ރާނީއާ އެހެން ކުއްޖަކާ ހޮސްޕިޓަލުން އޮޅިގެން ހޯދަން ޖެހުނު
ރާނީއާ އެހެން ކުއްޖަކާ ހޮސްޕިޓަލުން އޮޅިގެން ހޯދަން ޖެހުނު

ބޮލީވުޑްގެ ތަރި ރާނީ މުކަރުޖީ ނިސްބަތްވަނީ ވެސް ފިލްމީ އާއިލާއަކަށެވެ. ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ރާމް މުކަރުޖީ އާއި އޭނާގެ އަންހެނުން ކްރިޝްނާއަށް ލިބުނު ދަރިފުޅު، ރާނީ ފިލްމީ ދާއިރާއަށް ނުކުތީ 1996 ގައި "ބިޔާ ޕޫލް" އިންނެވެ.

އޭގެ ފަހުން ބޮލީވުޑްގައި މަގްބޫލުވި އެތައް ފިލްމަކުން އޭނާ ފެނިފައިވެ އެވެ. އޭގެ ތެރޭގައި ކުޗް ކުޗް ހޯތާ ހޭ އާއި ޗަލްތެ ޗަލްތޭ އަދި ވީރް ޒާރާ ކަހަލަ ފިލްމުތައް ހިމެނެ އެވެ.

ރާނީ، އޭނާގެ އަމިއްލަ ދިރިއުޅުމާ ގުޅޭ ވާހަކަތަކެއް، ސިމީ ގަރެވާލްގެ ޓޯކް ޝޯއެއްގައި ހިއްސާކުރިއިރު ބުނެފައި ވަނީ އޭނާގެ މަންމަ، އޭނާ ވިހޭ ދުވަހު ހޮސްޕިޓަލުގައި އެހެން ކުއްޖަކާ އޭނާއާ އޮޅުނުކަމަށެވެ.

ރާނީ އެ ވާހަކަ ކިޔައިދެމުން ބުނީ ނަރުހުން އޭނާ ގެންދިއުމަށް ފަހު ގެނައި އިރު އޮތީ އެހެން ކުއްޖެއް ކަމަށެވެ. އަދި އޭނާގެ މަންމައަށް އެ ކުއްޖާ ފެނުމާ އެކު އެއީ ރާނީ ނޫން ކަން އެނގިގެން ރޯން ފެށި ކަމަށް ބުންޏެވެ.

ރާނީ ބުނީ އޭނާގެ މަންމަ ވަނީ އޭނާ ހޯދުމަށް ފަހަރަކު ކޮޓަރިއަކަށް ވަދެ ބަލާފައި ކަމަށެވެ. އަދި އޭނާ ފެނުނީ ޕަންޖާބު ދެމަފިރިއެއްގެ ކޮޓަރިން ކަމަށް ވެސް ބުންޏެވެ. ރާނީގެ މަންމައާ ހަވާލާދީ އޭނާ ބުނި ގޮތުގައި ރާނީ ހޯދުނީ އޭނާގެ ލޮލުގެ ކުލަ އަލިކަމުންނެވެ.

ރާނީ ބުނި ގޮތުގައި އެމީހުންގެ ގޭތެރޭގައި މިހާރު ވެސް އެކަމަށް ޖޯކު ޖަހަ އެވެ. އަދި އޭނާއަކީ ޕަންޖާބީ އާއިލާއެއްގެ ކުއްޖެއް ކަމަށް ބުނެ ސަމާސާކޮށް އުޅޭ ކަމަށް ބުންޏެވެ.

ރާނީ އުޅެނީ ބޮލީވުޑްގެ ޑައިރެކްޓަރު އަދިތުޔާ ޗޯޕްރާއާ ކައިވެނިކޮށްގެންނެވެ. އެމީހުންނަށް ކުއްޖަކު ވެސް ލިބިފައިވެ އެވެ.