06 އޮކްޓޯބަރ 2022 - 14:52

ރާއްޖޭގައި އާންމުންގެ ހާއްސަ ޝައުގުވެރިކަން ހުންނަ އިވެންޓްތައް ހިލޭ ބެލޭނެ އިންތިޒާމް ހަމަޖައްސަން ބްރޯޑްކާސްޓް ކުރުމުގެ ގަަވައިދުގެ ދަށުން ކަނޑައަޅާ އިވެންޓްތަކުގެ ލިސްޓުގައި މީގެ ކުރިން ވޯލްޑް ކަޕްގެ ހުރިހާ މެޗެއް ހިމެނިޔަސް، އެ ގަވައިދަށް ބަދަލު ގެނެސް، ވޯލްޑް ކަޕްގެ ފުރަތަމަ މެޗާއި ފައިނަލް މެޗު އެކަނި ހިމަނައިފި އެވެ. މި ގަވައިދު ބަދަލު ކުރީ މިދިޔަ މަހުގެ 19 ވަނަ ދުވަހު އެވެ.

ބްރޯޑްކާސްޓް ކުރުމުގެ ގަވައިދުގެ ދަށުން، އާންމުކޮށް އެންމެންނަށް ހިލޭ ދައްކަން ޖެހޭނެ ކަމަށް އޮންނަނީ ރައްޔިތުންގެ ހާއްސަ ޝައުގުވެރިކަން ހުރި ނުވަތަ ހުރެދާނެ ބައިނަލްއަގްވާމީ އިވެންޓްތަކާއި އެފަދަ ކުޅިވަރު މުބާރާތްތަކާއި ހަރަކާތްތަކުގެ ތެރެއިން ރައްޔިތުންނަށް ހިލޭ ލިބިދޭންޖެހޭ ކަމަށް ކޮމިޝަނުން ކަނޑައަޅާ އިވެންޓްތަކެވެ. އެއިން އެއްވެސް އިވެންޓެއްގެ ރައިޓްސް ރާއްޖޭގެ އެއްވެސް ފަރާތަކުން ރީބްރޯޑްކާސްޓް ކުރެވޭނީ، ގައުމީ ޓީވީ އަށް އޭގެ ރައިޓްސް ހިލޭ ދިނުމަށް ފަހު އެވެ.
މި އިވެންޓްތައް ލިސްޓުކޮށް ކުރިން އިއުލާނުކޮށްފައި އޮންނަން ޖެހެ އެވެ.
މީގެ ކުރިން ގަވައިދުގެ ދަށުން ލިސްޓެޑް އިވެންޓްތައް ވަކިން އިއުލާނުކޮށްފައި ނެތް ނަމަވެސް 2012، 2014 އަދި 2018 ވަނަ އަހަރު ވެސް ވޯލްޑް ކަޕް މެޗުތައް ދެއްކުމާ ބެހޭ ގޮތުން ބްރޯޑްކާސްޓިން ކޮމިޝަނުން ކުރި އިއުލާނުތަކެއްގައި ފީފާ ވޯލްޑް ކަޕަކީ ލިސްޓެޑް އިވެންޓެއް ކަމަށް ބުނެފައި އޮވެ އެވެ. އެކަމަކު އޭރު ލިސްޓެޑް އިވެންޓް ކަނޑައެޅި ރީބްރޯޑްކާސްޓް ކުރުމުގެ ގަވައިދު އުވާލާފައި މިހާރު އަމަލުކުރަނީ އޭގެ އާ ގަވައިދަކަށެވެ.
މިދިޔަ ޖެނުއަރީ މަހު އަމަލުކުރަން ފެށި ރީބްރޯޑްކާސްޓް ކުރުމުގެ އާ ގަވައިދުގައި އޮންނަނީ ލިސްޓެޑް އިވެންޓެއް ބްރޯޑްކާސްޓްކުރުުމުގެ ހައްގު އެއްވެސް ރީބްރޯޑްކާސްޓަރަކު ހޯދައިފި ނަމަ، ގާނޫނުން ކަނޑައަޅާފައިވާ ރީބްރޯޑްކާސްޓަރަށް އެ ލިސްޓެޑް އިވެންޓް ބްރޯޑްކާސްޓް ކުރުމުގެ ހައްގު އެ ބްރޯޑްކާސްޓަރަކު އަގަކާނުލައި ދޭން ވާނެ ކަމަށެވެ. އެކަމަކު އެހެން ދޭއިރު ޕަބްލިކް ސާވިސް ބްރޯޑްކާސްޓަރު އެ އިވެންޓަކުން ވިޔަފާރިކުރަން ޖެހޭނީ ލައިސަންސް ލިބިފައިވާ ފަރާތަކުން އެފަދަ ކަމެއް ކޮށްގެން ލިބޭ އާމްދަނީގެ 50 ޕަސެންޓަށް ވުރެ މަދު ނޫން ނިސްބަތަކުން، ލައިސަންސް އޮތް ފަރާތާ ހިއްސާވާ ގޮތަކަށް އެއްބަސްވެގެންނެވެ.
ލިސްޓެޑް އިވެންޓަކުން ޕަބްލިކް ބްރޯޑްކާސްޓް ކުރުމުގެ ހައްގުން މަހުރޫމުވާނެ ގޮތަކަށް ލިސްޓެޑް އިވެންޓެއް އެންމެ ފުޅާ ދާއިރާއެއްގައި ހިދުމަތް ފޯރުކޮށްދޭ ޒަރިއްޔާއިން ނުގެނެސްދެވޭ ގޮތަކަށް ލިސްޓެޑް އިވެންޓެއް ބްރޯޑްކާސްޓްކުރުމުގެ ވަކި ހައްގުތަކެއް ރީބްރޯޑްކާސްޓަރު ހޯދުމަކީ މަނާ ކަމެއް ކަމަށް ގަވައިދުގައި އޮވެ އެވެ.
● ރާއްޖޭގެ ގައުމީ ޓީމް ކުޅޭ މެޗުތައް
● އޮލިމްޕިކް ގޭމްސް
● ކޮމަންވެލްތު ގޭމްސް
● ޕެރަލިމްޕިކްސް
● ސްޕެޝަލް އޮލިމްޕިކްސް
● އޭޝިއަން ގޭމްސް
● ފީފާ ވޯލްޑް ކަޕް ހުޅުވާ މެޗު އަދި ފައިނަލް މެޗް
އެކަމަކު މިދިޔަ މަހު 19 ވަނަ ދުވަހު ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ ބްރޯޑްކާސްޓިން ގަވައިދުގެ ދަށުން ލިސްޓެޑް އިވެންޓްތައް ކަނޑައަޅައި އިއުލާނުކޮށްފަ އެވެ. އޭގައި އޮތީ ވޯލްޑް ކަޕުން އޮތީ މުބާރާތް ފަށާ މެޗާއި ފައިނަލް މެޗު އެކަންޏެވެ. އެކަމަކު ގަވައިދުގައި އޮންނަ ގޮތުން ފެށުމަށް 12 މަސް ދުވަހަށް ވުރެ ކުރު މުއްދަތެއް އޮތް އިވެންޓެއް ލިސްޓެޑް އިވެންޓްގައި ހިމަނައިގެން ނުވާނެ ކަމަށެވެ. އެހެންވެ ލިސްޓެޑް އިވެންޓް ކަނޑައެޅި ގޮތް ގަވައިދާ ވެސް ހިލާފެވެ.
އެހެން އަހަރުތަކާ ހިލާފަށް ވޯލްޑް ކަޕްގެ މެޗުތައް މި ފަހަރު ބަލަން އަގެއް ދޭން ޖެހެނީ، އެކަމަށް ޕީއެސްއެމުން ވެސް ހަރަދު ކުރަން ޖެހޭތީ އެވެ. ސަބަބަކީ، އޭގެ ރައިޓްސް ހިލޭ ލިބުމުގެ ފުރުސަތު ގެއްލުމެވެ.
ޕީއެސްއެމްގެ މެނެޖިން ޑިރެކްޓަރު އަލީ ހާލިދު މިއަދު ވިދާޅުވީ ޕީއެސްއެމުން 333،000 ޑޮލަރު (5.5 މިލިއަން ރުފިޔާ) ދައްކަން ޖެހޭ ކަމަށެވެ. ރާއްޖޭގައި ވޯލްޑް ކަޕް ރައިޓްސް މިފަހަރު ގަނެފައި ވަނީ މީޑިއާ ނެޓުންނެވެ. އެ ކުންފުނިން ވޯލްޑް ކަޕްގެ ރައިޓްސް އެ ކުންފުނީގެ އައިސް ޓީވީގެ އިތުރުން ރާއްޖެ ޓީވީ އަށް ވެސް ދެ އެވެ.
މީގެ ކުރިން ވެސް ވޯލްޑް ކަޕް ގަންނަން ޕީއެސްއެމުން ވަނީ ވަރަށް ބޮޑު ހޭދަތައް ކޮށްފަ އެވެ. އެކަމަކު އޭރު އެ ހޭދަކުރަން ޖެހުނީ އެ ރައިޓްސް ދިވެހި އެއްވެސް ކުންފުންޏަކު ގަނެފައި ނުވާތީ އާއި ސީދާ ރާއްޖެއިން ބޭރުން އެ ރައިޓްސް ހޯދަން ޖެހުމުންނެވެ. މީޑިއާ ނެޓުން ރައިޓްސް ގަންނަން ޖެހުނީ، އެހެން ފަހަރުތަކާ ހިލާފަށް އެ ކުންފުނިން ރައިޓްސް ނަގާފައިވާ ޗެނަލްތަކަށް ވެސް އެ ރައިޓްސް ނުލިބުމުންނެވެ. މިފަހަރު ވޯލްޑް ކަޕް ރައިޓްސް މި ސަރަހައްދުން ނަގާފައި ވަނީ "ވަޔާކޮމް 18" އިންނެވެ. އެނގިފައިވާ ގޮތުގައި ރައިޓްސް ގަންނަން ތިން ކުންފުނިން ހޭދަކުރަނީ އެއް މިލިއަން ޑޮލަރެވެ.
އަލީ ހާލިދު ވިދާޅުވީ ޕީއެސްއެމް އިން ދައްކަން ޖެހޭ ފައިސާ އަދި ނުދައްކާ ކަމަށާއި އެ ފައިސާ ލިބޭނެ ގޮތެއް ވެސް ހޯދަން ޖެހޭ ކަމަށެވެ. އެއްގޮތަކީ ވޯލްޑް ކަޕް ދައްކަން ޖެހޭ ޗެނަލަށް ވަކިން ފީ ދައްކައިގެން ބެލުން ކަމަށް އޭނާ ވިދާޅުވި އެވެ.
ގަވައިދަށް އެންމެ ފަހު ވަގުތު ބަދަލު ގެނައީ ކީއްވެތޯ ދެންނެވުމުން ބްރޯޑްކާސްޓިން ކޮމިޝަންގެ އިސް ބޭފުޅަކު ވިދާޅުވީ އެ ބަދަލު ގެނަޔަސް ހިލޭ ދެއްކުމަށް ޕީއެސްއެމް އަށް އޮތް ފުރުސަތު ނުގެއްލޭ ކަމަށެވެ.
"ގާނޫނުގައި އެބައޮތް ލިސްޓެޑް އިވެންޓްތައް އިއުލާންކުރަން. މީގެ ކުރިން އެކަން އިއުލާންކޮށްފައެއް ނެތް. އެހެންވެ އެކަން އަޅުގަނޑުމެން ކުރީ،" އޭނާ ވިދާޅުވި އެވެ.
އެކަމަކު އެ ކޮމިޝަންގެ އެންމެ ފަހުގެ ރައީސް މުހަންމަދު ޝަހީބު ވިދާޅުވީ ވޯލްޑް ކަޕަކީ ލިސްޓް ކޮށްފައިވާ އިވެންޓެއް ކަމަށް 2012 ގައި ކަނޑައަޅައި، 25 އެޕްރީލް 2012 ގައި އެކަން އިއުލާން ވެސް ކޮށްފައިވާ ކަމަށެވެ.
"އޭގެ ފަހުން ވެސް 2018 ގައި އަޅުގަނޑުމެން އޮންނާނެ އިއުލާންކޮށްފައި އޭރު ދިމާވި މައްސަލަތަކަކާ ހެދި ވޯލްޑް ކަޕަކީ ލިސްޓްކޮށްފައިވާ އިވެންޓެއް ކަމަށް. އަޅުގަނޑުމެން ނިންމާފައި ވާނީ ވޯލްޑް ކަޕާއި ދިވެހި ގައުމީ ފުޓުބޯޅަ ޓީމު ކުޅޭ ކޮންމެ މުބާރާތެއް އެއީ ހިލޭ ބެލެން ޖެހޭނެ އިވެންޓެއްގެ ގޮތުގައި،" އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ވިސްނިން ޔޫރޯ ވެސް މީގެ ތެރެއަށް ލާން. އެކަމަކު ކޮންމެވެސް އިވެންޓަކުން ވިޔަފާރި ކުރެވޭނެ ފުރުސަތު ލިބެން ޖެހޭނެތީ ފަހުން ނިންމީ ވޯލްޑް ކަޕް އެކަނި ހިމަނަން."
އެކަން އިއުލާންކޮށްފައިވާ ވެބްސައިޓް ލިންކްތަކެއް ވެސް ޝަހީބު ފޮނުއްވި އެވެ. އޭގައި ބުނެފައިވާ ގޮތުން ވޯލްޑް ކަޕްގެ ހުރިހާ މެޗު ހިމެނެނީ ލިސްޓް ކޮށްފައިވާ އިވެންޓްގެ ތެރޭގަ އެވެ.
އެކަމަކު އެ ކޮމިޝަންގެ މެމްބަރަކު ވިދާޅުވީ އެއިން އެއްވެސް އެއްޗެއް ކޮމިޝަނަށް ފެންނަން ނެތް ކަމަށާއި ފެންނަން އޮތީ ޑްރާފްޓްތަކެއް އެކަނި ކަމަށެވެ.
އޭނާ ވިދާޅުވީ ބްރޯޑްކާސްޓަރުންގެ ތެރޭގައި ވެސް ވިޔަފާރީގެ ވާދަވެރިކަން އޮންނަން ޖެހޭނެ ކަމަށާއި ވިޔަފާރިތައް ކޮންޓްރޯލް ކުރުން ވެސް އޮންނަން ޖެހޭނީ ވަކި އުސޫލުތަކެއްގެ ތެރޭގައި ކަމަށެވެ. އަދި، ގަވައިދަށް މިހާރު ގެނައި ބަދަލުގެ ސަބަބުން ރައްޔިތުންނަށް ވޯލްޑް ކަޕް ހިލޭ ބެލުމުގެ ފުރުސަތަށް އަދި ބަދަލެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ އެހެން ވިދާޅުވިޔަސް، އެ ގަވައިދަށް މިހާރު ގެނައި ބަދަލާ އެކު ޕީއެސްއެމް އަށް ވޯލްޑް ކަޕް ރައިޓްސް ހިލޭ ލިބުމުގެ ފުރުސަތެއް ނެތެވެ. ރާއްޖޭގެ އެއްވެސް ބަޔަކު އެ ރައިޓްސް ނަގައިގެން ބޭނުން އަގެއްގައި ވިއްކުމުގެ ފުރުސަތު ވެސް ބޮޑުވީ އެވެ. ކުރިން އޮތް ގޮތަށް ގަވައިދު އޮތް ނަމަ، ޕީއެސްއެމަށް އޭގެ ރައިޓްސް ހިލޭ ދޭން މީޑިއާ ނެޓަށް މަޖުބޫރުވާނެ އެވެ.
"މިހާރު ގެނެސްފައި އޮތް ބަދަލު އަޅުގަނޑަށް ތުހުމަތު ކުރެވެނީ ވަކި ޗެނަލަކަށް އެކްސްކްލޫސިވް ދޭން ކޮށްފައި އޮތް ކަމެއްގެ ގޮތުގައި،" ޝަހީބު ވިދާޅުވި އެވެ.
ޝަހީބު ވިދާޅުވީ ލިސްޓެޑް އިވެންޓުތައް ޕަބްލިކް ސާވިސް ބްރޯޑްކާސްޓަރަށް ދެއްކޭ ގޮތަށް އޮންނަންޖެހެނީ، ޕަބްލިކް ސާވިސް ބްރޯޑްކާސްޓަރުގެ ޗެނަލަކީ އާންމު ރައްޔިތުންނަށް ހިލޭ ލިބެންޖެހޭ ޗެނަލަކަށް ވާތީ ކަމަށެވެ.
"ހުރިހާ ރީބްރޯޑްކާސްޓަރުންނަށް މަޖުބޫރުވާނެ ޕަބްލިކް ސާވިސް ބްރޯޑްކާސްޓަރުގެ ޗެނަލް ބޭސިކް ޕެކޭޖްގައި ހިލޭ ހިމަނަން. އެއަށް ފީއެއް ނުނެގޭނެ. އެކަމަކު ދިވެހި އެހެން ޗެނަލްތައް އެހެން ޕެކޭޖުތަކުގައި ހިމަނައިން ފީވެސް ނެގޭނެ."