔެވެ؟ ނަޒްދާ ދެން ބަލައިލީ ފޯނެވެ. އެއްވެސް މެސެޖެއް އޮތްތޯއެވެ. އޮތެވެ. ވައިބާއިން އަނެއްކާ ވެސް ފޮނުވާފައި އޮތީ ފޮޓޯއެކެވެ. އެއީ ސިޓީއުރަ ދޮރުދަށުން ކޮއްޕާލަމުން ނަގާފައިވާ ފޮޓޯއެކެވެ. ވަގުތަކީ ދަންވަރު ދެގަޑި ތިރީސް ދޭކެވެ.

"ކިހާ ބޮޑުކަމެއް؟" ހިތާހިތުން ނަޒްދާއަށް ބުނެވުނެވެ.

"އަހަންނަށް ފާޑުފާޑުގެ އެއްޗެހި ނުފޮނުވަބަލަ!" ނަޒްދާ މެސެޖެއް ލިޔުނެވެ.

އެ މެސެޖު ފޮނުވުމުގެ ކުރިން ނަޒްދާ ތިން ފަހަރަށް ވިސްނިއެވެ. މެސެޖު ފޮނުވައިފިއްޔާ އަނެއްކާ ވެސް އެއްޗެއް ބުނަން އޭނައަށް ދައުވަތު ދެވޭނެތީއެވެ. މެސެޖު ފުހެލިއެވެ. ސިޓީއުރަ ނެގިއެވެ. ހިތަށްއެރިއެވެ. އެތެރޭގައި އޮތީ ކޯޗެއް ހެއްޔެވެ؟ އުރަ ކަނޑަން ހިފާލައިފައި އަނެއްކާ ވެސް އުރަ ކުރިން އޮތް ތަނަށް ލިޔެވެ. ކުރިން ލިޔުނު މެސެޖު ލިޔެލިއެވެ. ދެލޯ މަރައިލައިފައި މެސެޖު ފޮނުވައިލިއެވެ. ހަމަ ފޮނުވައިލުމާ އެކު "އޭނަ" ޖަވާބުލިޔަން ފެށިއެވެ. ނަޒްދާގެ ހިތް ވަރަށް ބާރަށް ތެޅިގަތެވެ. ހިތަށްއެރިއެވެ. ހަތަރުދަމު އޭނަ ފޯނަށް ބަލަހައްޓައިގެން ނަޒްދާގެ މެސެޖަކަށް އިންތިޒާރުކުރީ ހެއްޔެވެ؟ އެއީ މޮޔައެއް ހެއްޔެވެ؟

"މުޖޫ ނަމާދަށް ނުކުންނަންދެން ދޯ ތި މަޑުކުރީ؟" މެސެޖުގައި އޮތެވެ.

ނުނިމޭ