ދަނުޝް އާއި އަނބިމީހާ ސުލްހަވެ، އަލުން އެކުގައި އުޅެނީ؟
ދަނުޝް އާއި އަނބިމީހާ ސުލްހަވެ، އަލުން އެކުގައި އުޅެނީ؟

ތަމަޅަ ސިނަމާގައި މަޝްހޫރު ދަނުޝް އާއި އޭނާގެ އަނބިމީހާ، އައިޝްވާރިޔާ ރަޖިނީކާންތުގެ 18 އަހަރުވީ ކައިވެނި ރޫޅާލަން ނިންމިކަން އިއުލާންކުރީ މި އަހަރުގެ ޖެނުއަރީ މަހު އެވެ. އެކަމަކު އެ ދެ މީހުން ވަކިން ނުވަ މަސް ދުވަހު އުޅުމަށް ފަހު އަލުން ސުލްހަވެ، ދެ ތަރިން އެކުގައި އުޅެން ނިންމާފައިވާ ކަމަށް ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ އިންޑިއާގެ މީޑިއާތަކުގައި ވެ އެވެ.

ތަމަޅަ ފިލްމު އިންޑަސްޓްރީގައި މަގުބޫލު އެކްޓަރު އަދި ޕްރޮޑިއުސަރު، ރަޖިނީކާންތުގެ އަންހެން ދަރިފުޅާއި ދަނުޝް ވަކިވިއިރު އެ މީހުންނަށް ދެ ދަރިން ލިބިފައިވެ އެވެ.

ނަމަވެސް ދެ ތަރިން ވަކިވާން ނިންމިކަން އިއުލާންކޮށް، ނެރުނު ބަޔާނެއްގައި ވަނީ އެ މީހުންގެ ހަޔާތުގައި ދިމާވި ދަތި އުނދަގޫ ވަގުތު ޕްރައިވެސީ އަށް އިހުތިރާމު ކުރުމަށް އެދިފަ އެވެ.

އެކަމަކު މިހާރު ރިޕޯޓްތައް ބުނާގޮތުގައި އެ މީހުންގެ ނިންމުމާ ގުޅިގެން އާއިލާގެ މެމްބަރުން ވަނީ އެ ގުޅުން އިތުރަށް ދެމެހެއްޓުމަށް ނަސޭހަތް ދީފަ އެވެ. އެހެންވެ އަލުން ސުލްހަވާން ނިންމާފައިވާ ކަމަށް ވެ އެވެ. ނަމަވެސް މިހާތަނަށް އެކަން އެ މީހުން އިއުލާނެއް ނުކުރެ އެވެ.

ދަނުޝް އާއި އައިޝްވާރިޔާ 2004 ގައި ކައިވެނިކޮށް، އެ މީހުންނަށް ދެ ފިރިހެން ކުދިން ލިބިފައިވެ އެވެ.

ދަނުޝްގެ ފިލްމީ މަސައްކަތްތަކަށް ބަލާއިރު ތަމަޅަ ސިނަމާގައި ފިޔަ ޖަހާލުމަށް ފަހު އޭނާ ވަނީ މިދިޔަ އަހަރު އަކްޝޭ ކުމާރާއި ސާރާ އަލީ ޚާންގެ ފިލްމު، "އަތުރަންގި ލޭ" ގައި ވެސް މަސައްކަތް ކޮށްފަ އެވެ. އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ތަމަޅަ ދެ ތިން ފިލްމެއް އެބަ އޮތެވެ.