07 އޮކްޓޯބަރ 2022 - 10:05

ރާއްޖޭގެ ދިގު ދުވުންތަކުގައި މިހާރު ހުރި އެންމެ ކާމިޔާބު ދުވުންތެރިޔާ އާމިނަތު ޖައިޝާ ޖުނީޒްގެ ކުރު ތައާރަފަކީ މިއީ އެވެ؛

ކުރީގެ ދިގު ދުވުންތެރިޔާ ޒަހުރާ ހަސަންގެ ދަރިފުޅު، ކުރީގެ ދުވުންތެރިޔާ ފާތިމަތު ޝަމްހާގެ ދަރިފުޅު މިހާރުގެ ދުވުންތެރިޔާ އާމިނަތު ޖައިޝާ އެވެ.

އެންމެ ފަހުން ނިމުނު ގައުމީ އެތުލެޓިކްސް މުބާރާތުގެ އެންމެ މޮޅު އެތުލީޓުގެ މަގާމު ހޯދި ޖައިޝާ ބުނި ގޮތުގައި އޭނާގެ މާމަ، ޒަހުރާ އަކީ ކުރީގެ ދުވުންތެރިޔެކެވެ. އަދި އޭނާގެ މަންމަ ޝަމްހާ އަކީ ވެސް ކުރީގެ ދުވުންތެރިޔެކެވެ. މާމަ އާއި މަންމަގެ ކިބައިން ވާރުތަވި ދުވުމުގެ ހުނަރު ޖައިޝާ އަށް ލިބުނީ "ބޯން ޓެލެންޓެއް"ގެ ގޮތުގަ އެވެ.

ޖައިޝާ، 21، ބޭނުންވީ ދުވުންތެރިޔަކަށް ވާކަށް ނޫނެވެ. ސްކޫލްގައި ކުޅިވަރެއްގެ ގޮތުގައި އޭނާ އިހުތިޔާރުކުރީ ބާސްކެޓްބޯޅަ އެވެ. އެކަމަކު ލިބުނު ކުޑަ އަނިޔާއެއްގައި ރިކަވަރީ ހެދުމުގެ ގޮތުން ދުވުމުގެ ޓްރޭނިންގެ ތެރެއިން އޭނާގެ ހުނަރު އެތުލެޓިކްސް ކޯޗުންނަށް ފެނިގެން ދުވުމުގައި ކުރިއަށްދާން އޭނާ އަށް ހިޔާލު ދިނީ އެކަން ވީ ޖައިޝާގެ ކުޅިވަރު ކެރިއަ އެހެން ހަރުފަތަކަށް ގެންދިޔަ ބޮޑު ބަދަލުގެ ފެށުމަށެވެ.

ދެން އެހިސާބުން ޖައިޝާގެ ދުވެލި ބާރުވީ އެވެ. ރާއްޖޭގައި އޭނާ އަތުލެވޭނެ އިތުރު ދުވުންތެރިޔެއް މިހާރު ނެތެވެ. އެކަން އެނގެނީ 2017 ވަނަ އަހަރުން ފެށިގެން އެތުލެޓިކްސްގައި ވިދަން ފެށި ޖައިޝާ މިދިޔަ އަހަރާއި މިއަހަރުގެ މުބާރާތްތަކުގެ ޑިސްޓެންސް ރޭސްތަކުގައި ދެއްކި ހަލުވިކަމުންނެވެ.
ގައުމީ ޕޫލްގެ ކޯޗުސުލްތޯން ސައީދުގެ ކޯޗު ކަމުގެ ދަށުން ޖައިޝާ ފުރަތަމަ ފެށީ ސްޕްރިންޓް ޓްރޭނިންތަކެވެ. ގައުމީ ޕޫލްގެ މަރުހަލާ ބަދަލުވެ ދެން އޭނާ އަށް ކޯޗުކޮށްދޭން ހަވާލުވީ ގައުމީ ޕޫލްގެ އެހެން ކޯޗެއް ކަމަށްވާ އަބްދުﷲ އިބްރާހިމް (އަބްޅޯ ކޯޗު) އެވެ.
"ކޯޗު [އަބުޅޯ] އަޅުގަނޑު ކައިރީގައި ބުނީ ޖައި އަށް މާ ރަނގަޅަށް ދުވެވޭނެޔޭ ޑިސްޓެންސް އިވެންޓްތަކުގައި،" ކުރީގެ އަޑި ޕާކު ސަރަހައްދުގައި ބޭއްވި ޑިސްޓެންސް ދުވުންތަކުން ވަނަ ހޯދި ޒަހުރާގެ މާމަ ދަރިފުޅު ޖައިޝާ ބުންޏެވެ.
ދިގު ދުވުންތަކުގައި ސީނިއާ ލެވަލްގެ މުބާރާތްތަކުގެ ޓްރެކަށް ޖައިޝާ ނުކުތް އިރު، އޭރު ޑިސްޓެންސް ދުވުންތަކުގައި ރާއްޖޭގެ ރޭހުގައި އެންމެ ކުރީ ހުރީ ފިޓްނަސް ޓްރެއިނާ މަރްޔަމް އަބްދުލް ކަރީމް (މަރީ) އެވެ.
"މަރީ ދުވާތަން ފެންނަން ފެށީ. އެހެންވެ މަރީ އަކީ ޖައި ވަރަށް އިންސްޕަޔާ ވެގެން ފްލޯ ކުރި އެތުލީޓެއް. އެންމެ ފުރަތަމަ ފަހަރަށް މަރީ ބީޓް ކުރެވުނު ދުވަހު ވަރަށް ހިތްހަމަޖެހުނު ކޯޒް ޝީ އިޒް ދަ ބެސްޓް ޑިސްޓެންސް ރަނާ ފޯ މީ،" ޖައިޝާ ބުންޏެވެ.
މި އިންޓަވިއު "މިހާރު" ގެ ސްޓޫޑިއޯގައި ނެގި އިރު އަބްޅޮ ކޯޗު ވެސް އިނެވެ. އޭނާ ބުނީ ޖައިޝާ އަކީ އެހާ ފަސޭހައިން ބަލި ގަބޫލުކުރަން ބޭނުންވާ އެތުލީޓެއް ނޫން ކަމަށެވެ. އެހާ ޒުވާން އުމުރުގައި ވެސް، ފަހަތަށް ނުޖެހުމުގެ ސިފަތައް އެބަހުއްޓެވެ. އެއީ އެތުލީޓެއްގެ ދިރިއުޅުމުގެ އެންމެ މުހިންމު އެއް ސިފަ އެވެ.
ޖައިޝާ ބުނި ގޮތުގައި އޭނާ އަށް އެ ސިފަތައް ލިބުނީ މަންމަގެ ކިބައިންނެވެ. މަންމަ ޝަމްހާ އަކީ އަމީނިއްޔާގެ އިންޓަ ހައުސް އެތުލެޓިކްސް މީޓްގައި ރެހެންދި ހައުސްގެ އެންމެ ވިދުންގަދަ ދުވުންތެރިޔާ އެވެ. އަމީނިއްޔާގެ އިންޓަ ހައުސް އެތުލެޓިކްސް މުބާރަތަކީ އޭރު ބާއްވާ ލޯކަލް މުބާރާތްތަކަށް ވުރެ ފޯރި ގަދަ މުބާރާތްތަކެއް ކަމަށް އަމީނިއްޔާގެ ތެރެއިން ނުކުތް އޭރުގެ ގިނަ އެތުލީޓުން ބުނެ އެވެ. ޝަމްހާ ވެސް ނުކުތީ އެ ސްކޫލުންނެވެ.
ޖައިޝާ އަށް ވާރުތަވީ މާމަ އާއި މަންމަގެ "އެތުލެޓިސިޒަމް" ސިފަ އެވެ. ވަރުގަދަ ޖޯޝެއްގައި ހުރެގެން ރޭސްތަކަށް ނުކުތުމުގެ ސިއްރަކީ ވެސް އާއިލާއިން ވަރުތަވި އެ ސިފަ އެވެ. އައްޑޫގައި 2018 ގައި ބޭއްވި އެތުލެޓިކްސް މުބާރާތުގައި ވާދަކޮށް ހޯދި ބޮޑު ކާމިޔާބީއާކާ އެކު ވެސް އެ މުބާރާތުގެ އެންމެ މޮޅު އެތުލީޓްގެ އެވޯޑް ނުލިބުމުން ޖައިޝާ އަށް ރޮވުނީ ކާމިޔާބު ހޯދަން އޭނާގެ ކިބައިގައި ހުރި ވަރުގަދަ އަޒުމެއްގެ ސަބަބުން ކަމަށް އަބުޅޯ ވެސް ބުންޏެވެ.
އެއީ ކުޅިވަރުގައި ހަމަ ރަނގަޅަށް ވެސް ރޮވުނު ދުވަހެކެވެ.
"އެ ދުވަހު ރިއަލީ އައި ކްރައިޑް. އެއީ ވަރަށް މަސައްކަތް ކުރެވުނު ފަހަރެއް، ވަރަށް ރަނގަޅު ޓައިމިންގައި ހުރިހާ ރޭސްތަކެއްގައި ވެސް އެއްވަނަ ހޯދީ. އެކަމަކު އެންމެ ބެސްޓް އެތުލީޓް ނުލިބުނީމަ އައި ރިއަލީ ކްރައިޑް،" ރާއްޖޭގެ އަންހެނުންގެ 5،000 މީޓަރުގެ ގައުމީ ރެކޯޑް މިދިޔަ ގައުމީ މުބާރާތުގައި މުގުރާލި ޖައިޝާ ކިޔައި ދިނެވެ.
ނަމަވެސް އެކަމުގެ ސަބަބުން އޭނާ މޫޔޫސްވެ ހިތްވަރު އެލުވައެއް ނުލަ އެވެ. އެއަށް ވުރެ ގަދަ ހިތްވަރެއްގައި އޭނާ ނުކުތީ ތަމްރީންތަކަށެވެ. އެންމެ ފަހު ގައުމީ މުބާރާތަކީ ލޯކަލް މުބާރާތްތަކުގެ ތެރެއިން އޭނާ އަށް އެންމެ ކާމިޔާބު މުބާރާތެވެ.
ރާއްޖޭގެ 5،000 މީޓަރު ރޭސް މިހާތަނަށް އެންމެ ބާރު ސްޕީޑްގައި ދުވި ޖައިޝާ ބުނީ ގައުމީ ރެކޯޑަކަށް އޭނާ ނުވިސްނާ ކަމަށެވެ.
"ނެޝަނަލް ރެކޯޑެއް އެޗީވް ވުމަކީ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް. އެކަމަކު އަޅުގަނޑުގެ ޕްރައިމް ޓާގެޓަކީ ޑިސްޓެންސް ދުވުމުން އިންޓަނޭޝަނަލް ގޭމްސްއަކުން ރާއްޖެ އަށް މެޑަލްއެއް ހޯދައިދިނުން،" ބޭރުގެ ޓްރޭނިން ސްކޮލާޝިޕެއްގެ އުންމީދުގައި ހުރި ޒުވާން ދުވުންތެރިޔާ ބުންޏެވެ.
ޖައިޝާ މިހާރު ވެސް އަންނަނީ ފުލް ޓައިމް ކޯހެއްގައި، ކޮމްޕިއުޓާ ސައިންސްގެ ދާއިރާއިން ޑިގްރީއަށް ކިޔަވަމުންނެވެ. ފިރިމީހާއާ އެކު ހަނީމޫން ދުވަސްތަކުގައި އަދި ހުރި ޖައިޝާ ބުނީ ދުވުމާއި ކިޔެވުމުގައި ކިތަންމެ ގިނަ ވަގުތެއް ހޭދަކުރިޔަސް ކޮންމެ ދުވަހަކު ވެސް ދެމަފިރިން އެކަކު އަނެކަކަށް ވަގުތު ހުސްކުރާ ކަމަށާއި ދެ މީހުންގެ ގުޅުން ކޮފީއަކުން ފެށުނު ގޮތަށް އަދިވެސް އެ އާދަ ދަމަހައްޓާ ކަމަށެވެ.