07 އޮކްޓޯބަރ 2022 - 17:52

ޔަމަނުގެ ދައުލަތާ ދެކޮޅަށް ހަނގުރާމަކުރަމުން އަންނަ ޓެރަރިސްޓް ގުރޫޕު، ހޫތީން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލުކުރަން ދެކޮޅު ހެދުމުން ރާއްޖޭގެ ސަރުކާރުން އެކަން ކުށްވެރިކޮށްފި އެވެ.
ފޮރިން މިނިސްޓްރީން އެކަމާ ގުޅިގެން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އދ. ގެ ސެކްރެޓަރީ ޖެނެރަލްގެ ފަރާތުން ޔަމަނަށް ކަނޑައެޅުއްވި މަންދޫބު އެކުލަވާލެއްވި ސުލްހައިގެ އެއްބަސްވުމާ ހޫތީން ދެކޮޅު ހެދުން ބަލައިނުގަނެވޭނެ ކަމަށެވެ.
"އދ. ގެ ސެކްރެޓަރީ ޖެނެރަލް ޔަމަނަށް ކަނޑައަޅުއްވައިފައި ހުންނަ އެންވޯއީ ހާންސް ގްރަންޑްބާގް ހުށަހަޅުއްވާފައިވާ ސުލްހަނާމާ ދަމަހައްޓަން ހޫތީ ޓެރަރިސްޓު ގްރޫޕުން އިންކާރު ކޮށްފައިވާތީ ރާއްޖޭން އެކަން ކުށްވެރި ކުރަން،" ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައި ވެ އެވެ.
މީގެ އިތުރުން ބަޔާނުގައި ވަނީ ޔަމަނުގެ ރައްޔިތުންނަަށް ސުލްހަ ލިބޭނެ ގޮތަކަށް އދ. އާއި ގަލްފު އިނީޝިއޭޓިވުން ލަފާދީފައިވާ ފަދައިން ޔަމަނުގެ މައްސަލައަށް ސިޔާސީ ހައްލު ގެންނަން ރާއްޖެއިން ތާއީދުކުރާ ކަމަށް ވެސް ބުނެފަ އެވެ.
ސައުދީ އަރަބިއްޔާއިން، ޔަމަނުގައި ސުލްހަ ގާއިމުކުރުމަށް ކުރަމުން އަންނަ މަސައްކަތްތައް ބަލައިގަންނަ ކަމަށް ވެސް ބަޔާނުގައި ވެ އެވެ.
ޔަމަންގައި ވަކި ވެރިކަމެއް ގާއިމުކުރުމަށް މަސައްކަތްކުރާ ހޫތީ ޖަމާއަތުގެ ހަނގުރާމަވެރިންނާއި ޔަމަން ސަރުކާރު ސިފައިންނާ ދެމެދު ދާހިލީ ހަނގުރާމައެއް ފެށުނީ 2014 ވަނަ އަހަރުގެ ތެރޭގަ އެވެ. ޔަމަންގެ ދާހިލީ ހަނގުރާމައިގައި މިހާތަނަށް 233،000 އަށް ވުރެ ގިނަ މީހުން މަރުވެ، އެތައް މިލިޔަން ބަޔަކު ގެދޮރު ވަނީ ގެއްލި ހާލުގައި ޖެހިފަ އެވެ.