06 އޮކްޓޯބަރ 2022 - 18:29

ހުޅުމާލޭގައި އެޗްޑީސީން އޯޕަން އެކްސެސް ނެޓްވޯކް ގާއިމުކޮށް، އޭގެ ހިދުމަތް ފެށިތާ މިއަދަށް އަހަރެއް ވާއިރު މިހާތަނަށް 11،000 އަށް ވުރެ ގިނަ އިންޓަނެޓް ނުވަތަ ޓީވީގެ ހިދުމަތް އެ ވިއުގަ މެދުވެރިކޮށް ދެމުން އަންނަ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ފަސޭހަކަމާ އެކު އިންޓަނެޓާއި ޓީވީގެ ހިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކަށް އެއް ވިއުގައެއް މެދުވެރިކޮށް ހިދުމަތް ފޯރުކޮށްދެވޭނެ ގޮތަށް ގާއިމުކޮށްފައިވާ އެ ފައިބާ ވިއުގައަކީ ރައްޖޭގެ އެންމެ ބޮޑު އޯޕަން އެކްސެސް ނެޓްވޯކެވެ.
އެ ހިދުމަތަށް އެއް އަހަރުވުމާ ގުޅިގެން އެޗްޑީސީން ބުނީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ރާއްޖޭގެ އެންމެ ފުރަތަމަ ސްމާޓް ސިޓީ އަށް ހުޅުމާލެ ހެދުމަކީ އެ ކުންފުނީގެ އަމާޒެއް ކަމަށެވެ. ސްމާޓް ސިޓީ އަށް ހުޅުމާލެ ހެދުމަށް ބޭނުންވާ އަސާސީ ޑިޖިޓަލް އިންފްރާސްޓްރަކްޗާ ކަމަށްވާ ޖީޕޮން ނުވަތަ އޯޕަން އެކްސެސް ނެޓްވޯކް ގާއިމުކޮށް އޭގެ ހިދުމަތްތައް ފުޅާކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެ އެވެ.
އެޗްޑީސީން ބުނިގޮތުގައި ސްމާޓްކޮމް ބްރޭންޑްގެ ނަމުގައި އެ ފައިބާ ވިއުގައިގެ ހިދުމަތްތައް ފެށިތާ އަހަރެއް ވީއިރު ބޮޑެތި ކާމިޔާބީތަކެއް ވަނީ ހާސިލުކޮށްފަ އެވެ.
އެ ކުންފުނިން ބުނީ އިންޓަނެޓް އަދި ޓީވީގެ ހިދުމަތްދޭ އެންމެ ބޮޑެތި ކުންފުނިތަކުގެ ތެރޭގައި ހިމެނޭ، ދިރާގާއި އުރީދު އާއި މީޑިއާ ނެޓް އަދި އާރުއޯއެލްއާ އެކު އޯޕަން އެކްސެސް ނެޓްވޯކް ޕާޓްނާޝިޕް އެއްބަސްވުން ހަދައިގެން ހިދުމަތް ދެމުން އަންނަ ކަމަށެވެ. އެ ވިއުގަ މެދުވެރިކޮށް އެ ކުންފުނިތަކުގެ ހިދުމަތް ދެނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އުޅޭ މީހުންނަށެވެ.
އެޗްޑީސީން ބުނީ މުވާސަލާތީ ހިދުމަތްތައް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމުގެ ގޮތުން ހުޅުމާލޭގައި ތަރައްގީ ކުރަމުންދާ ބޯހިޔާވަހިކަމުގެ ތަފާތު އެކި މަޝްރޫއުތަކާ އެކު އެ ހިދުމަތް ވެސް ފުޅާކުރަމުން އަންނަ ކަމަށެވެ. ހުޅުމާލެ 2 ގެ ޒޯން ތިނަކާއި ފަހަކަށް އެ ހިދުމަތް ފުޅާކުުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.
ހުޅުމާލޭ ބަލަހައްޓަމުން އަންނަ ކުންފުނިން ބުނީ ސްމާޓްކޮމްގެ މައިގަނޑު އަމާޒަކީ ކޮމިއުނިޓީތައް ޑިޖިޓަލްކޮށް ގުޅުވާލުން ކަމަށް ވާތީ އެ މަސައްކަތް ކުރިއަށް ގެންދަނީ މުޖުތައުގެ އެކި ފަރާތްތަކާ ވަރަށް ބޮޑަށް ގުޅިގެން ކަމަށެވެ.
އެ ހިދުމަތަށް އަހަރެއް ވުމާ ދިމާކޮށް ކުޑަކުދިންނަށް ހާއްސަކޮށް "އިމޭޖިނިން އަ ސްމާޓް ސިޓީ" ގެ ނަމުގައި ކުރެހުމުގެ މުބާރާތެއް ވެސް ކުރިއަށް އެބަ ގެންދެ އެވެެ. އަދި ފުރާވަރުކުދިންގެ މެދުގައި ޓެކްނޮލޮޖީއަށް އަހުލުވެރިކުރުމަށް ފީލްޑް ޓްރިޕްތަކެއް ވެސް ބާއްވަން ހަމަޖެހިފައިވާއިރު ޒަމާނީ ޓެކްނޮލޮޖީއަށް މީހުން އަހުލުވެރިކުރުމަށް އަންނަ މަހު ހުޅުމާލޭގައި "ޑިޖިޓަލް އިންކުލުސިވިޓީ" ގެ ނަމުގައި އިވެންޓެއް ވެސް ބާއްވަން ނިންމާފައިވެ އެވެ.