09 އޮކްޓޯބަރ 2022 - 06:42

ތެލޫގޫ ފިލްމު، "ޕުޝްޕާ 2" ގައި ބޮލީވުޑްގެ އެކްޓަރު އަރްޖުން ކަޕޫރު ނުފެންނާނެ ކަމަށް ފިލްމުގެ ޕްރޮޑިއުސަރު ނަވީން ޔެރްނެނީ ބުނެފި އެވެ.
މަޝްހޫރު އެކްޓަރު އައްލޫ އަރްޖުން އާއި ރަޝްމިކާ މަންދަންނާ ލީޑު ކުޅޭ އެ ފިލްމުގައި އަރްޖުން ފެންނާނެ ކަމަށް މީގެ ކުރިން އަޑު އެރި އެވެ. އެކަމަކު އެއީ "ދޮގު ހަބަރެއް" ކަމަށް މިފަހުން ދިން އިންޓަވިއެއްގައި ފިލްމުގެ ޕްރޮޑިއުސަރު ވަނީ ބުނެފަ އެވެ.
ޕުޝްޕާގެ ފުރަތަމަ ބަޔަކީ އިންޑިއާ އިން ވަރަށް މަދުން ނޫނީ ނުލިބޭ ލަކުނޑީގެ ބާވަތެއް ވަގަށް އެހެން ގައުމުތަކަށް އެތެރެކޮށްގެން އާމްދަނީ ހޯދުމަށް މީހަކު ކުރާ މަސައްކަތް ދައްކުވައިދޭ ފިލްމެކެވެ. ދެކުނު އިންޑިއާގެ އިތުރުން މުޅި އިންޑިއާ އާއި ދުނިޔޭގެ އެކި ގައުމުތަކުގައި ފިލްމަށް ލިބުނު ތަރުހީބު ބޮޑުވެ އެ ފިލްމުގެ ދެވަނަ ބައެއް އުފެއްދުމަށް މިހާރު އަންނަނީ މަސައްކަތް ކުރަމުންނެެވެ.
ފުރަތަމަ ބައިން ފެނުނު ދެ ތަރިން ލީޑު ކުޅޭ ގޮތަށް ހަމަޖެހިފައިވާ އެ ފިލްމުގެ މަސައްކަތް އަންނަ މަހު ފަށާނެ އެވެ.
އާންމުން އުއްމީދުކުރާ ވަރުގެ މަސައްކަތަކަށް އެ ފިލްމު ހެދުމަށް ވަރަށް މަސައްކަތްކުރާނެ ކަމަށް އެތަރިން ބުނެފައިވެ އެވެ.
އެ ފިލްމު ރިލީޒްކުރާނީ އަންނަ އަހަރު އެެވެ.