08 އޮކްޓޯބަރ 2022 - 07:56

ތެލޫގޫ ސިނަމާގައި މަޝްހޫރު ދެ ތަރިން ކަމަށްވާ ވިޖޭ ދެވަރަކޮންޑާ އާއި ރަޝްމިކާ މަންދަންނާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަން އަތުވެއްޖެ އެވެ.
ބޮލީވުޑްގެ ފިލްމު "ލައިގާ" ކުޅުމުގެ ކުރިން ވެސް ވިޖޭ، ރަޝްމިކާއާ ރައްޓެހިވެގެން އުޅޭ ކަމުގެ އަޑު އެރި އެވެ. އެކަމަކު އޭނާ އުޅެނީ މީހަކާ ރައްޓެހިވެގެންތޯ މި އަހަރު ގެނެސްދިން ކޮފީ ވިތު ކަރަން ޝޯގައި ސުވާލުކުރުމުން ވެސް އެ ކަމަށް އެއްބަހެއް ނުވެ އެވެ.
ރައްޓެހިވެގެން އުޅޭ ކަމަށް އެއްބަސް ނުވިޔަސް މުމްބާއީގެ އެއާޕޯޓުން އިއްޔެ އެ ދެ ތަރިން ޕަޕަރާޒީންނަށް ފެނުނެވެ.
އެ މީހުން އައީ ރާއްޖެ އަށް ކަމަށް ރިޕޯޓްތައް ބުނާއިރު، އެއީ އެ ދެ ތަރިން ރާއްޖެ އަށް ކުރާ ފުރަތަމަ ދަތުރެވެ.
މިހާތަނަށް ރާއްޖޭގެ އެއްވެސް މަންޒަރެއް އެ ތަރިން ސޯޝަލް މީޑިއާގައި އާންމެއް ނުކުރެ އެވެ. އެ މީހުން ތިބީ ކޮން ރިސޯޓެއްގައި ކަމެއް ވެސް ނޭނގެ އެވެ.
"ޕުޝްޕާ" އިން މުޅި ފިލްމު އިންޑަސްޓްރީގައި މަގުބޫލުވި ރަޝްމިކާ އާއި ވިޖޭގެ ކެމިސްޓްރީ ގިނަ ބަޔަކަށް ކަމުދެ އެވެ. އެ ދެ ތަރިން ވަނީ ތެލޫގޫ ފިލްމު، "ގީތާ ގޮވިންދަމް" އާއި "ޑިއާ ކޮމްރޭޑް" އިން ފެނިފަ އެވެ.
އެ މީހުންގެ މެދުގައި އޮންނަ ގުޅުމުގެ ސަބަބުން ޑޭޓްކުރަނީ ކަމަށް ބުންޏަސް އެ ދެ ތަރިން ކުރިން ވެސް ބުނެފައި ވަނީ އެއީ "ހަމަ ގާތް ދެ ރަހުމަތްތެރިން" ކަމަށެވެ.
އެ އަޑުތަކާ ގުޅިގެން މި ފަހުން އިންޓަވިއުއެއްގައި ރަޝްމިކާ ބުނީ އެ މީހުންގެ ކެރިއަރުގެ ކުރީކޮޅު އިންޑަސްޓްރީއާ ގުޅޭ މާ ބޮޑު މައުލޫމާތެއް ނޭނގޭއިރު، ގިނަ މަސައްކަތްތަކެއް ވިޖޭއާ އެކު ކޮށްފައިވާ ކަމަށެވެ. އެ މީހުން ރައްޓެހިވެގެން އުޅުމާ ގުޅޭ ގޮތުން ދެކެވޭ ވާހަކަތައް "ވަރަށް ކިއުޓް"ކަމަށް ރަޝްމިކާ ސިފަކުރެ އެވެ.
ވިޖޭ ވެސް ބުނެފައި ވަނީ ރަޝްމިކާއަކީ އޭނާގެ ވަރަށް ގާތް މީހެއް ކަމަށާއި ފިލްމުތަކުގައި މަސައްކަތްކުރުމުން ގުޅުން ބަދަހިވާ ކަމަށެވެ.
ތެލޫގޫ އިންޑަސްޓްރީގައި އެންމެ މަގުބޫލު ދެ ތަރިން އެކުގައި ރާއްޖެ އައި ޚަބަރާ އެކު ސަޕޯޓަރުން ބުނަނީ އެ މީހުންގެ ގުޅުން ރަސްމީ ކުރީ ކަމަށެވެ. ޕަޕަރާޒީންގެ ވީޑިއޯތަކުން ވެސް ފެންނަނީ ދެ ތަރިން ވަކިން ގޮސް އެއާޕޯޓަށް ވަންނަ މަންޒަރެވެ.
ޒުވާން ތަރި، އަނަންޔާ ޕާންޑޭއާ އެކު "ލައިގާ" އިން ވިޖޭ ބޮލީވުޑަށް ނުކުތީ މިދިޔަ އޮގަސްޓް މަހު އެވެ. ރަޝްމިކާގެ ފުރަތަަމަ ބޮލީވުޑް ފިލްމު "ގުޑްބާއީ" ވަނީ އިއްޔެ ރިލީޒްކޮށްފަ އެވެ.