ޔުނައިޓެޑް މޮޅުކޮށްދިނީ ރަޝްފޯޑާއި މާޝިއަލް
ޔުނައިޓެޑް މޮޅުކޮށްދިނީ ރަޝްފޯޑާއި މާޝިއަލް

ނުކޯސިއާ، ސައިޕްރަސް (އޮކްޓޫބަރު 7) - ޔޫއެފާ ޔޫރޮޕާ ލީގުގެ ގުރޫޕް ސްޓޭޖުގައި މެންޗެސްޓާ ޔުނައިޓެޑުން ސައިޕްރަސްގެ އޮމޯނިއާ ދެކޮޅަށް މާކަސް ރަޝްފޯޑާއި އެންތަނީ މާޝިއަލް ދެވަނަ ހާފުގައި ކުޅެން ނުކުމެ، ޔުނަައިޓެޑް މޮޅު ކޮށްދީފި އެވެ.

އޮމޯނިއާ އާ ދެކޮޅަށް ޔުނައިޓެޑުން މެޗްް ކާމިޔާބުކުރީ ފަހަތުން އަރައި 3-2 އިންނެވެ.

މެންޗެސްޓާ ޑާބީގައި ކުރިމަތިބި ބޮޑު ނާކާމިޔާބީއާ އެކު މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހަގް ވަނީ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ކަސެމީރޯ ހިމަނައިގެން ވަރުގަދަ ފުރަތަމަ 11 އެއް ކުޅެން ނެރެފަ އެވެ. އެހެން ނަމަވެސް ފުރަތަމަ ހާފު ލީޑުގައި އޮވެ ނިންމާލީ އޮމޯނިއާ އެވެ.

ކުރިން ސެލްޓިކަށް ކޯޗު ކޮށްދިން ނީލް ލެނަން ގެ އިރުޝާދުގެ ދަށުން އޮމޯނިއާ އިން ލީޑު ނެގީ ކައުންޓާ އެޓޭކެއްގައި، އުމުރުން 32 އަހަރުގެ އިރާނުގެ ފޯވާޑް ކަރީމް އަންސާރީފަރްދު އެވެ. އޭނާ އަކީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ކޮލިފައިން ގައި އޭޝިއާގެ ދެވަނަ ބުރުގައި ދިވެހިރާއްޖޭގެ ގައުމީ ޓީމާ ދެކޮޅަށް 2011 ވަނަ އަހަރު އީރާނުން ކުޅެ، 4-0 އިން މޮޅުވި މެޗުގައި ފުރަތަމަ ދެ ލަނޑު ޖެހި ކުޅުންތެރިޔާ އެވެ.

ކަރީމް އަންސާރީފަރްދު އޮމޯނިއާ އަށް ލީޑު ނަގައިދިނުމުގެ ކުރިން ބްރޫނޯ ފެނާންޑޭޒް ފޮނުވާލި ހަމަލާއެއް ވަނީ ގޯލު ހުރަސް ދަނޑީއަށް އަމާޒު ވެފަ އެވެ. އަދި އެންޓޮނީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއެއް ގޯލުގެ މަތީ ކަނަށް ވަނަ ނުދީ ދިފާއު ކުރީ އޮމޯނިއާގެ ގޯލްކީޕަރު ފަބިއާނޯ ދިފާއު ކުރި އެވެ.

ދެވަނަ ހާފު ފެށީ ރަޝްފޯޑާއި ލޫކް ޝޯ ކުޅެން އަރުވައިގެންނެވެ. ފެނާންޑޭޒް ކުރިއަށް ލީ ބޯޅައެއް އޭރިއާ
ކުރިމަތިން ހޯދައި، ގޯލުގެ ތިރީ ކަނަށް ފޮނުވާލައިގެން ރަޝްފޯޑް ޔުނައިޓެޑަށް އެއްވަރު ކޮށްދިނީ 53 ވަނަ މިނިޓުގަ އެވެ.

މެޗުގެ ފަހު 30 މިނިޓަށް ޓެން ހަގް ވަނީ ފެނާންޑޭޒްގެ ބަދަލުގައި މާޝިއަލް ކުޅެން އަރުވައިފަ އެވެ. އޭނާ ވަނީ ކުޅެން އަރައި މާ އިރެއް ނުވެ، 63 ވަނަ މިނިޓުގައި އޭރިއާ ބޭރުން ފޮނުވާލި ހަމަލާ ގޯލުގެ ތިރީ ކަނަށް އަމާޒު ކޮށްލައިގެން ޔުނައިޓެޑަށް ފުރަތަމަ ފަހަރަށް ލީޑު ނަގައިދީފަ އެވެ.

ރޮނާޅްޑޯ އަށް ވަނީ އޭނާގެ ކްލަބް ކެރިއަރުގައި 700 ވަނަ ގޯލު ޖަހަން ހުސް ފުރުސަތެއް ލިބިފަ އެވެ. ޑިއޯގޯ ޑަލޮޓް ހުސްކޮށްލާފައި ގޯލު ކުރިމަތީގައި ހުރި ރޮނާލްޑޯ އަށް ޖައްސާލި ނަމަވެސް، ރޮނާލްޑޯގެ ހަމަލާ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަ މިނިޓަށް ވެފައި ވަނިކޮށް ރޮނާލްޑޯ ފޮނުވާލި ހަމަލާއެއް ގޯލުގެ އަރިމަތިން ބޭރަށް ދަނިކޮށް، ގޯލަށް ފޮނުވާލައިގެން ޔުނައިޓެޑްގެ ތިންވަނަ ލަނޑު ކާމިޔާބު ކޮށްދިނީ ރަޝްފޯޑެވެ. އޭގެ ދެ މިނިޓު ފަހުން އޮމޯނިއާއަށް ފަރަގު ކުޑަކޮށްދިނީ ނިކޮލަސް ޕަނަޔިއޯޓޫ އެވެ.

މެޗަށް ފަހު ޔުނައިޓެޑްގެ ކޯޗު ޓެން ހަގް ވަނީ ދެވަނަ ހާފުގައި ނުކުން ރަޝްފޯޑާއި ޝޯ އަދި މާޝިއަލް އަށް ވެސް ތައުރީފް ކޮށްފަ އެވެ. އޭނާ ބުނީ ޔުނައިޓެޑުން ލީޑު ނެގުމުގައި ބަދަލުގައި އެރި ކުޅުންތެރިންގެ ދައުރު ބޮޑު ކަމަށެވެ.

"ގެނެވުނު ބަދަލުތަކުން ނަތީޖާއަށް ވަރަށް ބޮޑު އަސަަރެއް ކުރިތަން ފެނުނު، އެއީ ވަރަށް ރަނގަށް ދިޔަ ކަމެއް، އޭގެ ސަބަބުން ޓީމު އިތުރަށް ވަރުގަދަވޭ،" ޓެން ހަގް ބުންޏެވެ.

"އަހަރެންނަށް ގަބޫލު ކުރެވޭ ލޫކް (ޝޯ) އާއި ރަޝްފޯޑް ވަނީ ވަރަށް ބޮޑު ދައުރެއް އަދާކޮށްފައި، އަދި އެންތަނީ މާޝިއަލް ވެސް، 2-1 އަށް ސްކޯ ބަދަލުކޮށްލަން."

އަނިޔާގައި ދުވަސްކޮޅަކު ހުރުމަށް ފަހު މާޝިއަލް ވަނީ އެނބުރި އައިސް މެންޗެސްޓާ ޑާބީ ގައި ފަހު ހާފުގައި ކުޅެން އަރައި ޔުނައިޓެޑަށް ދެ ލަނޑު ކާމިޔާބު ކޮށްދީފަ އެވެ.

"އަހަރެމެންނަށް ޕްރީ ސީޒަނުގައި އެކަން ފެނިގެން ދިޔަ (މާޝިއަލް އަކީ މުހިއްމު ކުޅުންތެރިއެއް ކަން)، ޕްރީ ސީޒަންގައި (އެންމެ ފަހު މެޗުގައި) އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް އެންމެ ފަހު 10 މިނިޓުގައި އޭނާއަށް އަނިޔާވުމުން އަހަރެމެންނަށް ލިބުނީ ބޮޑު ހިތާމައެއް،" މާޝިއަލް އާ ބެހޭގޮތުން ޓެން ހަގް ބުންޏެވެ.

"އެހެންވެ ފުރަތަމަ ދެ ހަފްތާ ވަރު އޭނާ ނެތް ތަން އަހަރެމެންނަށް ވަރަށް ބޮޑަށް ދެއްކި، އަހަރެމެންގެ ކުޅުމަށް ވެސް އޭގެ އަސަރު ވަރަށް ބޮޑަށް ފޯރި."

ޔުނައިޓެޑް އޮތީ ތިން މެޗުން ހޯދި ހަ ޕޮއިންޓާ އެކު ގުރޫޕްގެ ދެވަނައިގަ އެވެ. އެއްވަނައިގައި އޮތީ ކުޅުނު ތިން މެޗު ވެސް ކާމިޔާބުކުރި ސްޕެއިންގެ ރެއާލް ސޮސިއެޑާޑް އެވެ.

ސޮސިއެޑާޑް ވަނީ ރޭ ރަށުން ބޭރުގައި މޮލްޑޯވާގެ ޝެރިފް ޓްރާންސިޕޯލާ ދެކޮޅަށް ކުޅުނު މެޗު 2-0 އިން ކާމިޔާބު ކޮށްފަ އެވެ.

ގުރޫޕްގެ ތިންވަނައިގައި އޮތީ ތިން ޕޮއިންޓް ހޯދާފައިވާ ޓްރާންސިޕޯލެވެ. އޮމޯނިއާ އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.